
ޕީއެންސީއަށް ނިސްބަތްވާ ފުވައްމަލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި ބިލުގައި، އެ ގާނޫނަށް 14 ބަދަލެއް ގެނައުމަށް އޮތީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ބަންޑާރަނައިބަށް ލިބިދޭ ބައެއް ބާރުތައް އުނިކޮށް، ރައީސުލްޖުމްހޫރިއްޔާއަށް އެ އޮފީހަށް ނުފޫޒު ފޯރުވޭ ބަދަލުތައް ހިމެނެ އެވެ.
މި ބިލު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 65 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ކޮމިޓީ މަރުހަލާގައި ބިލަށް މާ ބޮޑު ބަދަލެއް ނުގެނެ އެވެ.
ބަންޑާރަނައިބުގެ އޮފީސް ސިވިލް ސާވިސް އިން ވަކިކޮށް އެ އޮފީހުގެ އުސޫލުތަކަށް ބައެއް އެހެން ބަދަލުތަކެއް އަންނާނެހެން އެކުލަވާލި ގާނޫނު ތަސްދީގު ކުރީ މިއަހަރުގެ 29 އެޕްރީލް ގަ އެވެ. އެ ގާނޫނަށް ބަދަލު ގެނަން ސަރުކާރުން ބިލެއް ހުށަހެޅީ އެ ގާނޫނު ފާސްކޮށް ތަސްދީގުކުރިތާ މަހެއް ނުވަނީހެވެ.
ޕީއެންސީއަށް ނިސްބަތްވާ ފުވައްމަލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި ބިލުގައި، އެ ގާނޫނަށް 14 ބަދަލެއް ގެނައުމަށް އޮތީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ބަންޑާރަނައިބަށް ލިބިދޭ ބައެއް ބާރުތައް އުނިކޮށް، ރައީސުލްޖުމްހޫރިއްޔާއަށް އެ އޮފީހަށް މަސައްކަތައް ބަސް ބުނެވޭ ބަދަލުތައް ހިމެނެ އެވެ.
އަދި ބަންޑާރަނައިބުގެ އޮފީހުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލާއި ސެކްރެޓަރީ ޖެނެރަލް އަދި އެހެން މުވައްޒަފުން ހިމެނޭހެން އެ އޮފީހުގެ މަގާމުތައް ތަރުތީބުކޮށްފައިވާގޮތުގެ އޮނިގަނޑެއް ބަންޑާރަނައިބު އެކުލަވާލައި ރައީސްގެ ހުއްދަ ހޯދަންޖެހޭ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.
މިއިސްލާހުގައި ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް އަދި ލީގަލް ސަޕޯޓް ސާވިސް މުވައްޒަފުންގެ ވަޒީފާ އަދާކުރުމާ ގުޅޭ އުސޫލުތައް ތަފްސީލުކޮށް ވަނީ ބަޔާންކޮށްފަ އެވެ.
ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް އިތުރު އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް އެ އޮފީހުން ވަނީ މީގެ ކުރިންވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން، މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލުމުގައި ރައީސްގެ އޮފީހުގެ ދައުރެއް އޮންނަންޖެހޭކަމަށް އެ އޮފީހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.
އޭޖީ އޮފީހުގެ ގާނޫނު ކުރިން ތަސްދީގު ކުރިއިރު އަމަލުކުރަން ފަށަން ކަނޑައަޅާފައި އޮތީ ތަސްދީގުކުރާތާ 90 ދުވަހުން ފެށިގެންނެވެ. އެކަމަކު އަލަށް ގެނައި އިސްލާހުތަކާއެކު މިހާރު ބިލު ތަސްދީގުކޮށްފައި ވަނީ މިއަދުން ފެށިގެން އެ ގާނޫނަށް އަމަލުކުރާ ގޮތަށެވެ.
ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖައާކުރުމަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށައަޅުއްވާ މަޖިލީހުން އެ ބިލް މިއަދު ރައީސް ތަސްދީގުކުރެއްވިއިރު، "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް އިސްލާހް ތަކެއް ހުށައަޅާ ރައްޔިތުންގެ ހިޔާލަށް ކަރުދާހެއް ދޫކޮށްލައިފަ އެވެ.
އެ ގޮތުން އެ ކަރުދާހުގައި ގާނޫނޫ އަސާސީއަށް ގެންނަން ފެންނަ އެއް ބަދަލެއްގެ ގޮތުގައި އޮތީ "މިނިވަން ބަންޑާރަ ނައިބު" ހޯދުމުގެ ހުށައެޅުމެކެވެ.
އެގޮތުން އެދޭ ރާއްޖެ ހަރަކާތުން ގަބޫނލުކުރާ ގޮތުގައި މިހާރު ފެންނަ އެއް މައްސަލައަކީ ގާނޫނުއަސާސީގެ ފަރުމާއަށް ބަލާއިރު ބަންޑާރަ ނާއިބަކީ މުޅި ދައުލަތުގެ ވަކީލު ނަމަވެސް ބަންޑާރަ ނާއިބުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ސަރުކާރު ހިންގުމާ ސަރުކާރުގެ ބައެއް މަސައްކަތުގައި ސީދާ ބަންޑާރަ ނާއިބު ބައިވެރިވުމުގެ ސަބަބުން ސަރުކާރުގެ ސިޔާސީ ނުފޫޒަށް ލެނބުމުގެ ފުރުސަތުއޮތުމެވެ.
މިކަން ބަދަލުކުރުމަށް އެދޭ ރާއްޖެ ހުށައެޅުމުގައި އޮތީ ބަންޑާރަ ނައިބަކީ މުޅި ދައުލަތުގެ ވަކީލުކަން ޔަގީން ކުރުމުގެ ގޮތުން ސަރުކާރުގެ ސިޔާސީ ނުފޫޒު ނެތްކަން އެމަގާމުގައި ހުންނަ ފަރާތައް ޔަގީން ޔަގީންކަން ކަށަވަރު ކުރުމުގެ ގޮތުން:
- ބަންޑާރަ ނާއިބުގެ މަގާމަކީ މިނިވަން މަގާމަކަށް ހެދުން.
- ބަންޑާރަނައިބަކީ ރައްޔިތުންގެ މަޖިލީހުގެ މަތިގެއިން އައްޔަންކުރާ މަގާމަކަށް ހެދުން.
- ކަނޑައެޅޭ ހާއްސަ ހާލަތްތަކުގައި މެނުވީ ދައުލަތުގެ މުއައްސަސާތަކަށް ބަންޑާރަ ނާއިބުގެ ފަރާތުން ދޭ ގާނޫނީ ލަފާ އާންމު ކުރުން.
މިކަންކަން މި މަގުން ތަރުތީބުވެ ތަންފީޒުވާން ފެށުމުން ނިކުންނާނެ ނަތީޖާ އަކީ ބަންޑާރަ ނާއިބުގެ ނަޒާހަތްތެރިކަމާ މިނިވަންކަން ކަށަވަރުވެ، ސަރުކާރުގެ ވަކީލަކަށް ވުމުގެ ބަދަލުގައި މުޅި ދައުލަތުގެ ވަކީލަށް ވުމަށް މަގުފަހިވެގެން ދިއުމެވެ.
"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.
އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.
- އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]