އާތިފުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އެންމެ ފަހުން އަޑުއެހުމެއް ތާވަލުކުރީ މިދިޔަ ހަފުތާގެ ބުރާސްފައްޗަށެވެ. އެހެން ނަމަވެސް، އާތިފާއެކީ "ނަސޭހަތުގެ އެއްބަސްވުމެއް" ހަދައި، މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދި ޕީޖީން ސިޓީއެއް ފޮނުވުމުން އެ ދުވަހުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓުގެ މަގާމުގައި މިހާރު ހުންނެވި އާތިފާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދީ އެ މައްސަލަ މުރާޖައާ ކޮށްދިނުމަށް އާތިފް އެދިވަޑައިގަތުމުން ކަމަށެވެ.
ޕީޖީން އާތިފާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދީ ތިން އަހަރުގެ މުއްދަތަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ދައުލަތުން އާތިފް އާއި ދެކޮޅަށް މަނީ ލޯންޑްރިންގެ ގާނޫނާ ހިލާފްވުމުގެ ދައުވާ ކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ޝައްކު ކުރެވޭ މުއާމަލާތްތައް ހިނގަމުން ދިޔައިރު ކަމާބެހޭ ފަރާތްތަކަށް އެކަން ރިޕޯޓް ނުކުރި ކަމަށް ބުނެ އެވެ.
އާތިފް އޭރު ޒިންމާދާރު މަގާމެއްގައި ހުންނެވުމާއި، އެ އަމަލަކީ ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ މަސައްކަތާ ގުޅޭ ގޮތުން ހިންގި އަމަލެކެވެ.
އެ ދައުވާގެ ދިފާއުގައި އާތިފް ވިދާޅުވަމުން އަންނަނީ އެސްއޯއެފް ކުންފުންޏާ ގުޅިގެން އެކުލާވަލި "އެސްޓީއާރު އެނެލިސިސް ރިޕޯޓު"ގައި ވަރަށް ގިނަ ސުވާލު އުފެދޭ، ޝައްކު ކުރެވޭ ކަންތައްތަކެއް ބަޔާންކޮށްފައި ހުރި ކަމަށެވެ.
ނަމަވެސް އެފްއައިޔޫގެ އެ ވަގުތުގެ ފޯކަސްއަކީ ރާއްޖެ އިން ބޭރުން އަންނަ ކަޅު ފައިސާ ހުއްޓުވުމަށް މަސައްކަތް ކުރުން ކަމަށް އޭރުގެ ގަވަރުނަރު ދެއްވި އިރުޝާދުގެ ދަށުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އެއްވެސް ތަހުގީގީ އިދާރާއަކާ ހަވާލު ނުކުރަން ނިންމީ އާތިފް ވިދާޅުވެފައި ވެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކޮށް 2019 ގައި ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތް 1.4 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެމްއެމްޕީއާރުސީން ދޫކުރި 57 ތަންތަން (ރަށްތަކާއި ފަޅުތަކަށް) ދައުލަތަށް ލިބެންޖެހޭ 77.4 މިލިއަން ޑޮލަރުގެ ތެރެއިން ލިބިފައި ވަނީ 12 މިލިއަން ޑޮލަރު ކަމަށް އޭސީސީން ބުނެފައިވެ އެވެ.
ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހޯދަން އެސެޓް ރިކަވަރީ ކޮމިޝަނެއް ހަދައިގެން މަސައްކަތް ފެށި އެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ނުއަގުގައި ވިއްކި ރަށްތައް ހަމައަގުގައި ހިސާބުކުރުމުން 220 މިލިއަން ޑޮލަރު ދައުލަތަށް ލިބެން ޖެހޭ ކަމަށް، އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސަކަށް ހުންނެވި އަހްމަދު އައްސަދު ވިދާޅުވެފައިވެ އެވެ. ނަމަވެސް، އޭގެ ތެރެއިން އެއްވެސް ފައިސާއެއް ނުހޯދެ އެވެ.