ads
މީރާ
ޓެކްސްއަށް މަކަރު ހެދި ކަމުގެ ތުހުމަތުގައި ހޯޕް ޓްރެވެލްސްއަށް ދައުވާކުރަން ފޮނުވައިފި
"ހޯޕް ޓްރެވަލްސް"ގެ ނަމުގައި ރަށްތަކަށް ލޯންޗު ފެރީގެ ހިދުމަތްދޭ ފަރާތެއް ކަމުގައިވާ ހޯޕް ހޯލްޑިންގްސް ވިޔަފާރިން ގަސްދުގައި ޓެކުހަށް މަކަރުހެދިކަމަށް ތުހުމަތުކުރެވޭތީ، އެ މައްސަލަ ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފޮނުވައިފި އެވެ.
Advertisement

މީރާއިން ނެރުނު ބަޔާނެއްގައި ބުނީ، "ހޯޕް ޓްރެވަލްސް"ގެ މައްސަލައަކީ 1 ޖުލައި 2020 އިން 31 މެއި 2023ގެ ނިޔަލަށް ހިމެނޭ ޓެކްސް ނެގޭ މުއްދަތުތަކަށް، އެ ހިދުމަތް ހިންގާ ހޯޕް ހޯލްޑިންގްސްއިން މީރާއަށް ހުށަހަޅައިފައިވާ ޖީއެސްޓީ ބަޔާންތަކާއި ޓެކްސް އަހަރު 2020އާއި ޓެކްސް އަހަރު 2021އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނައިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރީ، އެ ކުންފުނިން އޮޅުވާލީ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައިކަމަށް ބެލެވޭތީ ކަމަށް މީރާއިން ބުންޏެވެ.

މީރާއިން ބުނީ، ހޯޕް ހޯލްޑިންސް ޕާޓްނާޝިޕް މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީ ކޮށްފައި ވީނަމަވެސް، އެ ވިޔަފާރީގެ ދަށުން ހިންގާ "ހޯޕް ޓްރެވަލްސް" ހަރަކާތް މީރާގައި ރަޖިސްޓަރީނުކޮށް ގިނަ ދުވަސްތަކަކަށް ވަނީ ހިންގައިފައި ކަމަށެވެ. އަދި ތަހުގީގު ކުރި މުއްދަތުގެ ތެރޭގައި އެ ވިޔަފާރި ހަރަކާތް ހިންގައިގެން ލިބިފައިވާ ޖުމުލަ އާމްދަނީގެ 89 އިންސައްތަ މީރާއަށް ހުށަހަޅައިފައިވާ ޖީއެސްޓީ ބަޔާންތަކުގައި ހިމަނައިފައި ނުވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

"މިގޮތުން މި މުއްދަތަށް ޓެކްސް ދައްކާ ފަރާތަށް ލިބިފައިވާ އާމްދަނީގެ ތެރެއިން 54 މިލިއަން ރުފިޔާ އާއި ޖީއެސްޓީގެ ގޮތުގައި ތިން މިލިއަނަށް ވުރެ ރުފިޔާ މީރާއަށް ރިޕޯޓުކޮށްފައިނުވާ ކަމަށް ވަނީ ފާހަގަކުރެވިފަ އެވެ،" މީރާއިން ބުންޏެވެ.

މީގެ އިތުރުން ޓެކްސް އަހަރު 2020 އަދި 2021 އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 29 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހިމަނައިފައިނުވާކަން މީރާގެ ތަހުގީގަށް ހޯދުނު ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެ ތަހުގީގުގައި މީރާއިން ވަނީ ހޯޕް ޓްރެވެލްސްގެ ވިޔަފާރިއާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓާ އޮފީސް ބަލައި ފާސްކުރުމުގެ އިތުރުން މައުލޫމާތު ހޯދުމަށާއި ކުށުގެ ތުހުމަތުގައި މީހުން ހާޒިރުކޮށް ބަޔާން ނަގައިފައި ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މީރާއިން ވަނީ ތަހުގީގުގެ ތެރެއިން ޓެކްސް ދައްކާ ފަރާތުގެ ވިޔަފާރިއާ ގުޅޭ ލިޔުންތައް ބަލަހައްޓާ އެ ފަރާތުގެ އޮފީސް ބަލައި ފާސްކުރުމުގެ އިތުރުން މައުލޫމާތު ހޯދުމަށާއި ކުށުގެ ތުހުމަތުގައި މީހުން ހާޒިރުކޮށް ބަޔާން ނަގާފައި ކަމަށް ބުނެފަ އެވެ.

އެ ތަހުގީގަށް ފަހު މީރާ އިން ދައުވާކުރަން ފޮނުވީ ހޯޕް ހޯލްޑިންސް ވިޔަފާރީގެ ޕާޓްނަރެއް ކަމަށްވާ ޝަހުދު އިބްރާހިމްމަނިކާއި ވިޔަފާރީގައި އިސްކޮށް އުޅޭ މުހައްމަދު އަލީ ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ، ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އަދި އެ ފަދަ ކުށެއް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް