
މިހާތަނަށް ޒަކާތުން އެންމެ ގިނައިން ފަގީރުންނަށް އެހީތެރިވެދީފައިވަނީ ވެސް ހަމަ މި ވެރިކަމުގައި ކަމަށް މެމްބަރު ފާހަގަކުރެއްވި އެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ދީދީ ވިދާޅުވީ، މި ސަރުކާރުން އިސްލާމީ ކަންތައްތައް ހަރުދަނާކޮށް ވަރުގަދަ ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައިވެސް އަދި އެކިއެކި ބައްދަލުވުންތަކުގައިވެސް ގިނަ ކަންތައްތަކެއް ފާހަގަ ކުރައްވާފައިވާ ކަމަށެވެ. އަދި ޒަކާތަށް ހާއްސަ އިދާރާއެއް އުފެއްދީވެސް މި ސަރުކާރުން، އެންމެ ފުރަތަމަ އަހަރު ކަމަށް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، 7 އަހަރުގެ މެދުކެނޑުމަކަށް ފަހު ޒަކާތު ސްކޮލާޝިޕް ޕްރޮގްރާމް އަލުން ފަށާފައިވާކަން މެމްބަރު ދީދީ ފާހަގަކުރެއްވި އެވެ.
މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 50 ސްކޮލަރޝިޕް ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ. މީގެތެރެއިން 20 ފުރުސަތަކީ ރާއްޖޭގައި ކިޔެވުމަށް ދެވޭ ފުރުސަތުތަކެވެ. އަދި 30 ފުރުސަތަކީ ރާއްޖެއިން ބޭރުގައި ކިޔެވުމަށް ދެވޭ ފުރުސަތުތަކެވެ. މިއީ އިސްލާމީ ތައުލީމު ކުރިއެރުވުމަށް މި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ފާހަގަވާ ކަމެއްކަމަށް މެމްބަރު ވިދާޅުވި އެވެ.