ށ. ބިލެތްފަހި ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިގްތިސާދީ ހާލަތު ގޯސްކޮށް އޮތް ނަމަވެސް ސަރުކާރުން ރޭވުންތެރިކަމާ އެކު ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވަމުންދާ ކަމަށެވެ. އެހެންވެ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ދިވެހި ދައުލަތުން ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ޕޭމަންޓް ޚަލާސް ކުރުމުގައި މިހާރު ކަންބޮޑުވުމެއް ނެތް ކަމުގައި ވިދާޅުވި އެވެ.
ރިޒާވުގެ ހާލަތު ހުރީ ރަނގަޅުކޮށް ކަމަށާއި ހުރިހާ ކަމެއް ރަނގަޅަށް ގެންދަމުން، ތަރައްގީގެ ކަންކަން ހާސިލުކޮށްދެމުން ކުރިއަށް ދިޔުމަށް އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު އެހެން ވިދާޅުވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކުގެ ކޫޕަން ޕޭމަންޓު ނުވަތަ އިންޓްރެސްޓަށްވާ ފައިސާގެ ގޮތުގައި 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) މި ސަރުކާރުން މި މަހު ދެއްކި އެވެ.
އެ ސުކޫކުގެ ކޫޕަން ފައިސާ ދައްކަން ޖެހެނީ ކޮންމެ އަހަރެއްގެ އޭޕްރީލް އަދި އޮކްޓޫބަރު މަހު އެވެ. މި ސުކޫކުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޭޕްރީލް ގަ އެވެ. އެހެންކަމުން، އަންނަ އަހަރުގެ އޭޕްރީލް މަހު 25 މިލިއަން ޑޮލަރުގެ އެންމެ ފަހު ކޫޕަނާ އެކު، މުޅި އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ އެވެ.