
ރިޕޯޓްތައް ބުނާ ގޮތުން، ރައީސްއަށް ލަފާދޭ ޒުވާނުންގެ މަޖިލީހުގެ މެންބަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން އަބްދުﷲ މާހިލް އަދި އިތުރު މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފެހެއްޓީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެލޭޝިއާއިން ރާއްޖެ އައުމުން، އެއާޕޯޓުގައި ތިބި ކަސްޓަމްސްގެ އޮފިސަރުންނެވެ. އެ ދެ މީހުންގެ އަތުން ވެސް ގިނަ އަދަދެއްގެ ވޭޕް ސާމާނު ހިފަހެއްޓިކަން އިތުބާރު ހުރި ގިނަ މަސްދަރުތަކުން ވަނީ ކަށަވަރުކުރެވިފަ އެވެ.
ޝަހީމްގެ ދަރިކަލުންގެ މައްޗަށް ބޮޑު ޖޫރިމަނާއެއް އައިނަމަވެސް އެކަން ރަސްމީކޮށް އެއްވަސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ވޭޕް ކުރާ ސާމާނު ފެނުނީ މާހިލް ރާއްޖެއަށް އައިއިރު ގެނައި ލަގެޖާއި ހަށިގަނޑުންނެވެ.
ވަރަށް ގިނަ އަދަދެއްގެ ވޭޕު ސާމާނު މާހިލްގެ ހަށިގަނޑުގައި ބަނދެފައި ވެސް ހުރި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ. އެހެންނަމަވެސް ގައިގައި ބަނދެގެން، ވޭޕް ސާމާނު ރާއްޖެއަށް އެތެރެކުރި ކަމަށް ބުނެ ހަގީގަތާ ހިލާފު ވާހަކަ ފެތުރުމަކީ ދެރަކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުވަނީ ވިދާޅުވެފަ އެވެ.