ads
މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީއާއި އެ އޮފީހުގެ ބައެއް މުވައްޒަފުން - ފޮޓޯ: މަޖިލިސް
އޮޑިޓް އޮފީހަށް 134.2 މިލިޔަންގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި
އޮޑިޓަރ ޖެނެރަލް އޮފީހަށް އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 134.2 މިލިޔަން ރުފިޔާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
Advertisement

މަޖިލީހުން މިގޮތަށް ފާސްކުރީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ އިއްތިފާގުންނެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން، އޮޑިޓަރު ޖެނެރަލް އޮފީހުގެ މުވައްޒަފުންނަށް އަންނަ އަހަރު 61.4 މިލިއަން ރުފިޔާ ބަޖެޓުކުރަން ވަނީ ހުށަހަޅައިފަ އެވެ. އަދި, ދަތުރުފަތުރަށް 10.4 މިލިއަން ރުފިޔާއާއި އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތަށް 12.9 މިލިއަން ރުފިޔާ އެ އިދާރާއިން ވަނީ ހުށަހަޅައިފައެވެ.

މައިގަނޑު ގޮތެއްގައި އޮޑިޓަރު ޖެނެރަލްގެ އޮފީހުން އަންނަ އަހަރުގެ ރިކަރަންޓް ހަރަދުގެ ގޮތުގައި 89.7 މިލިއަން ރުފިޔާ ހުށަހެޅިއިރު އެއީ މި އަހަރު އެ އޮފީހަށް ދިން ބަޖެޓަށްވުރެ 11.3 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި, އަންނަ އަހަރު ކެޕިޓަލް ހަރަދަށް 44.6 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅިއިރު އެއީ މި އަހަރަށްވުރެ 23.5 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެހެންކަމުން މި އަހަރު އޮޑިޓަރު ޖެނެރަލް އޮފީހަށް ދިން 99.5 މިލިއަން ރުފިޔާއަށް ވުރެ އަންނަ އަހަރު އެ އޮފީހަށް ދައުލަތުގެ ބަޖެޓުން 34.7 މިލިއަން ރުފިޔާ އިތުރަށް ދޭނެއެވެ. އޮޑިޓަރު ޖެނެރަލް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓަށް ބޮޑު އިތުރުވުމެއް އައީ ހުޅުމާލޭގައި ބިނާކުރާ އެ އޮފީހުގެ އާ އިމާރާތަށް ކުރާ 41.5 މިލިއަން ރުފިޔާގެ ޚަރަދު އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމުންނެވެ.

މާލިއްޔަތު ކޮމިޓީން އިއްޔެ ނިންމީ އޮޑިޓަރު ޖެނެރަލް އޮފީހުން ހުށަހެޅި ގޮތަށް އެ އޮފީހުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކުރުމަށެވެ.

މަޖިލީހުގެ ތަޅުމަށް ކޮމިޓީ ރިޕޯޓު އިއްވަވަމުން މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އުނިއިތުރެއް ނުގެނެސް އޮޑިޓު އޮފީހުން އެދުނު ގޮތަށް ބަޖެޓު ފާސްކުރަން ކޮމިޓީން ނިންމީ އެ އޮފީހުގެ ހިންގުން ރަނގަޅު ކުރުމަށާއި ސަރުކާރުގެ ތަންތަން ރަނގަޅަށް އޮޑިޓު ކުރުމަށް މި ސަރުކާރުން ބޭނުންވާތީ ކަމަށެވެ.

"އަޅުގަނޑު އޮޑިޓާ ޖެނެރަލް އަށް ދަންނަވާލަން އޮތީ. އިހުލާސްތެރިކަމާއެކީ ވަކި ފަރާތަކަށް ނުޖެހި، ހިޔާނާތްތެރިވެފަ ހުރެއްޖެ ކަމަށް ވަންޏާ އެ ރިޕޯޓުތައް ބަރާބަރަށް ނެރެ ދެއްވާށޭ. ތިބޭފުޅުން ބޭނުންވާ ހުރިހާ ވަސީލަތެއް އަޅުގަނޑުމެން މިހާރު ވާނީ ތިބޭފުޅުންނަށް ދީފައޭ،" ސަލީމް ވިދާޅުވި އެވެ.

އަދި، ކޮމިޓީ މަރުހަލާގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ދެއްވި އެއްބާރުލުމަށް ސަލީމް ވަނީ ޝުކުރު ދަންނަވާފަ އެވެ. ތަޅުމުން ބަޖެޓު ފާސްކުރީ ވެސް އެމްޑީޕީ މެންބަރުންގެ ވޯޓާ އެކު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނީ، އަންނަ އަހަރު 81 އޮޑިޓެއް ކުރިއަށް ގެންދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އޭގެ ތެރޭގައި ހާއްސަ ނުވަ އޮޑިޓަކާއި މިނިސްޓްރީތަކުގެ 61 އޮޑިޓެއް ހިމެނޭ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް