މި ފައިނޭންސިންގެ ދަށުން، ހުރިހާ ދާއިރާއެއް ހިމެނޭހެން މިހާރު ވެސް ހިނގަމުން އަންނަ ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މެޝިނަރީ، އިކްޕްމަންޓް، ވިޔަފާރިއަށް ބޭނުންވާ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރުގައި އިންޖީނު އެޅުން ފަދަ ބޭނުންތަކަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދަށުން ހިންގާ އެސްއެމްއީ ޑިޖިޓަލްއިން ބުނީ އާ ފައިނޭންސިން ސްކީމް ބޭނުންކޮށްގެން ޝަރީޢާ އުސޫލުތަކުގެ ތެރެއިން 100،000-5،000،000ރ. ހަމައަށް ފައިނޭންސް ލިބޭނެ ކަމަށެވެ. އަދި އެއްވެސް ރަހުނަކާ ނުލައި 1،000،000ރ. އާއި ހަމައަށް ތަކެތި ގަތުމަށް ފައިނޭންސިން ފޯރުކޮށްދޭއިރު، ފެސިލިޓީ އަނބުރާ ދެއްކުމަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން 7 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.
އެސްއެމްއީ ޑިޖިޓަލްއިން ބުނީ މި ފައިނޭންސިން ބޭނުންކޮށްގެން ޝަރީޢާ އުސޫލުތަކުގެ ތެރެއިން 100،000 ރުފިޔާއިން ފެށިގެން ފަސް މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދެވޭނެ ކަމަށެވެ.
ރަހުނެއް ހިމެނޭހެން ފެސިލިޓީ ނަގާނަމަ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ކަނޑައަޅާފައިވާއިރު، މީގެ ތެރޭގައި 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ. އަހަރަކަށް ފައިދާ ހިސާބުކުރާނީ ނުވަ އިންސައްތައާއި 10.5 އިންސައްތައާ ދެމެދުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފަ އެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް އެ ކުންފުނީގެ ނަންބަރު 3026040 އަށް ގުޅުމަށް ނުވަތަ އީމެއިލް ކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން އެދިފައި ވެއެވެ.