ޖަލުގައި ހުންނެވި ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.

Advertisement
ހުކުރު ދުވަހު ރަނިލް ހައްޔަރުކޮށް ޖަލުގައި ބަހައްޓާފައި ވަނިކޮށް ހާލު ދެރަވެ އައިސީޔޫގައި ވަނީ ފަރުވާ ދޭން ޖެހިފަ އެވެ. ހިތުގެ ބައްޔާއި ހަކުރު ބަލި ވެސް ހުންނަ ރަނިލްގެ ހާލު ބޮޑުވީ ފެން މަދުވުމުގެ އިތުރުން ހަކުރާއި ލޭ ވަރަށް ބޮޑަށް މައްޗަށް ދިއުމުން ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ނިލުފުލި ލަންކާޕޫރާ ކޯޓުން ރަނިލް ކަފާލާތުގެ ދަށުން ދޫކޮށްލީ ޖުމްލަ 15 މިލިއަން ރުޕީސް ދައްކާގޮތަށެވެ. ރަނިލް ކޯޓަށް ގެންދިޔަ ވަގުތު އޭނާއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން އެ ސަރަހައްދަށް އެއްވި އެވެ.
ރަނިލް ހައްޔަރުކުރުން ކުށްވެރިކޮށް އިއްޔެ ވަނީ އިދިކޮޅު ޕާޓީތަކުން އަޑުއުފުލައިފަ އެވެ.
ވިކްރަމަސިންހަ ހައްޔަރުކޮށްފައި ވަނީ، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ ކުށުގެ ތުހުމަތުގަ އެވެ. ސީއައިޑީން ތަހުގީގު ކުރަމުން ދަނީ، ރައީސް ކަމުގެ މަގާމުގައި ވިކްރަމަސިންހަ ހުންނެވިއިރު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ކުރެއްވި އަމިއްލަ ދަތުރުފުޅަކާ ގުޅޭ މައްސަލައެއްގަ އެވެ. އޭނާ ހައްޔަރު ކުރި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާ ވަނީ ސްރީ ލަންކާގެ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޜަން (އެފްސީއައިޑީ)އަށް ހާޒިރުވެ ވަޑައިގަންނަވައި، ތަޙުޤީޤަށް ބޭނުންވާ ބަޔާނެއް ދެއްވާފަ އެވެ.
ސީއައިޑީގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ރިޕޯޓުގައިވާ ގޮތުން، ވިކްރަމަސިންހަ ލަންޑަނަށް ވަޑައިގަންނަވާފައި ވަނީ، އޭނާގެ އަނބިކަނބަލުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. އެ ދަތުރުފުޅަށް ވިކްރަމަސިންހަ ދައުލަތުގެ ފައިސާއިން 16.9 މިލިޔަން ސްރީ ލަންކަން ރުޕީސް، ނުވަތަ ގާތްގަނޑަކަށް 58,176 އެމެރިކާ ޑޮލަރު ހަރަދު ކުރައްވާފައިވާ ކަމުގައި ވެސް އެ ރިޕޯޓުގައި ތުހުމަތުކޮށްފައި ވެއެވެ. އެއީ، 2023ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ވިކްރަމަސިންހަ ކުރައްވާފައިވާ ދަތުރުފުޅެކެވެ. ރަނިލް ހައްޔަރުކުރީ ދައުލަތުގެ ފައިސާ ނަހަމާ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތަށް ކަަމަށް ބުނާއިރު ރަނިލް ވިދާޅުވަމުން ގެންދަނީ އޭނާގެ އަނބިކަނބަލުންގެ ގްރެޖުއޭޝަނަށް ވަޑައިގަތުމުގެ ހުރިހާ ހަރަދެއް ކުރެއްވީ އަމިއްލައަށް ކަމަށެވެ. ނަމަވެސް، ސީއައިޑީއިން ބުނެފައިވަނީ މި ދަތުރުފުޅުގައި ރަނިލް ދައުލަތުގެ ފައިސާ ބޭނުންކުރެއްވީ މައިގަނޑު ގޮތެއްގައި އަމިއްލަފުޅު ބޭނުމަށް ކަމަށާއި އޭގެ ތެރޭގައި ބޮޑީގާޑުންގެ ހަރަދުތައް ކުރުމަށް ސަރުކާރުގެ ފައިސާ ބޭނުންކުރުން ހިމެނޭ ކަމަށެވެ.އެ ދަތުރުފުޅުގައި އޭނާގެ އަރިހުގައި އިތުރު 10 ބޭފުޅަކު ވަޑާއިގަންނަވާފައިވާ ކަމުގައި ވެސް ސީއައިޑީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ވިކްރަމަސިންހަ ލަންޑަނަށް ވަޑައިގަންނަވާފައި ވަނީ ކިޔުބާއާއި އެމެރިކާއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅެއްގެ މެދުތެރެއިން ކަމުގައި ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ރަނިލްއަކީ ލަންކާގައި ސިޔާސީ ގޮތުން ވަރަށް ނުފޫޒުގަދަ ބޭފުޅެކެވެ. އޭނާ ވަނީ އެ ގައުމުގެ ބޮޑުވަޒީރު ކަން ފަސް ފަހަރެއްގެ މަތިން ކުރައްވާފަ އެވެ. ލަންކާގައި މިހާރު ވެރިކަން ކުރަމުން އަންނަ ސަރުކާރުން އަންނަނީ އެ ގައުމުގައި ހިންގާފައި ހުރި ހިޔާނާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަމުންނެވެ.