
ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހާމަކުރި މައުލޫމާތުތަކާ ގުޅިގެން މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ ރައްޔިތުންނަށް އޮޅޭ ގޮތަށް ކަމަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހާމަކޮށްފައިވާ ލިސްޓަށް ބަލާއިރު، ވީއައިޕީ ބޭނުންކުރުމަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ނާޒިމްއެވެ. ނަމަވެސް އެކަން ދިފާއު ކުރައްވައި ނާޒިމް ވިދާޅުވި ގޮތުގައި، އެއީ ހަމައެކަނި އޭނާގެ ދަތުރުތަކުގެ ހަރަދު ނޫން ކަމަށާއި، މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން އޭނާއަށް ލިބިދޭ ސެކިއުރިޓީ އާއި ރަސްމީ ދަތުރުތަކުގައި ބައިވެރިވާ ޕްރޮޓޮކޯލް މުވައްޒަފުންގެ ހަރަދުތައްވެސް ހިމެނެނީ އޭނާގެ ނަމުގެ ދަށުންނެވެ. އެގޮތުން ނާޒިމްގެ ދަތުރުތަކަށް 116،099.18 ރުފިޔާ ހަރަދުވެފައިވާ ކަމަށް ލިސްޓުގައިވެއެވެ.
މި އަހަރުގެ މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވީއައިޕީ ލައުންޖު ބޭނުންކޮށްގެން މަޖިލީހުގެ ބަޖެޓުން ޖުމްލަ 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ނާޒިމް ތުހުމަތު ކުރައްވާ ގޮތުގައި، ބައެއް މީޑިއާތަކުން މި މައުލޫމާތުތައް ރިޕޯޓުކޮށްފައިވަނީ، ހީވާގިކޮށް މަސައްކަތްކުރާ މެމްބަރުންނަކީ ބޮޑެތި ހަރަދުތަކެއް ކުރާ ބައެއް ކަމަށް ދެއްކުމުގެ "ސްޕިން" އެއްގެ ތެރެއިންނެވެ.