
ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސްވިޓްޒަލޭންޑްގެ ވެރިރަށް ބަރންގައި ހުންނަ ފެޑަރަލް ޕެލަސްގަ އެވެ.
ޑރ. ސަލްމާ ރަޝީދަކީ، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުވެސްމެއެވެ.
ފަތްކޮޅުއެރުވުމަށްފަހު، ސަފީރު ޑރ.ސަލްމާ ރަޝީދުވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ނަމުގައި ސްވިސް ކޮންފެޑެރޭޝަންގެ ރައީސަށާއި ސްވިސްގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފަ އެވެ. އަދި އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެ އާއި ސްވިޓްޒަލޭންޑާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ހަރުދަނާކުރުމުގައި އިތުރު އަހަންމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވި އެވެ.
މިބައްދަލުވުމުގައި ސްވިސް ކޮންފެޑެރޭޝަންގެ ރައީސްވަނީ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުން، ޑރ. ސަލްމާ ރަޝީދަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ދިވެހިރާއްޖެ އާއި ސްވިޓްޒަލޭންޑާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެ ޤައުމުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށްވެސް ވިދާޅުވި އެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޑރ.ސަލްމާގެ އަރިހުގައި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ކައުންސެލާ، އާދަމް ހާމިދު ބައިވެރިވެވަޑައިގެންނެވި އެވެ.