ads
ނޭނގި ހިތް ގެއްލުނީ - 26 ވަނަ ބައި
އެޕިސޯޑް 26
Advertisement

އަމާރާއަށް ލިބެމުންދިޔަ މެސެޖްތަކަށް ޖަވާބު ދޭންވެސް ނުކެރުނެވެ. 'އެދުވަހުގެ ހަންދާންތައް' އޭނާގެ ހިއްސުތައް ހޭލައްވާލައިފި އެވެ.

ފަނޑުވުމެއް ނެތް ހިނިތުންވުމަކުން އަމާރާގެ މުޅި ދުވަސް އުޖާލާވީ އެވެ.

މުޅި ސޯޝަލްމީޑިއާ އޮތީ ހަލަބޮލިވެފަ އެވެ. 

'އެ ޕޯސްޓްގެ' ހަގީގީ އަމާޒަކީ، އަމާރާކަން ދަންނާނެ އެހެން މީހަކު ނޫޅޭނެ އެވެ.

.......................

ޝައްޔާން ތައްޔާރުވަމުންދިޔައީ ކުރިއަށް އޮތް އޭނާގެ ޝޫޓިންގެ މަންޒިލަށް ދިއުމަށެވެ. ދަތުރަށްޓަކައި ގެއިން ކުރާންޖެހޭ 'ހުރިހައި ކަމެއް' އަމާރާވަނީ ރޭގައި ނިންމާފަ އެވެ. ފެންވަރައިގެން ފޮށި ހިފައިގެން ނިކުތުން ފިޔަވައި އެހެން އެއްވެސް ޒިންމާއެއް ޝައްޔާގެ ގޭގައި ނެތެވެ. 

ދަތުރުގެ ސްކްރިޕްޓާއި، ފިލްމް އުފައްދާ ފަރާތުން ހަމަޖައްސާންޖެހޭ 'ކޮސްޓިއުމް'އާއި ފިލްމް މާކެޓިންގެ ބްރޭންޑްތަކާއި އެކަމާއި ގުޅިގެން މީޑިއާގެ ހުރިހައި ހަރަކާތެއްގެ ބައްދަލުވުންތަކުން ސަމާވަތްވެގެން އަދިވެސް ޝައްޔާންއަށް ގެއަށް ނާދެވޭ އެވެ.  

ކޮންމެ ކެމެރާއެއްގެ ކޮންމެ ޝޮޓަކަށް ސްޕާސްޓާރެއްގެ ހިނިތުންވުމުގައި ޝައްޔާން ހުއްޓެންޖެހެ އެވެ. އޭނާގެ ހިތް އެދެމުންދިޔަ ކަންކަން އެހެން މީހުންގެ ލޯތަކަށް ގެނައުމަކީ ޝައްޔާންއަށް މިވަގުތު 'ހުއްދަ އޮތްކަމެއް' ނޫނެވެ. 

ނުތަނަވަސް ހިތަކާއެކު ހިނިތުންވާން މަޖުބޫރުވުމަކީ ކިހައިވަރެއްގެ ތަކުލީފެއްކަން ތަޖުރިބާކުރީ ކިތައް އިންސާނުންބާ އެވެ؟

ފުރަންދާން ވަގުތު ގާތްވަމުން ދިޔަ އެވެ.

ނުފަރިތަ ރިހުމަކުން ޝައްޔާންގެ މެއާއި ބޮލުގައި ވިންދު ޖަހަމުންދިޔަކަން އޭނާ ހަންދާން ނައްތާލަން ބޭނުމެވެ. ނަމަވެސް ރިހުމުން ފުރިގެންވީ ހާސްކަމުން ޝައްޔާންގެ ހިނިތުންވުން ފަނޑުވާން ފަށައިފި އެވެ.

ޝޫޓިންއަށް ފުރަފުރައިގެން ދިއުމަކީ ޝައްޔާންގެ ކޮންމެ ހަފްތާއެއްގެ ތާވަލުގައި ހިމެނިފައިވާ އާންމު ކަންކަމެވެ. ދުނިޔޭގެ އެތައް ބައްރަކަށް އެތައް  ދަތުރެއް، ޝައްޔާން ކޮށްފި އެވެ.

ނަމަވެސް މިފަހަރު ތަފާތެވެ. ކޮނޑުގައި އުފުލާންޖެހޭ ޒިންމާއާއި ކުރެވެމުންދިޔަ އިހްސާސްތައް  ފަސޭހައެއް ނޫނެވެ.

މި ފިލްމްގައި އަދާކުރާންޖެހޭ ރޯލު އުނދަގުލެވެ! ނަމަވެސް އިހްސާސްވަމުންދަނީ، ކުރާންހުރި ބުރަ މަސައްކަތުގެ ސަބަބުން ލިބޭ ނުތަނަވަސްކަމެއް ނޫންކަން ޝައްޔާންއަށްވެސް އިނގެ އެވެ. ނުވަތަ ދަތުރުކުރާންޖެހޭ ދުރު މަންޒިލް ނޫންކަންވެސް އޭނާއަށް ކަށަވަރެވެ.

ހަގީގީ މައްސަލައަކީ އޭނާގެ ހަށިގަނޑުން ބައެއް، ދޫކޮށްލާފައި ދާންޖެހުމެވެ.

އަވިގަދަ ދުވަހެކެވެ! އުޑުމަތީގައި ވިލާފޮއްޗެއްވެސް ފެންނާން ނެތެވެ!

ސިނަމާލޭ ބުރިޖަށް އެރުމާއެކު ކާރު ދޮރުގެ ބިއްލޫރިގަނޑުގައި އޭނާ ލެނގިލި އެވެ. 

ޖީބުގައި އޮތް ފޯނު ނަގާފައި ބަލައިލި އެވެ. 

މިސްޑް ކޯލެއް ނުވަތަ މެސެޖެއްވެސް ލިބިފައެއް ނެތެވެ. ޖީ-މެއިލް ހުޅުވާލީ ލިބިފައިވާ މެއިލްތައް ބަލާލުމަށް ބޭނުންވެގެން ނޫނެވެ.

ފޯނުގެ ސްކްރީނުން ލޯ ދުރަށްލާން މިވަގުތު ބޭނުންނުވާތީ އެވެ. ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން ދިޔައީ އެންމެ މީހެއްގެ މެސެޖަށެވެ. ނުވަތަ ފޯން ކޯލަށެވެ.

ހައިވޭއަށް އެޅުމާއެކު ފޯނު ވައިބްރޭޓްވެލީ އުއްމީދުގެ ވިންދަކާއެކު އެވެ.

އެއްބަސްވާން ބޭނުމެއް ނޫނެވެ. 

ނަމަވެސް  ލޮލާއި ހަމައަށް ފޯރާފައިވާ ހިނިތުންވުން ސިއްރުކުރެވޭނެގޮތެއްވެސް ނެތެވެ.

އަމާރާ: "ބާއްޖަވެރި ދަތުރަކަށް އެދެން، އައްޓަމަސް..! ރައްކާތެރިކަމަށް އަބަދުވެސް ސަމާލުވާތި..! ކުރަން ތިޔަދާ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށި!" 

ހިނިތުންވަމުން މޭގައި ފިރުމާލާފައި ޝައްޔާންގެ ދެ ލޯ މަރައިލި އެވެ. ދިގު ނޭވާއެއް ބޭރުކޮށްލީ އެތައް އިރަކު ނޭވާ ހިފަހައްޓައިގެން އިން މީހަކު ފަދައިންނެވެ.

ޝައްޔާން: "އަހަންނަށް ދެރަގޮތެއްވެ ނުވަތަ ކަމެއް ދިމާވެދާނެތީ، ފިކުރުބޮޑުވެ ކަންތައް ބޮޑުވަނީތަ ފުށްގުޑީ..؟"

އަމާރާ: "ފިކުރު ބޮޑުވެ ކަންތައް ބޮޑުވަނީ ޝައްޔާންގެ ކަންކަން ބަލަހައްޓަން ތިބޭނެ މީހުންގެ ހާލަތު ހިތަށް އަރާފައި.. ޖަސްޓް ގޯ! ވީ އެންމެ ފުރިހަމައަށް މަސައްކަތްތައް ނިންމާލާފައި، ފުރިހަމަ ސިއްހަތެއްގައި އާދެވޭތޯ ބަލާ..!"

ޝައްޔާން: "ނޯ އަ،އިލް މިސް ޔޫ، ޝައްޔާން..؟"

އަމާރާ: "ނޮޓް އީވަން އިން ޔޯ ޑްރީމްސް..!"

ކާރުތެރޭގައި އުފެދިފައި އޮތް ހާސްކަން ޝައްޔާންގެ ލުއި ހިނިތުންވުމާއެކު ފިލައި ހިނގައްޖެ އެވެ.

ދެމީހުންގެ 'ޗެޓިންގ' ނިންމާލާފައި އަމާރާގެ ގޮނޑީގައި އޭނާ ހަމަޖެހިލި އެވެ.

އޭނާގެ ފެންކަޅިވެފައިވާ ދެ ލޯ ފޯނުގެ ސްކްރީނާއި ދުރަށް ނުލެވުނެވެ.

ދެ ލޯ މަރައިލާފައި  މޭގައި ފޯނު ޖައްސާލީ ގޮނޑީގައި ހަމަޖެހިލުމަށް މަސައްކަތްކުރި އެވެ.

އަމިއްލަ ނަފުސާއި މުހާތަބުކޮށް މަޑުމަޑުން އަމާރާ ބުނެލި އެވެ.

'މިއީ ރިހުމެއް ނޫނެވެ. މިއީ ހާލަތުގެ ހަގީގަތެވެ. ކަރުނަ ފޮހެލާފައި އިސްއުފުލާލާށެވެ. ހަގީގަތުގެ ތަކުލީފް މާ ބޮޑެވެ!'

..................

މެންދަމުގެ ކަށި، ގަޑީގެ މެދު ހުރަސްކޮށް ދެބައިވެއްޖެ އެވެ. ހެނދުނުގެ ހައެއް ޖަހާއިރު އަމާރާގެ ޑިއުޓީ ފެށޭނެ އެވެ. އެއް ޑިއުޓީ ނިމިގެން ގެއަށް ނުގޮސްހުއްޓައި ހަ ގަޑީރު ފާއިތުވެއްޖެ އެވެ. އޮއްޓަރުހުރި އެއްޗެއް ކާނެ ހިއްވަރެއް ނެތެވެ. ހަށިގަނޑުގެ ދިފާއި ނިޒާމާއި ހަނގުރާމަކުރުމަށް ތިންހަތަރު ތަށި ގްރީން ޓީ އަދި ކޮފީ ބޮވިއްޖެ އެވެ. އެވަރުންވެސް އެކަނިވެރިކަން ފިލާނެގޮތެއް ނުވި އެވެ. 

މުޅި ދުވަސް ހޭދަވީ، ކޮންޓްރޯލްކުރާން އުނދަގޫ ބަލިމީހަކާ، ޑްރާމާއިން ފުރިފައި ހުރި ނަރުހެއްގެ ދުއްތުރާގަ އެވެ.

ވަރުބަލިކަން ދެތިންގުނައަށް އިތުރުވިޔަސް ގެއަށްދާ ހިތް ނެތީ އެވެ. އަތުން ފޯނު ދޫކޮށްލާ ހިތްވެސް ނުވަނީ އެވެ. އިރުއިރުކޮޅުން ސްކްރީނަށް ބަލައިލެވެނީ އެވެ.

ޝައްޔާން ވީ ލަންޑަންގަ އެވެ. ހީވާހީވުމަށް، އޭނާގެ ވަށައިގެން ގަދަ އަލިތަކާއި ކެމެރާތަކާއި އަދި ފުރިހަމަ ރީތި ޒުވާން އެތަށް އަންހެންކުދިންނެއް ހަރަކާތްތެރިވަމުން ދާނެ އެވެ. އެމީހުންގެ ހަށިގަނޑުގެ ވަނާތަކާއި ރީތި ކަޅިރަވަތަކާއި ތުންފަތުގެ ފަރިހަރަކާތްތަކުން ޝައްޔާންގެ ސަމާލުކަން ހޯދަން އުޅޭނެކަން އަމާރާގެ ސިކުނޑި ޔަގީންކުރެ އެވެ.

ފުރައިގެން ދިޔަފަހުން މާގިނަ ދުވަހެއް ވީއެއް ނޫނެވެ. 

ފާއިތުވީ ހަފްތާއަކާއި ދެތިން ދުވަހެވެ.

އަމާރާގެ ހަށިގަނޑުން އުނިވެގެންދިޔައީ ކިތަން ކިލޯކަން ނޭގުނަސް، ޝައްޔާންއާއި ފޯނުން ބައްދަލުވި މިނެޓްގެ ޖުމުލަ އޭނާއަށް ޔަގީންވެ އެވެ.

ޖުމުލް ސާޅީސް މިނެޓާއި ސާޅީން ނުވަ ސިކުންތެވެ!

ފޯނުކޯލަކަށް މިވަގުތުވެސް އަމާރާ އުއްމީދުކުރަނީއެއް ނޫނެވެ. ނަމަވެސް މެސެޖެއްނަމަވެސް ލިބޭތޯ އިރުއިރުކޮޅުން ބަލައިލެވެނީ އެވެ. ބަސްނާހާ ތެޅެމުންދިޔަ ހިތަށް ތަސައްލީއެއް ލިބޭތޯ އެވެ.

ދެކޮޅަށް ކެބިންގެ ތެރޭގައި ހިނގާލި އެވެ.

މާޔޫސްކަމާއި ހިމޭންކަން ނޫނީ އަމާރާގެ ވަށައިގެން ނުވެ އެވެ.

ދަބަހާއި ސައިކަލް ތަޅުދަނޑި ހިފައިގެން އަވަސްއަވަހަށް އަމާރާ ނިކުތީ ބަދަލުވެފައިވާ މޫސުމުގެ ތަކުލީފް ހަނދާންވުމުން ނެވެ.

...................

އެނދުގެ ސައިޑްޓޭބަލްމަތީގައި ފޯނު ބާއްވާފައި އަމާރާވަނީ ފާހާނާއަށެވެ.

ތާޒާވެލައިގެން ނިކުމެ، ކޮޓަރީގެ ބޭރުން މޫދާއި ދިމާއަށް ހުރި ކުޑަދޮރު އަމާރާ ހުޅުވާލި އެވެ. ހޫނުގަދަ ހަފްތާއަކަށްފަހު ކުއްލިޔަކަށް ވިއްސާރަވީ އިއްޔެ އެވެ.

ތައްޔާރުވަމުންދިޔަ ވިލާގަނޑުގެ ފިނި ވައިރޯޅިއާއެކު ވަރުބަލި އެސްފިޔަތަށް ތިރިކޮށްލާން ދެ ލޯ މަސައްކަތްކުރި އެވެ. ނަމަވެސް އަމާރާގެ އިޒުނައެއް ނެތުމުން ދެތިން ފަހަރު ހަރަކާތްކޮށްލާފައި، ބޭރު ބަލާލި އެވެ. 

ވިސްނާލި އެވެ.

އެހެން މީހެއްގެ ހައްގުގައި އަމާރާގެ ތާވަލުން ވަގުތު ބޭކާރު ކުރުމަކީ، އޭނާގެ ޒަމީރު މީގެކުރިން ހުއްދަކުރި ކަމެއް ނޫނެވެ. ނަމަވެސް އަމިއްލަ އުސޫލުތަކާއި ގެންގުޅުނު ވައްޓާފާޅި މުޅިން ބަދަލުވެއްޖެ އެވެ. 

އެހެންމީހުންގެ ހައްގުގައި ރޭދުވާ ހޭދަކުރުމާއި، ނިދުމާއި ކެއުން ހަމަޖެހި ނިމިއްޖެ އެވެ.

އަރާމުކުރުމާއި ލޮލުންބޮލުން އެދިގެން އަދާކުރާ ފަޒީފާގެ ޒިންމާތަކުގައި އަމާރާ ހިމޭންވާން ފަށައިފި އެވެ. 

އެހެންމީހެއްގެ މެސެޖެއްގެ އިންތިޒާރުގައި މެންދަމުގެ ނިދި ގުރުބާންކުރާނެ ދުވަހެއް އަތުވެދާނެކަމަށް އަމާރާ ހުވަފެނުންވެސް ދުވަހަކުވެސް ދެކެފައި ނުވެ އެވެ.

ނަމަވެސް ވަގުތު ބަދަލުވެއްޖެ އެވެ.

ހާލަތާއި އިހްސާސްވެސް ބަދަލުވެއްޖެ އެވެ.

މޭދަށުގައި ދެއަތް ހުރަސްކޮށްފައި ފުން ނޭވާއަކާއެކު އަމާރާގެ ދެލޯ މަރައި ތަގުޅިކޮށްލި އެވެ.

ކަނދުރާގެ އިސްތަށިތައް ކޮޅަށް ޖެހިގެންދިއުމަށް ސިކުންތެއްވެސް ނުނެގި އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް