
ނޯމަލައިޒޭޝަން ކޮމިޓީން އިސްވެ ތިބެ ފާސް ކުރި "އާ" އަސާސީ ގަވާއިދު ބާތިލް ކުރަން ޖެހެނީ އާ އަސާސީ ގަވާއިދު ފާސް ކުރުމުގައި ގެންގުޅެފައިވާ އިޖްރާއަތްތަކާއި، މަފްހޫމްތަކަކީ ފުޓުބޯޅަ ގާނޫނާ (ފީފާ ސްޓެޓިއުޓްސް) އާއި ހިލާފް އިޖްތާތަކަކާއި މަފްހޫމްތަކަކަށް ވާތީ އެވެ. މިއީ އިންޓަނޭޝަނަލް ކުޅިވަރު ގާނޫނާ ވެސް ހިލާފު އިޖްއާއަތް ތަކަކާއި މަފްހޫމްތަކެކެވެ. މިކަން ދެން ދެނެގަނެވޭނީ، ރާއްޖޭގެ ކޯޓަކުން ނޫނެވެ. މިކަން ދެނެގަނެވޭނީ އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އިންނެވެ.
އިންތިހާބު ބާއްވަން ބޭނުން ކުރި އިޖްރާއަތްތައް އިންޓަނޭޝަނަލް ސްޕޯޓްސް ގާނޫނާ ހިލާފު ވަނީ، ދިރިދިރި އޮތް އަސާސީ ގަވާއިދާ ހިލާފު ވޯޓާސް ލިސްޓެއް އުފަން ކުރުމުން ނެވެ. އަދި ކޮމިޓީން އަމިއްލެއަށް އުފަން ކުރި ލިސްޓަށް ވޯޓަށް އަހާ، އަސާސީ ގަވާއިދު ބަދަލު ކުރުމުން ނެވެ.
އިންޓަނޭޝަނަލް ސްޕޯޓްސް ގާނޫނު ބިނާވެފައި އޮންނަ މަފްހޫމްތަކާ، ނޯމަލައިޒޭޝަން ކޮމިޓީން ހިލާފުވެފައި ވަނީ، ރާއްޖެތެރޭގެ ޒޯން ވޯޓީންގް ޑެލިގޭޓުންނާ މެދު ތަފާތު ކުރުމުން ނެވެ. "ޑިސްކްރިމިނޭޓް" ކުރުމުން ނެވެ. އެއީ ވޯޓާސް ލިސްޓްގައި ހިމެނޭ ރާއްޖެތެރޭގެ ވޯޓް ހައްގުވާ ނުވަ (9) ވޯޓިންގް ޑެލިގޭޓުން އެކަހެރި ކުރުމުން ނެވެ. ތިރީގައި އެވަނީ ނޯމަލައިޒޭޝަން ކޮމިޓީން މި އިޖްރާއަތްތަކާއި، މަފްހޫމްތައް، ރޯމާދުވާލު ބޮލާ ލާޖަހާ ކަންކުރިގޮތުގެ ހުލާސާއެކެވެ.
ނޯމަލައިޒޭޝަން ކޮމިޓީ ފޭލްވުން
ނޯމަލައިޒޭޝަން ކޮމިޓީއަކަށް ވެސް، އަސާސީ ގަވާއިދުގައި އޮންނަ އިޖްއާއަތް ތަކާ ހިލާފަށް އަސާސީ ގަވާއިދު ބަދަލެއް ނުކުރެވޭނެ އެވެ. އެ އިޖްއާތްތަކުގެ ތެރޭގައި ހިމެނޭ، ކޮންގްރެސް ގައި ވޯޓްލާ މެމްބަރުންގެ ލިސްޓަކީ ދިރިދިރި އޮތް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ލިސްޓަކަށް ވާއިރު، އެގަވާއިދުގައި ނެތް މެމްބަރުންނަށް ދައުވަތު ދީ، ލިސްޓްގައި ތިބި މެމްބަރުން އެކަހެރިއެއް ނުކުރެވޭނެ އެވެ. އެހެން ނަމަވެސް ކޮމިޓީން ކަންކުރީ މިގޮތަށެވެ.
އަދި، އަސާސީ ގަވާއިދު އުވައިލުމަކީ ކޮމިޓީއަށް ލިބިގެންވާ ބާރެއް ވެސް ނޫނެވެ. އެހެން ނަމަވެސް ނޯމަލައިޒޭޝަން ކޮމިޓީން ކަންކޮށްފައި ވަނީ އަސާސީ ގަވާއިދު އުވާލުމުގެ ބާރު ކޮމިޓީއަށް އޮތް ކަމަށް ބަލައިގެނެވެ. ކޮމިޓީއަށް ފެނުނީ ކޮންގްރެސްގައި ވޯޓުލާ މެމްބަރުންގެ ލިސްޓަކީ "ފެނިވަޑައިގަންނަވާގޮތަކަށް" ބަދަލު ކުރެވިދާނެ ލިސްޓެއް ކަމަށެވެ. ވީމާ، ކޮމިޓީއަށް ފެންނަ ވޯޓިންގް ޑެލިގޭޓުންނަށް ދައުވަތު ދީ، އަދި ކޮމިޓީއަށް "ނުފެންނަ" ވޯޓިންގް ޑެލިގޭޓުން އެކަހެރި ކުރުމަށް ފަހު ކޮންގްރެސް ބާއްވާ އަސާސީ ގަވާއިދު ބަދަލު ކުރީ އެވެ. އަސާސީ ގަވާއިދާ ހިލާފަށް ވޯޓާސް ލިސްޓް ބަދަލު ކުރުމަކީ މިކޮމިޓީއަށް ލިބިފައިވާ ބާރެއް ނޫނެވެ. ވީމާ، މިފަދަ ކޮންގެރެސް އަކުން ފާސް ކުރާ އަސާސީ ގަވާއިދަކީ ސައްހަ ގަވާއިދަކަށް ނުވާނެ އެވެ.
ފީފާ އަކީ ފުޓުބޯޅަ މެދުވެރިކޮށް އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދިނުމުގައި މިސާލު ދައްކާ ޖަމާއަތެކެވެ. 1961 ގައި ފީފާއިން، ސައުތު އެފްރިކާ ފުޓްބޯލް އެސޯސިއޭޝަން ސަސްޕެންޑް ކުރީ ނަސްލީ އިމްތިޔާޒުގެ ސަބަބުން ނެވެ. ތަފާތު ކުރުން ނުވަތަ "ޑިސްކްރިމިނޭޝަން" ގެ ސަބަބުން ނެވެ.
ކުޅިވަރުގައި އިކުއަލިޓީ ނުވަތަ ހަމަހަމަ ކަމަކީ ފީފާފެ އިބާރާތުން ނަމަ "ނޮން-ޑިސްކްރިމިނޭޝަން" އެވެ. އިންޓަ ނޭޝަނަލް ސްޕޯޓްސް ލޯގެ އެއް އުންސުރަކީ ކުޅުންތެރިންގެ މެދުގައި ތަފާތު ނުކުރުމެވެ. ރާއްޖޭގެ ފުޓުބޯޅަ، ޒޯންތަކަށް ލާމަރުކަޒުކޮށްފައި އެވަނީ ތަފާތު ކުރުން ނައްތާލުމުގެ މަފްހޫމްގެ ދަށުންނެވެ. އެއީ މާލެ އާއި ރާއްޖެތެރެ ތަފާތު ނުކުރުމެވެ. ކުޅިވަރުގައި "އިކުއަލިޓީ" ގާއިމް ކުރަން ޖެހެނީ މިހެންވެ އެވެ.
"ޝަގާފަތް" ނުވަތަ ޕްރެސީޑެންޑް ގޮތުގައި ވާރުތަވެފައި ވާ މިފަދަ ނޭއްގާނީ އަމަލުތަކަކީ މިޒަމާނުގައި އެތިކަލް ކަންކަމެއް ނޫނެވެ. ފުޓުބޯޅަ ކުޅުންތެރިންގެ މެދުގައި ތަފާތު ކުރުމަކީ މިއަދު ކުރެވޭނެ ކަމެއް ނޫނެވެ. ޑިސްކްރިމިނޭޓް ކުރުމަކީ އެސޯސިއޭޝަނެއް ސަސްޕެންޑް ކުރާ ވަރުގެ ކުށެލެވެ. ނޯމަލައިޒޭޝަން ކޮމިޓީން ރާއްޖެތެރެ އެކަހެރި ކުރުމަކީ ޑިސްކްރިމިނޭޓް ކުރުމުވެ. މިއީ މިކަން ކުރި ބަޔަކު ސަސްޕެންޑް ކުރަންޖެހޭ ވަރުގެ އަމަލެކެވެ.
ނޯމަލައިޒް ނުކޮށް އިންތިހާބު ބޭއްވުން
ނޯމަލައިޒް ކުރުމަށްޓަކާ ދެ ކޮންގްރެސް ބޭއްވި އެވެ. ދެ ކޮންގްރެސްގެ ދައުވަތު ލިސްޓުގައި ވެސް އަސާސީ ގަވާއިދުގައި ނެތް މެމްބަރުން ހިމެނެ އެވެ. އަދި އެގަވާއިދުގައި، ވުޖޫދު ކުރަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ރީޖަނަލް އެސޯސިއޭޝަންތައް އޮތީ ވުޖޫދު ނުކޮށެވެ. ވީމާ، ޒޯން ތަކުގައި ރީޖަނަލް އެސޯސިއޭޝަންތައް ގާއިމް ކުރުމަކީ ނޯމަލައިޒޭޝަން ކޮމިޓީން ފުރަތަމަ ކުރަންޖެހޭ ކަމެވެ. ރީޖަނަލް އެސޯސިއޭޝަންތައް ގާއިމްނުކޮށް ކޮންގްރެސް ބޭއްވުމަކީ ނޯމަލައިޒް ކުރުމެއް ނޫނެވެ. ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލު ކުރީ މިމަސައްކަތް ކުރާށެވެ.
އިންޓަނޭޝަނަލް ސްޕޯޓްސް ލޯ އާއި ހިލާޕް އިޖްރާއަތްތަކެއްގެ ތެރެއިން އަސާސީ ގަވާއިދުން ކޮންގްރެސްގައި ރާއްޖެތެރެއަށް އޮތް 9 ޒޯން ވޯޓިންގް ޑެލިގޭޓުން އުނި ކުރުމަށް ފަހު، އެންމެ ޒޯނަކަށް ހުރިހާ ވޯޓް މަރުކަޒުކޮށް، މާލޭ ޒޯންގެ ކްލަބްތަކަކަށް ދައުވަތު ދިނުމަކީ އަސާސީ ގަވާއިދުގައި ނެތް މެމްބަރުން ބައިވެރި ކުރުމެވެ. ހަމަ އެހިންދު، ވޯޓިންގް ޑެލިގޭޓުންގެ ލިސްޓްގައި ހިމެނޭ ރާއްޖެތެރޭގެ މެމްބަރުން އެކަހެރި ކުރި އެވެ.
ފީފާއިން، ނޯމަލައިޒޭޝަން ކޮމިޓީއަށް 12 މަސް ދުވަސް ދިނީ އެފްއޭއެމް އަނބުރާ އަސާސީ ގަވާއިދަށް ރުޖޫއަކޮށް، އެ ގަވާއިދާ އެއްގޮތަށް އިންތިހާބެއް ބާއްވާށެވެ. ނަމަވެސް ނޯމަލައިޒް ކުރުމަށްޓަކާ ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށް ތިބުމަށް ފަހު، އެންމެ ފަހު ވަގުތު، ކޮމިޓީއަށް ފެންނަ ކްލަބަތަކެއް އެއްކޮށް ކޮންގްރެސްއެއް ބާއްވާ އަސާސީ ގަވާއިދާ ހިލާފަށް އަސާސީ ގަވާއިދު ބަދަލު ކުރީ އެވެ. ނޯމަލައިޒް ނުކޮށް ދެ ކޮންގްރެސް ބާއްވާ، "މިނިވަން ދުވަހު" އެ ދަނީ އިންތިހާބު ބާއްވާށެވެ.
ޒޯން ވޯޓް ސައްހަ ކަމަށް ކޮމިޓީން އެއްބަސްވޭ
އަސާސީ ގަވާއިދުގައި 9 ޒޯން ވޯޓީންގް ޑެލިގޭޓުން ބަޔާންކޮށްފައިވާކަމަށް ކޮމިޓީން އެއްބަސްވެފައިވެ އެވެ. ޒޯން 5 ށް ނިސްބަތްވާ ނިލަންދޫ ސްޕޯޓްސް ކްލަބަށް 25 ޖޫން 2025 ގެ ތާރީހުގައި ފޮނުވާފައިވާ ސިޓީގައި ލިޔެފައިވަނީ ދިރިދިރި އޮތް އަސާސީ ގަވާއިދުގެ ދަށުން، ކޮންގެރެސްގައި ޒޯންތައް "ރިޕެރެޒެންޓް" ކުރެވެން ވާނެ ކަމަށެވެ. އެހެން ނަމަވެސް، މިގަވާއިދުގެ ދަށުން މިހާތަނަށް އެއްވެސް ޒޯނެއްގައި ރީޖަނަލް އެސޯސިއޭޝަނެއް ރަޖިސްޓަރީ ކޮށްފައި ނެތުމުން، ޒޯންތަކަކީ ނެތް ބައެއް ކަމަށް ބެލީ ކަމަށެވެ. ތިރީގައި އެވަނީ ސިޓީގެ މިޕެރެގްރާފެވެ.
މިނިވަންދުވަހު ބާއްވާ ކަރަޕްޓް ފުޓުބޯޅަ އިންތިހާބު!
ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީއެއް އުފައްދަން ޖެހުނީ، އަސާސީ ގަވާއިދާ ހިލާފަށް އެސޯސިއޭޝަން ހިންގާ، އެފްއޭއެމްގެ "އިންޓާނަލް ގަވަރަނަންސް" ކަރަޕްޓްވެފައި ވާތީ އެވެ. މީގެ ސަބަބުން އެފްއޭއެމްގެ ރައީސް މަގާމުން ވަކިކޮށް، އެގްޒެކެޓިވް ކޮމިޓީ އުވާލުމަށް ފަހު، ފީފާ އިން އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލު ކުރީ އަސާސީ ގަވާއިދާ އެއްގޮތަށް އެފްއޭއެމް އަލުން އިންތިހާބު ކުރާށެވެ. އެހެން ނަމަވެސް ނޯމަލައިޒޭޝަން ކޮމިޓީން ކަން ކުރީ ދިމާ އިދިކޮޅަށެވެ. އެއީ ދިރިދިރި އޮތް އަސާސީ ގަވާއިދު ބޮލާލާ ޖަހާ، އެގަވާއިދާ ހިލާފަށް، ރާއްޖެތެރޭގެ ވޯޓު "ބާތިލް" ކޮށް، ޒޯންތައް އުވާލުމަށް ފަހު އިންތިހާބު ބޭއްވުމެވެ.
ޒޯން 5 ށް ނިސްބަތްވާ ނިލަންދޫ ސްޕޯޓްސް ކްލަބަށް 25 ޖޫން 2025 ގެ ތާރީހުގައި ފޮނުވާފައިވާ ސިޓީ
ޒޯންތަކުގެ ރެޕްރެޒެންޓޭޝަން އުވާލުމުގައި ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރިވިތަން ވެސް ވަނީ ރޯމާދުވާލު މީޑިއާގައި އިސްތިހާރުކޮށްފަ އެވެ. އެއީ ދިރިދިރި އޮތް އަސާސީ ގަވާއިދުގައިވާ 8 ކްލަބް 10 ކްލަބަށް ބަދަލުކޮށް ކޮންގެރެސްއަށް ހާޒިރުވެ %100 ވޯޓް ދިނުމުގެ އަގުގެ ގޮތުގައި ސްޕޯޓްސް މިނިސްޓްރީން މިކްލަބްތަކަށް މިލިއަން ރުފިޔާގެ "އެހީ" ބެއްސެވުމެވެ. ރާއްޖެތެރޭގެ ކްލަބަކަށް "އެހީ" އެއް ނުބައްސަވަ އެވެ!
26 ޖުލައި 2025 ވާ ރާއްޖޭގެ މިނިވަން ދުވަހު މިބާއްވާ ފުޓުބޯޅަ އިންތިހާބަކީ، ސައްހަ އިންތިހާބަކަށް ނުވާހިނދު، މިނިވަން އިންތިހާބަކަށް ވެސް ނުވެ އެވެ. މިއީ ރާއްޖޭގެ މިނިވަން ދުވަހު ބާއްވަން ހެޔޮވެސް ނުވާނެ އިންތިހާބެކެވެ.
އެޑިޓަރުގެ ނޯޓް:
ހާމިދު އަބްދުލް ޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލް ޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލް ކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ބޭފުޅެކެވެ.