މި މައުރަޒުގައި 1988 ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ ހިތްދަތި ހާދިސާގެ ތަފްސީލީ ތަސްވީރުތަކާއި މަންޒަރުތައް އާންމުންނަށް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ. މި މައުރަޒު ތިނަދޫގައި ބޭއްވުމަށް ހަމަޖެއްސީ، އެ ހަމަލާގައި އެންމެ ފުރަތަމަ ޝަހީދުވި ކޯޕްރަލް އަބްދުﷲ ޒުހައިރުގެ އުފަން ރަށް ކަމަށްވާތީ އެވެ.
ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށްދާ މި މައުރަޒު ޒިޔާރަތްކުރާ ފަރާތްތަކަށް، ނޮވެމްބަރު ތިނެއްގެ ހަމަލާ ފެށުނު ވަގުތުން ފެށިގެން ދިވެހިންނަށް ނަސްރު ލިބުމާ ހަމައަށް ހިނގި ކަންކަން ފޮޓޯ، ކުރެހުން، އަޑާއި އަދި ލިޔުމުގެ އެހީގައި ޓައިމްލައިނެއްގެ ގޮތުގައި ފެނިގެންދާނެ އެވެ. އެމްއެންޑީއެފުން ބުނީ މި މައުރަޒުގެ މަގުސަދަކީ ދިވެހި ސިފައިންނާއި ރައްޔިތުން އެ ދުވަހު ދެއްކި ގަދަ ހިތްވަރާއި ވީ ގުރުބާނީތައް އަންނަން އޮތް ޖީލުތަކަށް ދައްކުވައިދިނުން ކަމަށެވެ. މި މައުރަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އެވެ.
މި މައުރަޒުގެ އިތުރުން ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިތުރު ހަރަކާތްތަކެއް ވެސް ތިނަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، އަންނަ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހު ތިނަދޫ ސްޓޭޑިއަމްގައި އެމްއެންޑީއެފްގެ މިލިޓަރީ ޑިސްޕްލޭއަކާއި އާއިލީ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ޝަހީދުންގެ ޒިކުރާ އާކޮށް، ގައުމީ އެއްބައިވަންތަކަމުގެ ރޫހު އާލާކޮށް، ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ވީ ގުރުބާނީތަކުގެ ހަނދާން އާކުރުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.