
ބީއެމްއެލްއިން ފަށައިފައިވާ، "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު ވަނީ ބ. ކަމަދޫ، ކުޑަރިކިލު އަދި ކެންދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ހިދުމަތް ތައާރަފުކޮށްފަ އެވެ. އަދި މި ހަފުތާގައި އެ އަތޮޅުގެ އިތުރު ހަތް ރަށުގައި އެ ހިދުމަތް ފަށާއިރު، އެއާއެކު، މި އަހަރު ބީއެމްއެލްއިން އޭޓީއެމް ހިދުމަތް ދޭން ފަށައިފައިވާ ރަށްތަކުގެ އަދަދު 47އަށް އަރާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެ ރަށްތަކުގައި އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައެއް ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި އިތުރު އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ބީއެމްއެލުން ބުނީ މި ހަފުތާގައި ގޮއިދު އާއި ފެހެންދު އާއި ފުޅަދު އާއި ހިތާދޫ އަދި ދޮންފަނާއި މާޅޮހުގައި އޭޓީއެމްގެ ހިދުމަތް ފަށާނެ ކަމަށެވެެ. އެއާ އެކު، ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުނީ ކަމަށް އެ ބޭންކުން ބުންޏެެވެ.
މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ބ. އަތޮޅުގެ އިތުރު ދިހަ ރަށަށް އޭޓީއެމްގެ ހިދުމަތް ދޭން ފެށުމާއެކު "މުޅި ރާއްޖެ އަށް ބީއެމްއެލް އޭޓީއެމް" ޕްރޮގްރާމްގެ ދަށުން މިއަހަރު ތެރޭ އަލަށް އޭޓީއެމް ޚިދުމަތް ދޭން ފެށި ރަށްތަކުގެ އަދަދު 47 އަށް އަރާނެ ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 134 ސެލްފްސާވިސް ބޭންކިންގ ސެންޓަރ، 189 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.