
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސްތެރޭ 25،262 ޓަނުގެ މުދާ އެތެރެކޮށް، 2،432 ޓަނުގެ މުދާ އެކްސްޕޯޓުކުރިއެވެ.
އަދި ޓްރާންސްޝިޕްމަންޓް މުދަލުގެ ގޮތުގައި 6،879 ޓަނުގެ މުދާ އުފުލާފައިވެ އެވެ. އޭގެ ތެރޭގައި އެއާ ޓު އެއާގެ 5،621 ޓަނުގެ މުދަލާއި، އެއާ ޓު ސީގެ 1،258 ޓަނުގެ މުދާ ހިމެނެ އެވެ. އެއީ 12 ޕަސެންޓުގެ އިތުރުވުމެއް ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
އެންމެ ގިނަ ކާގޯ އުފުލާފައިވަނީ އެފްކޮމް މެދުވެރިކޮށެވެ. އެފްކޮމް ކާގޯއިން ހަފުތާއަކު ތިން ފްލައިޓު އޮޕަރޭޓު ކުރެ އެވެ. އޭގެ އިތުރުން ފްލައި ވާޔޫ އާއި އެމްޖެޓްސް އާއި ގަތަރު ކާގޯ އިން ވެސް މުދާ އުފުލަ އެވެ.
އަހަރަކު 120،000 ޓަނުގެ މުދާ ހޭންޑަލް ކުރެވޭ ގޮތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރި އާ ކާގޯ ޓާމިނަލް ހުޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެގޮތުން ކުރިން ކާގޯ ޓާމިނަލުން 50،000 ޓަނުގެ މުދާ ހޭންޑަލް ކުރެވޭއިރު އާ ޓާމިނަލުން 120،000 ޓަނުގެ ކާގޯ ހޭންޑަލް ކުރެވެ އެވެ.
އެއީ، އެއާޕޯޓު ބޮޑުކުރުމަށް 2018 ވަނަ އަހަރު ފެށި މަޝްރޫއުގެ ދަށުން އިމާރާތްކުރެވުނު ތަނެކެވެ. އާ ކާގޯ ޓާމިނަލްގައި މުވައްޒަފުންނާއި ކާގޯގެ ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަކޮށް ތިން ބުރީގެ އޮފީސް އިމާރާތެއް ހަދާފައިވާއިރު، މި ތަނުގައި އެއާލައިން ކާގޯ އަދި ކާގޯ ބްރޯކަރުނަށް ހާއްސަ 55 އޮފީސް ވަނީ ގާއިމް ކޮށްފަ އެވެ.