ޑރ. ސަލްމާ އަކީ ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބެވެ. އޭނާ މި ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވަނީ މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުންނެވެ.
ޔޫޕީއާރު ވަރކިންގ ގްރޫޕުގެ މި ސެޝަން އިއްޔެ ފަށާފައިވާއިރު، ދެ ހަފްތާގެ މުއްދަތަށް ކުރިއަށްދާނެއެވެ. މި މުއްދަތުގެ ތެރޭގައި ރާއްޖެ ހިމެނޭ ގޮތަށް ޖުމްލަ 14 ގައުމެއްގެ އިންސާނީ ހައްގުތަކުގެ ރެކޯޑުތައް ބަލާނެއެވެ. ރާއްޖޭގެ ހަތަރުވަނަ ޔޫޕީއާރު ރިވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. މި ރިވިއުގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ރާއްޖެއިން ކޮށްފައިވާ މަސައްކަތްތައް ހުށަހަޅާނެއެވެ.
މި ސެޝަންގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ އިސްވެރިއަކީ ވެސް ޑރ. ސަލްމާ އެވެ. މި ވަފުދުގައި ދާއިމީ މިޝަންގެ އިސް އޮފިޝަލުން ކަމަށްވާ އާދަމް ހާމިދު، އާމިނަތު ޝިފާޔާ އިބްރާހީމް، އާއިޝަތު ރަޔާހީން އަދި މުހައްމަދު ރާއިދު ސައީދު ބައިވެރިވެވަޑައިގަންނަވައެވެ. ރާއްޖެއަކީ މި ސެޝަންގައި ޖެމެއިކާގެ ރިވިއު އަށް ކަނޑައަޅާފައިވާ "ޓްރޮއިކާ" ގެ މެމްބަރު ގައުމުކަންވެސް ފާހަގަކޮށްލެވެއެވެ.