ads
އައިޒަން އޭނާ އަމިއްލައަށް ހެދި ކާރުގައި
ކުޑަރަށުން އުފެދުނު ބޮޑު ހުވަފެން: 16 އަހަރުގައި އައިޒަން ހެދީ އަމިއްލަ ކާރެއް!
ގއ. ގެމަނަފުއްޓަށް އުފަން އުމުރުން އެންމެ 16 އަހަރުގެ އަހުމަދު އައިޒަން އަމްޖަދަކީ، ހަގު އުމުރުން ފެށިގެން ފަންނުވެރިކަމުގެ ހުނަރު ދައްކުވައިދެމުން އަންނަ ނަމޫނާ ކުއްޖެކެވެ.
Advertisement

އޭނާގެ ހިތުގައި އަބަދުވެސް ރޯވެ އަދަމުން ދިއައީ ދިވެހި އަމިއްލަ އުފެއްދުންތެރިކަމުގެ ހުޅުގަނޑެކެވެ. ކުޅޭ ސާމާނާއި ތަފާތު އެއްޗެހި ރޫޅައި، އަލުން އެކުލަވާލުމުގެ މަސައްކަތުގައި އޭނާ ހޭދަކުރި ވަގުތު މަދެއް ނޫނެވެ. މި ދާއިރާއަށް އޭނާގެ ހިތުގައި އަށަގެންފައިވަނީ ނުހަނު ފުންނާބު އުސް ލޯތްބެކެވެ. އެހެންކަމުން، މި ޝައުގުވެރިކަން އިތުރަށް ފުޅާވެ ކުރިއަރައި، އިންޖިނިއަރިންގް ދާއިރާއިން ފަންނުވެރިކަން ހާސިލުކުރުމަށް އޭނާގެ ހިތުގެ އެދުމާއި ފޯރި އިތުރުވެގެން ދިޔައެވެ.

your imageކުޑައިރު އައިޒަން ގެންގުޅުން ރިމޯޓް ކާރެއް ރޫޅާފަ

"އަބަދުވެސް ވަރަށް ކުރާހިއްވާކަމެއް އެއްޗެހި ހެދުން އެއީ، ކުޑަ އިރުވެސް ކުޅޭ ސާމާނު ރޫޅާ ކޮންމެސް އެއްޗެއް ހަދާލުމުގަ އުޅެނީ އަބަދުވެސް" އައިޒަން ކިޔައިދިނެވެ.

އިންޖިނިއަރިންގެ ދާއިރާއަށް ހިތް ދޫކޮށްލި ހިނދު، އައިޒަންގެ ހިތުގައި އެންމެ ބޮޑަށް ވަޒަންވެފައިވާ އެއް އުއްމީދަކީ އަމިއްލަ އުފެއްދުމެއްގެ ގޮތުގައި ކާރެއް ހެދުމެވެ. މި ހުވަފެން އޭނާގެ ހިތުގައި އުފެދިގެން އައީ ގްރޭޑް އަށެއްގައި ތައުލީމު ހާސިލުކުރަމުންދިޔަ އިރެވެ. އެހެންކަމުން އެ ހުވަފެން ހަގީގަތަކަށް ހެދުމުގައި އޭނާ ދެއްކީ އާދަޔާ ހިލާފު އުފެއްދުންތެރިކަމާއި އީޖާދީ ގާބިލުކަމެވެ.

ކަމަކަށް ކުރެވޭ އުއްމީދުތަކަކީ ހަގީގަތަކަށް ހެދުމުގެ މަގުމަތީގައި ގިނަގުނަ ގޮންޖެހުންތަކާއި ހުރަސްތައް ކުރިމަތިވާނކަމެއް ނަމަވެސް، އެއްވެސް ކަމަކުން ފަސްޖެހުމެއްނެތި، ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށް ހިތްވަރާއެކު އައިޒަން ކުރިއަށް ދިޔަ އެވެ.

your imageއައިޒަންގެ ކާރު ހެދުމުގެ ތެރެއިން 

" އެންމެ 6000 ރުފިޔާގެ މުދަލާއެކު، މަސައްކަތް ފެށީ މިދިޔަ ޖޫން މަހުގެ ސްކޫލުން އޯލެވެލް ނިންމި ގޮތަށް، އެއީ އެކަމަކު ކާރަށް ބޭނުންވާ ބައެއް ތަކެތި ހޯދައިގެން، ކާރު ހަދަން ޖުމްލަ ކޮށް ދިޔަ އަދަދެއް ބުނާކަށް ނޭނގޭ" އައިޒަން ބުންޏެވެ. 

އައިޒަން ބުނީ އޭނާގެ އާއިލާގެ ފުރިހަމަ އެއްބާރުލުމާއެކު، ކާރު އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އަމިއްލައަށެވެ.

"މި މަސައްކަތުގައި އެންމެ ބޮޑު ހިތްވަރަކާއި އެހީތެރިކަމެއް ލިބުނީ މައިންބަފައިންގެ ފަރާތުންނާއި ބޭބެ މެން ފަރާތުން، އަދި އަމިއްލައަށް ދަސްކޮށްގެން މި މަސައްކަތް ކުރަން ޖެހުމުން، އައިޒަންއަށް ލިބުނު ތަޖުރިބާއަކީ ވަރަށް އަގުހުހުރި އަދި ހާއްސަ ތަޖުރިބާއެއް" އައިޒަން ބުންޏެވެ. 

ކާރު ހެދުމަށްޓަކައި، ދަގަނޑު ވެލްޑްކުރުމުގެ ހުނަރު އުނގެނި ކުރު މުއްދަތެއްގެ ތެރޭގައި މި ފަންނު ދަސްކޮށް، ކާރުގެ ވެލްޑިންގް މަސައްކަތް ފުރިހަމަކުރީ އައިޒަން އަމިއްލައަށެވެ.

your imageއައިޒަން ކާރު ވެލްޑް ކުރުމުގެ ތެރެއިން

އައިޒަންގެ އުފެއްދުންތެރި ހިޔާލާއި ހުނަރުވެރިކަމުގެ ނަތީޖާއެއްގެ ގޮތުން، އާދަޔާ ހިލާފު ޑިޒައިނަކަށް އުފެއްދި މި ކާރަކީ، އޭގެ ޒާތުގައި ތަފާތު ގޮންޖެހުންތަކެއް ކުރިމަތިކުރުވި ޕްރޮޖެކްޓަކަށް ވެގެން ދިޔައެވެ.

"މި ކާރު އުފެއްދުމަށްޓަކައި، އެކި ދިމަދިމާލުން ހޯދަންޖެހުނު ހާއްސަ ބައިތައް، ކާރުގަ ވަކި ގޮތަކަށް ބަދަލުކުރަން ޖެހުނު، މިގޮތުން ކާރުގެ ހަރަކާތްތެރި ބަޔަށް ބޭނުންކުރެވުނީ ބަގީއެއްގެ ފުރޮޅު، އަދި ކާރުގެ އެހެނިހެން ބައިތަކަށް ބޭނުންވި ދަގަނޑު ބައިތައް ވެސް ވަނީ ހާއްސަ ގޮތަކަށް ބޭނުން ކުރެވިފަ، މީގެ އިތުރުން، ކާރުގއިންޖީނުގެ ގޮތުގަ ބޭނުންކުރެވިފައިވަނީ ދުއްވާ ސައިކަލެއްގެ އިންޖީނެއް" އައިޒަން ބުންޏެވެ. 

މި ހުރިހާ ހާއްސަ ބައިތަކެއް ހޯދައި، އެއްކޮށް، ބޭނުންވާ ގޮތަށް ބަދަލުކުރުމުގެ ސަބަބުން، މި ކާރު ހެދުމުގެ ހަރަދު ވަނީ އެކަށީގެންވާ ވަރަށްވުރެ މައްޗަށް ގޮސްފައި ކަމަށް އައިޒަން ބުނެއެވެ.

ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ކުރި ބުރަ މަސައްކަތުގެ މިންނެތް ނަތީޖާ ނިކުތީ ދެމަހާއި ދިހަ ދުވަހުންނެވެ. އޭގެ ކުރިން އޭނަ އޮތީ ރަށުތެރޭ ކާރު ޓެސްޓުކޮށްލަން ފުލުހުންގެ އެޕްރޫވަލް އަށް އެދިފައެވެ. މިދިޔަ ބުދަ ދުވަހު ގެމަނަފުށީގެ މަގުތަކުގައި އައިޒަން ވަނީ އޭނަގެ ރޭސް ކާރު ދުއްވާލާފައެވެ. އެ ކާރު ފެނުނީމަ، ރަށުގެ އެންމެންވެސް ތިބީ އައިޒަންގެ ހުނަރު ފެނިގެން އަންތަރީސްވެފައެވެ.

your imageއައިޒަންގެ ކާރު ހަދާ ނިންމާފަ 

ދުވަސްތަކެއް ވަންދެން ކުރި މިންނެތް މަސައްކަތުގެ ފޮނިމީރުކަން ލިބުމުން، އައިޒަންގެ ހިތުގައި އުފަލުގެ ފިނިކަމެއް ވަނީ ފެތުރިފަ އެވެ. އެ އުފަލުގައި އޭނާ މިހާރު ހުރީ އިންޖިނިއަރިން ދާއިރާއިން ސެޓްފިކެޓް ލެވެލް ހަތަރެއްގެ ކޯހެއް ހަދަން މާލޭގަ އެވެ. އައިޒަންގެ މި ކާމިޔާބީ ދައްކުވައިދެނީ ހިތްވަރާއި ގަދައަޒުމާއެކު މަސައްކަތް ކުރުމުން ހުވަފެންތައް ހަގީގަތަކަށް ހެދިދާނެކަމެވެ. އަމިއްލައަށް ދަސްކޮށްގެން، އަމިއްލަ ހުނަރު ބޭނުން ކޮށްގެން ތައްޔާރުކުރި ރޭސިން ކާރުން އައިޒަން ވަނީ އޭނާގެ ކުޑައިރުގެ ހުވަފެން ފުރިހަމަކޮށްފައެވެ. މިހާރު އޭނާގެ ކާރު އޮތީ ގޭގެ ގަރާޖުގައެވެ.

އައިޒަންގެ މި ކާމިޔާބީއަށް އެހީތެރިވެދިން އެންމެހައި ފަރާތްތަކަށް، ހާއްސަކޮށް ސްކޫލުގެ މުދައްރިސުންނަށް، އޭނާ ވަނީ ހިތުގެ އަޑިން ޝުކުރު ދަންނަވާފަ އެވެ. އެ މުދައްރިސުންގެ އެހީތެރިކަމާއި ހިތްވަރުދިނުމަކީ އޭނާގެ ކާމިޔާބީގެ މުހިންމު ބައެއްކަން އައިޒަން ފާހަގަކުރި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް