
މީގެ ދެ ދުވަސް ކުރިން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ ވިއްސާރަ އަދިވެސް އަލިނުވާއިރު އެ ވިއްސާރާގައި މިހާތަނަށް 310 މީހަކު މަރުވެ، އެތައް ސަތޭކަ ބަޔަކުވަނީ ގެއްލިފަ އެވެ. އަދި، 70 އެތައް ގެއެއް ހަލާކުވެފައިވާއިރު އެތައް ހާސް ބަޔަކު ވަނީ މަގުމަތިވެފަ އެވެ.
ރައީސް މުއިއްޒު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހާދިސާގައި ގެއްލުންވި އާއިލާތަކަށާއި މަރުވި މީހުންގެ އާއިލާތަކަށް އެމަނިކުފާނާއި ދިވެހި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ފޮނުއްވާ ކަމަށެވެ.
މި ދަތި ހާލަތުގައި ދިވެހި ރައްޔިތުންނާއި ސަރުކާރު އޮތީ ޕާކިސްތާނުގެ އަހުންނާއި އެކު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުގެ މުއައްސަސާތައް ހީވާގިކަމާ އެކު މަސައްކަތްކުރުމަށް އެދިވަޑައިގެންފަ އެވެ.
ޕާކިސްތާނުގެ މޫސުމާ ބެހޭ މައި އިދާރާއިން އަންދާޒާ ކޮށްފައިވާ ގޮތުން ކުރިއަށް އޮތް ހަތަރު ދުވަހު ވެސް އެ ގައުމުގެ އެކި ސަރަހައްދުތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ އެވެ. ވިއްސާރަ އަލިވާން ފަށާނެ ކަމަށް ބެލެވެނީ މި މަހުގެ 21 ވާ ބުރާސްފަތި ދުވަހަށް ފަހެވެ.