ads
ހިރިމަރަދޫ
މީހުން ބާލަން ނިންމާފައިއޮތް ހިރިމަރަދޫއަށް ވެސް ޕްރޮޖެކްޓެއް
މި ސަރުކާރުން، މީހުން ބާލަން ނިންމަން އިއުލާންކޮށްފައިވާ ހދ. ހިރިމަރަދޫގައިވެސް ބޮޑު ޕްރޮޖެކްޓެއް ހިންގަން، އަމިއްލަ ކުންފުނިތަކަށް ސަރުކާރު ހަވާލުކުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމަނައިފި އެވެ.
Advertisement

ސަރުކާރުންވަނީ ރާއްޖޭގެ އެކި ކަންކޮޅުގައި ހިންގާ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި، މީހުން ބާލަން ނިންމާފައިވާ ހދ. ހިރިމަރަދޫގައި ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރެއް ގާއިމް ކުރުން ހިމެނެ އެވެ. މި ޕްރޮޖެކްޓް 4 މިލިއަނަށް ހަވާލުކޮށްފައިވަނީ ބިލްޑްޓެކް ކިޔާ ކުންފުންޏަކާއެވެ.

4 މިލިއަން ރުފިޔާއަށް، ހިރިމަރަދޫގައި ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރެއް ގާއިމް ކުރަން ހަވާލުކުރިއިރު، ހިރިމަރަދޫއަކީ މީހުން ބާލަން މި ސަރުކާރުން ނިންމައި އެކަން އިއުލާންކޮށްފައިވާ ރަށެކެވެ. ސަރުކާރުން އެކަން އިއުލާން ކުރީ މި އަހަރުގެ ކުރީކޮޅުއެވެ.

ހިރިމަރަދޫ މީހުން ބަދަލު ކުރަން ސަރުކާރުން ނިންމާފައިވަނީ ހދ. ހަނިމާދޫއަށެވެ. ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރާއިރު މިހާރު ހުރި ކޮންމެ ގޯއްޗަކަށް، ގޯއްޗެއްދެއްވައި، ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި ގޯތީގައި ގެ އަޅުއްވައި ނިންމާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅުއެވެ.

"ކޮންމެ ގޯއްޗަކަށް ގޯއްޗެއް. އަދި އެ ގޯތީގައި ގެއެއް އަޅައިދީފައި، ގޯއްޗާއި، ގެޔާ އެކީގައި ތަޅުދަނޑި ހަވާލުކުރެވިގެންދާނެ. އަދި އޭގެއިތުރަށް، ބަދަލުވުމުގެ ގޮތުން، ބަދަލުގެ ބަދަލެއްގެ ގޮތުގައި، ފައިސާގެ އަދަދެއްވެސް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ. އެގޮތަށް މި މަޝްރޫޢު ކުރިއަށްދާނީ. އެހެންވީމާ، އަމިއްލަ ގޯތީގައި މިވަގުތު އިމާރާތެއް ނެތަސް، ހުއްޓަސް، އަޅުގަނޑުމެން އެއިން ކޮންމެ ގޯއްޗަކަށް ގޯއްޗެއް ލިބިގެންދާއިރުގައި، އޭގެ ގޯތީގައި ގެއެއްވެސް އެޅިފައި ހުންނާނެ" މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ރައީސް ވިދާޅުވި އެވެ.

ހިރިމަރަދޫގެ އާބާދީއަކީ 589އެވެ. އެހެންނަމަވެސް، އެ ރަށު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ރަށް ދޫކޮށް ހިޖުރަކޮށްފައެވެ. އެހެންވެ، މިހާރު އެ ރަށުގައި އުޅެނީ 200 އެއްހާ މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް