
ރައީސް ޔާމީން ނިމުނު ހަފްތާގެ ތެރޭގައި އަދަދު ނޫހަށް ދެއްވި އިންޓަވިއުގައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ސުޕްރީމް ކޯޓުން 1 ފެބްރުއަރީ 2018ގައި ނެރުނު އަމުރަކީ ގާސިމާއި ސިޔާދު ކޮންމެވެސް ސިފައެއްގެ ބައިވެރިވެވަޑައިގެން ފަނޑިޔާރުންނަށް ރިޝްވަތު ދެއްވައިގެން ނެރުނު އަމުރެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
އަދި ގާސިމާއި ސިޔާދުގެ އެހީތެރިކަމުގައި ސުޕްރީމް ކޯޓުގައި އޭރު ތިއްބެވި ބައެއް ފަނޑިޔާރުން މެލޭޝިއާ އިން ފްލެޓް ގަނެފައިވާ ކަމަށްވެސް ތުހުމަތުކުރެއްވި އެވެ. އަދި ބައެއް ފަނޑިޔާރުން ހުޅުމާލެ އިން ފްލެޓް ގަތުމަށް ގެރެންޓީ ދެއްވެވީވެސް ގާސިމާއި ސިޔާދު ކަމަށް ދޭހަވާ ގޮތަށް ޔާމީން ވާހަކަދައްކަވާފައިވެ އެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ގާސިމާއި ސިޔާދު ޖަލަށްލީވެސް ރިޝްވަތުގެ ތުހުމަތުތަކެއްގައި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ތުހުމަތުތަކާ ގުޅިގެން ޖުމްހޫރީ ޕާޓީން ބުނީ ޔާމީން ދައްކަވާފައިވަނީ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ކަމަށްވާތީ އެކަމުގައި ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލަމުންދާ ކަމަށެވެ.
ރައީސް ޔާމީން ދެއްކެވި ވާހަކައިގައި އޭނާގެ ވެރިކަމުގައި ގާސިމް އިބުރާހިމާއި އެމަނިކުފާނުގެ ދޮށީ ދަރިކަލުން އިބުރާހިމް ސިޔާދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރެއްވި ސަބަބުތައް ކަމަށް ބުނެ އެ ބޭފުޅުންނަށް ތުހުމަތުތަކެއް ކުރައްވާފައިވެ އެވެ.
ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ ފަނޑިޔާރަކަށް ނުވަތަ ދައުލަތުގެ އެއްވެސް މުވައްޒަފަކަށް މައުމޫން ދުވަހަކުވެސް ރިޝްވަތު ދީފައިނުވާނެ ކަމަށެވެ. މައުމޫން ވެސް ޔާމީނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ވިސްނަވަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.