
ކަންފަތުގެ ސަމާލުކަމަށްއައީ ތަފާތު އަޑުތަކެކެވެ. ވަހެއް ދުވާކަން ރެއަކާލާން ހިނދުކޮޅެއް ނެގި އެވެ. މި އޮވެވުނީ ޝައްޔާންގެ ގޭގައިކަމާއި ރޭގައި ހިނގާދިޔަކަންކަން އަމާރާގެ ސިކުނޑި ބުނެދީފި އެވެ.
ދެ ލޯ ބޮޑުކޮށްލެވުނެވެ.
ޝައްޔާން އެއުޅެނީ ބަދިގޭގައި ހެއްޔެވެ؟ އޭނާ ކައްކަނީ ބާވައެވެ؟
ނުނީ، އެފަދަ ކަމެއް ކުރަންއިނގޭތޯ މަސައްކަތްތަކެއް ކުރަނީ ބާވަ އެވެ.
ފުންމައިގެން ސޯފާއިން ތެދުވެ އަމާރާ ދުއްވައިގަތީ އަޑު އަންނަ ދިމާއަށެވެ. ނުވަތަ ޝައްޔާންގެ 'ލަގްޒަރީ' ބަދިގެ އަށެވެ.
"ވަޓް އަރ ޔޫ ޑުއިންގ؟"
"މޭކިންގ ބްރޭކްފަސްޓް!"
ކޮލުދަތްތައް ފެންނަވަރަށް ހިނިއައިސްފައި ޝައްޔާން ބުނެލީ ވަރަށް އުފަލުންނެވެ.
އުނދުން މަތީގައި ހުރި ތަވާއިން އަރަމުންދިޔަ ދުމަށް ވިސްނާލަމުން އަމާރާ ބަލައިލި އެވެ.
"ހިއްގައިމު ދުވަހެއްގެ އިރުއެރުމާއެކު އަހަރެން ވިހަކޮށްލަންތަ ތިއުޅެނީ؟"
ދުންގަނެ ކަޅުވެފައި ހުރި ތަވާއަށް ބަލައިލަމުން އަމާރާ ބުނެލީ އަނގަޔަށް ވައްތަރެއް ޖައްސާފަ އެވެ.
"ހެއި..! އައި އެމް ޓްރައިން ޓު ބީ ރޮމެންޓިކް..!" ލޯބިގޮތަކަށް ދެބުމަ އަރުވާލަމުން ޝައްޔާން ބުންޏެވެ.
"ޒުވާން ޑޮކްޓަރަކު ވިހަ ކޮށްގެން؟"
މޭދަށުގައި ދެއަތް ހުރަސްކޮށްފައި އަމާރާ ބުންޏެވެ.
"ފައިން..! ދެން ފަހަރަކުން ކައްކާނީ އަމާރާ..!" ދެ ކޯ ފުންޕާލާފައި ޝާއްޔާން ބުންޏެވެ.
"ދުރަށްޖެހޭ..! އަނގަޔަށް ލާންކެރޭ އެއްޗެއް ތައްޔާރުކުރެވޭތޯ ބަލާނަން..!" އަމާރާ ބުނެލީ ލޮލުގެ ކަޅި އަނބުރާލާފަ އެވެ.
"ވައިފް މެޓީރިއަލް"
ދިމާކޮށްލުމަށް އަމާރާގެ ކަންފަތާއި ގާތްވެލާފައި ޝައްޔާން ބުނެލުމުން، ދާދި ގާތުގައި އޮތް ސަމްސާ ނަގާފައި ޝައްޔާންއާއި ދިމާއަށް އެއްލި އެވެ.
.....................
ދުވަހުގެ ޑިއުޓީ ނިމިގެން ގެއަށް ދިއުމަށް ނިންމައި، ކެބިން ތެރެއިން ނިކުތުމަށް ތައްޔާރުވި ވަގުތު އަމާރާގެ ފޯނު ރިންގްވާން ފަށައިފި އެވެ. ބޯ ދިއްކޮށްލާފައި ފޯނަށް ބަލައިލި އެވެ. ސްކްރީނުން ފެންނާންއޮތީ، 'އައްޓަމަސް ކޯލިންގ..' އެވެ.
ދެ ލޮލުގެ ކަޅި އަނބުރާލި އެވެ. ގުޅަނީ ކާކުކަން ކުރިންވެސް އެނގެޔޭ ބުނާފަދަ ގޮތްތަކެއް މޫނަށް ހަދާލި އެވެ. ޝައްޔާންއާއި ދޭތެރޭގައި އަމާރާ ކަންކުރަނީ، އެހެންމީހުން ފަދައިން 'ސްޕާސްޓާރ'އަކަށް ވާތީ ނޫންކަމާއި އެފަދަ މޭރުމަކުން ޝައްޔާންއާއި ދޭތެރޭގައި އަމާރާ ނުދެކޭކަން އެނގުނުފަހުން ޝައްޔާންގެ އަމަލުތަށް މުޅިން ތަފާތުވެއްޖެ އެވެ. އަމާރާގެ ސަމާލުކަން ހޯދުމަށްޓަކައި ކޮންމެ ވަގުތެއްގައި ކޮންމެފަދަ ކަމެއްކުރާންވެސް ޝައްޔާން މިހާރު ފަހެއް ނުޖެހެ އެވެ.
އޭނާގެ ސަމާލުކަމާއި، ރައްކާތެރިކަން އޮތީ އެންމެ ކަމަކަށެވެ. އަމާރާއާއިއެކު އޭނާގެ މޫނު ފާޅު ނުކުރުމެވެ. އަދި 'ދެމީހުންގެ ސިއްރު'، މީޑިއާއި މުޖުތަމައަށް 'ސިއްރު' ކުރުމެވެ.
"މިވަގުތު ކޮންކަމެއް ބޭނުންވަނީ، މިސްޓަރ ސްޕަރސްޓަރ؟"
ލާނެއްކަމާއެކު އެއްމިޔަކަނުން ވީ ހިނިތުންވުން، ޝައްޔާން ދެމެހެއްޓި އެވެ.
"އޯހ. ހޯއހހ.. މިސް ޒުވާން ޑޮކްޓަރ..! ކޮންމެސް މީހަކު ވަރަށް މޫޑްގައި ހުރި ވަގުތެއް! ހިތަށް އެރީ ބަލައިލާނަމޭ، ކޮފީއަކަށް ދާނެ ވަގުތުކޮޅެއް އޮތްތޯ..؟" ފިލްމީ ގޮތަކަށް ޝައްޔާން ވާހަކަދެއްކި އެވެ.
"ނޯ" ޖެހިލުމެއްނެތި އަމާރާ އިންކާރު ކުރި އެވެ.
"ދެޓްސް ރޫޑް!.. ސަބަބެއް އަޑުއެހުމެއްނެތި، މިފަދަ ހާއްސަ ކޮފީއަކަށް އިންކާރުކުރާން ހެޔޮނުވާނެ.." ޝައްޔާންގެ ފިލްމީ ރާގު ބަދަލެއް ނުކުރި އެވެ.
"އަބަދުވެސް، ކޮންމެ ފަހަރަކުވެސް ސަބަބަކީ ޝައްޔާންގެ ޑްރާމާ..! އަހަރެން ވަރަށް ވަރުބަލ.."
"ޕަރފެކްޓް! ވަރުބަލިކަމަށް އެންމެ ބޮޑު ފަރުވާއަކީ ފެންވަރު ރަގަޅު ކޮފީއެއް..!" އަމާރާގެ ޖުމުލަ ނިންމާނެ ވަގުތެއްވެސް ނުދީ ޝައްޔާން ގޮތް ނިންމި އެވެ.
"އަވަހަށް ނިކުމޭ... އަހަރެން މިހާރުވެސް މިހުރީ ތި ހޮސްޕިޓަލުގެ ކުރިމަތީގައި" ޝައްޔާންގެ ޖުމުލަ ފުރިހަމަކޮށްލި އެވެ.
"ވަޓް!!" ގޭޓް ކުރިމަތީގައި އަމާރާ ނެގި ފިޔަވަޅުމަތީގައި ހުއްޓުނެވެ.
ފަސްއެނބުރި އަމާރާ ބަލައިލި އެވެ.
އަގުބޮޑު ކާރު އޮތީ ހޮސްޕިޓަލުގެ ކުރިމަތީގަ އެވެ. ފިލްމީ ގޮތަކަށް ލެނގިލައިގެން އެހުރީ ޝައްޔާން އެވެ. ކަޅު ހޫޑީއާއި ކަޅު އަވިއައިނު އަޅައިގެންނެވެ.
"ބުނެވެސް ނުލާ ކީއްވެ ތިއައީ؟" ވަށައިގެން ބަލައިލަމުން އަމާރާ ސުވާލުކުރި އެވެ.
"އަހަރެންގެ ޒުވާން ޑޮކްޓަރ ރުޅިއަރުވާލުމަކީ، އަހަރެންގެ އުފާ! އަވަހަށް އަރާ..!" އަމާރާގެ އަތުގައި ހިފައި ދަމައިގަންނަމުން ޝައްޔާން ބުންޏެވެ.
"މިސްޓަރ ރައިޒާދް...! ހުވާކޮށްފައި މިބުނަނީ.." އަމާރާ ބުނަން އުޅުނީ ކޮންމެވެސް ބާރުގަދަ ލަފްޒެކެވެ.
"އަޅުގަނޑުގެ ޑޮކްޓަރ އަޅުގަނޑަށް ކިޔަންވާނީ ޝައްޔާން.." ކާރުގެ ޕެސެންޖަރ ސީޓް ހުޅުވާފައި އަމާރާ ކާރަށް އެރުމަށް އެހީތެރިވަމުން ޝައްޔާން ބުންޏެވެ.
ރުޅިގަދަވެގެން ދަތްކުނޑިވިކައި ކުކުރަމުންވެސް އަމާރާ ކާރަށް އަރައިފި އެވެ. ޖަވާބެއްގެ ގޮތުން 'ނޫން' އަޑުއެހުމަކީ ޝައްޔާންގެ މިޒާޖާއި އޭނާގެ ލޭގައި ހުރި ސިފައެއް ނޫންކަން ވަރަށް ރަގަޅަށް އަމާރާއަށް މިހާރު އެނގެ އެވެ.
އަމާރާގެ އަތާއި ފައި ޝައްޔާންގެ ހުށަހެޅުމަށް އިންކާރުކުރިއަސް، އޭނާގެ ހިތް ގަބޫލުކުރީ މުޅިން ތަފާތު ރޫހެކެވެ.
ހިތް ބުނެލި އެވެ.
މިއީ ހަމައެކަނި 'ކޮފީ އަކަށް ދިޔުމެއް ނޫނެވެ'
މިއީ އެހެން ކޮންމެވެސް 'ބޮޑުކަމެއްގެ ފެށުމެކެވެ'
ބުނެދޭން ނޭގޭ، ބަޔާންކުރާނެ ލަފްޒެއް ނެތް، ދެހިތެއްގެ ވަރަށް ފުން އިހްސާސެއްގެ ފެށުމެކެވެ. ވާނުވާއެއް ނޭގި ހިތް ގެއްލެނީކަމުގެ ވިންދު އަމާރާގެ މޭގައި ޖަހައިލައިފި އެވެ.
.................
ހަލަބޮލި މަގުތަކުގައި ދުއްވަމުންދިޔަ އަގުބޮޑު ކާރުގެ ސްޕީޑަށް، އެތަށް ބައެއްގެ ސަމާލުކަން ލިބެމުންދިޔަކަން ދަންނަ އެކަކުވެސް އެ ކާރުތެރޭގައި ނެތެވެ.
މޭދަށުގައި ދެއަތް ހުރަސްކުރިގޮތަށް އަމާރާ އެއިންނަނީ ބޭރުން ފެންނަ މަންޒަރުތަކަށް ބަލާށެވެ. ތަރުތީބެއް ނެތި ޕާކުކޮށްފައިވާ އުޅަންދުތަކާއި ޕޭމަންޓްމަތީގައި އެކިގޮތްގޮތަށް އަތުރާފައިވާ އެކިސާމާނުތައް އޭނާގެ ލޮލާއި ސިކުނޑީގެ ސަމާލުކަން ހޯދާފައިވަނީއެއް ނޫނެވެ.
އަމާރާގެ މަގުސަދަކީ ޝައްޔާންއާއި ދިމާއަށް ނުބެލުންކަން އެންމެ ރަގަޅަށް އެނގޭ މީހަކީވެސް ޝައްޔާން އެވެ. އަމާރާގެ މިފަދަ ހަރަކާތްތަކުން ޝައްޔާންއަށް ތަފާތު ހިތްހަމަޖެހުމެއް ލިބެނީ ކީއްވެކަން ބުނެދޭން ނޭގުނަސް، އަމާރާގެ ލޮލާއި ތުންފަތާއި އޭނާގެ ހަރަކާތްތަކުން ޝައްޔާން ދިޔައީ އުފާކުރަމުންނެވެ.
"އަމާރާއަށް އިނގޭތަ.." އަމާރާއާއި ދިމާއަށް ގުދުވެލާފައި ޝައްޔާން ވާހަކަދެއްކީ މުޅިން ތަފާތު ޖަޒްބާތަކާއެކު އެވެ.
"އެތައް ހާސް އަންހެން ކުދިންނެއް، ތި ސީޓުގައި އިށީންދެލާހިތުން މަރުދޭނެ! ޝައްޔާން ޔޫސުފް ރައިޒާދުއާއިއއެކު މިފަދަ ރައިޑެއް ޖަހާލަން ބޭނުންނުވާނީ ކާކު ދޯ..!؟" ފޮނިގޮތަކަށް ޝައްޔާން ބުނެލި އެވެ.
"އޯހ- ގަދަ..!! އަވަހަށް އަހަރެން މިތަނަށް ބާލާފައި، މަރުދޭން ތިބި ކުދިންގެ ތެރެއިން ކުއްޖަކު އަރުވައިގެން ނައްޓާލާ!!" އުފަލުން އަތްތިލަބަޑިޖަހާފައި އަމާރާ ބުނެލިއިރު 'އޯވަރ-އެކްޓިންގ' ކުރެވިއްޖެކަން އޭނާއަށް ރެއަކާއެއް ނުލި އެވެ.
ދިމާކޮށްލާފަދަ ހިންޏެއް ޝައްޔާން ގާތަށްއައީ އެހެންވެ އެވެ. ނަމަވެސް ހިނދުކޮޅެއްތެރޭގައި އޭނާގެ 'ސީރިއަސްކަން' ދައްކާލައިފި އެވެ.
"ނާއހ...! ޔޫ އަރ ސްޕެޝަލް! އަހަންނަކީވެސް އެހެން މީހުންފަދަ އާދައިގެ އިންސާނެއްކަން ދަންނަ ހަމައެކަނި މީހަކީ އަމާރާ! މިހާތަނަށް އަހަރެންގެ ހިތަށް ހަމަޖެހުމެއް ގެނެސްދިން ހަމައެކަނި އިންސާނަކީ، އަމާރާ! މި އިހްސާސް ބުނެދޭނެ ގޮތެއް ހަގީގަތުގައި ނުވެސް އިނގޭ!" ސީރިއަސްކަމާއެކު ޝައްޔާން އިއްވާލީ އޭނާގެ ހިތުގެ އަޑެވެ.
އެއްބުމަ ހިއްލާލާފައި އަމާރާ ބަލައިލި އެވެ.
"އޯއހ..؟ އެހެންވީމާ އަހަރެންވެސް އަޑުގެ ނެތްތަނަށް ހަޅޭއްލަވްނަ ފަށަންވީ ދޯ..! ޝައްޔާން އައި ލަވް ޔޫ! ޕްލީޒް މެރީ މީ! ޕްލީޒް ޕްލީޒް ޝައްޔާން މެރީ މީ..! އެގޮތަށް ހަޅޭއްލަވަން ފަށައިފިއްޔާ، އައްޓަމަސް އަހަރެން ދޫކޮށްލާފައި މިސްރާބު ބަދަލުކޮށްފާނެ ދޯ؟" އަމާރާގެ ޑްރާމާ ބަލަން ޝައްޔާން އިނީ ބަސްހުއްޓިފަ އެވެ.
ކުއްލިޔަކަށް ހިނިގަނޑު ފަޅައިގެންދިޔައީ ކޮންޓްރޯލް ނުވެގެންނެވެ. (ނުނިމޭ)