
"ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އައްޑޫގެ ރައްޔިތުން ބޭނުންވަނީ މިހާރު އޮތް ގޮތަށް އެއް ކައުންސިލެއްގެ ދަށުން ހިންގަންތޯ ނުވަތަ ވަކިވަކި ކައުންސިލްތަކެއް އުފައްދަންތޯ ސާފުކުރުމަކީ މި ވޯޓުގެ މަގުސަދު ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ބަދަލު ގެންނަން ނިންމެވީ އައްޑޫގެ ބައެއް އަވަށްތަކުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ. ހާއްސަކޮށް ހުޅުދޫމީދޫ އަދި ފޭދޫ ފަދަ އަވަށްތަކަށް އެކަށީގެންވާ ސަމާލުކަމެއް ނުލިބި އިހުމާލު ކުރެވިފައިވާ ކަމުގެ ޝަކުވާތައް ރިޔާސީ ކެމްޕެއިން ދުވަސްވަރު ވެސް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އެހެންކަމުން ރައްޔިތުން އެދޭ ފަދަ ދާއިމީ ހައްލެއް ގެނެސްދެއްވުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށް ވިދާޅުވި އެވެ.
އަންނަ މަހު ނަގާ ވޯޓުގައި ރައްޔިތުންނާ ސުވާލު ކުރާނީ މިހާރު އޮތް ގޮތަށް އައްޑޫ ސިޓީ ކައުންސިލެއް ދަމަހައްޓަންތޯ ނުވަތަ ކޮންމެ ރަށަކަށް ވަކި ކައުންސިލެއް އުފައްދަންތޯ އެވެ. ރައީސް ވިދާޅުވީ، ވަކި ކައުންސިލްތަކެއް އުފެއްދި ނަމަވެސް، އައްޑޫގެ ނަން ދެމެހެއްޓުމަށްޓަކައި ކޮންމެ ކައުންސިލެއްގެ ނަމުގެ ކުރިއަށް 'އައްޑޫ' އިތުރު ކުރާނެ ކަމަށެވެ.
އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އައްޑޫގެ އިދާރީ އޮނިގަނޑު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.