
ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ތާނގީ ބޭނުންކުރަން ފައްޓަވާ ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބާއި އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލްމަތީން މުހައްމަދުއެވެ.
34.7 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އެމްޑަބްލިއުއެސްސީން ޤާއިމްކުރި 10،000 ޓަނުގެ ފެން ތާންގީއާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު ވަނީ 80 އިންސައްތަ އިތުރުވެގެން ދާނެކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން މި ތާނގީ ބޭނުންކުރަން ފެށުމާއެކު މާލެ އާއި ހުޅުމާލޭގައި ފެން ރައްކާކުރެވޭ ޖުމްލަ މިންވަރު 36،000 ޓަނުން 46،000 ޓަނަށް އިތުތުވެފައިވާކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.
މި ތާނގީ ބޭނުންކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ މި ތާންގިއާއެކު، މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތި ނުވެ ފެން ފޯރުކޮށްދިނުމުގެ ޔަޤީންކަން ލިބިގެންދާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ފެން އުފައްދާ މިންވަރުވެސް އިތުރުވެގެންދާނެކަމަށް މިނިސްްޓަރު މުއްތަލިބް ވިދާޅުވިއެވެ.