
މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލާ ގުޅިގެން، މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތައް ބަލަހައްޓާ ބޯޑުގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ ފަރުވާއަށް ރަށްރަށުން އަންނަ މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސަން ހެލްތު މިނިސްޓްރީއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ މާލޭގައި މަސައްކަތް ކުރައްވާ ޑޮކްޓަރުން އަތޮޅު ތެރެއަށް ފޮނުވައިގެންވެސް ބަލި މީހުން ބެލުމުގެ މަސައްކަތް އަދި ބައެއް ކަހަލަ އޮޕަރޭޝަންތައްވެސް އަތޮޅު ތެރޭގައި ކުރިއަށް ގެންދ ކަމަށެވެ. އެގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުންވެސް މާލެއަށް އަންނަ މީހުންގެ އަދަދު މަދުކުރެވޭނެ ކަމުގައި ވިދާޅުވި އެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު ޑރ. އާމިނަތު ޒޭބާ އަހްމަދު ވިދާޅުވީ އަތޮޅު ތެރޭގައި ޓެލެ މެޑިސިންގެ ސާވިސް ފެށުމަކީވެސް މާލޭގައި ހުންނަ ޑޮކްޓަރަކަށް ފަސޭހައިން ދައްކާލެވި މާލެއަށް ނައިސް ހިދުމަތް ހޯދޭނެ ގޮތެއް ކަމަށެވެ. އެހެންވެ ޓެލެ މެޑިސިންގެ ހިދުމަތް ހދ. ކުޅުދުއްފުއްޓާއި ފ. ނިލަންދޫގައި ފަށަން ތައްޔާރުވަމުންދާ ކަަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އައިޖީއެމްއެޗުގެ ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓުމެންޓު ހޯދުން ދަތިކަމުގެ ޝަކުވާއާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ އެ ކުންފުނީގެ ދަށުން ހިންގާ ހޮސްޕިޓަލުތަކަށް ދައްކަންދާ ބަލިމީހުންނަކީ ހަމައެކަނި ފުރަތަމަ ކޮންސަލްޓޭޝަން އެ ހޮސްޕިޓަލުތަކުން ހަދާ މީހުން ނޫން ކަމަށެވެ.
ނަމަވެސް އެކަމުގައި ވެސް ދަތިތައް ދިމާވާ ކަމަށާއި ހާއްސަކޮށް، ބައެއް ޑިޕާޓުމެންޓުތަކުގައި ސްޕެޝަލިސްޓުން އެކަށީގެންވާ ވަރަށް ނެތުމަކީ ގޮންޖެހުމެއް ކަމަށް އަބްދުއްރައްޒާގު ވިދާޅުވި އެވެ. އަދި ވިދާޅުވީ ބަލިމީހާ ހަދާ ޓެސްޓުތަކުން ސީރިއަސް ކަމެއް ފާހަގަވާ ނަމަ، ހޮސްޕިޓަލުތަކުން ވެސް އެފަދަ ބަލިމީހުންނަށް އިސްކަންދީގެން އެޕޮއިންޓު ދޭ ކަމަށެވެ.
ސަރުކާރު މައި ހޮސްޕިޓަލު އައިޖީއެމްއެޗް އަށް ޑޮކްޓަރަށް ދެއްކުމުގެ ތަކްލީފަކީ ދުވަސްވީ ހައްލެއް ނުލިބުނު މައްސަލައެކެވެ. ބައެެއް ފަހަރު އެދޭ އެޕޮއިންޓުމެންޓަށް ޑޮކްޓަރު ހަމަޖެހުގެން އައިޖީއެމްއެޗްއިން ބަލީމީހާއާއި ގުޅަން 2 މަސް 3 މަސް ވެސް ވެއެވެ. ދިގު ކިއުތަކުގައި، އެޕޮއިންޓްމަންޓް ނުލިބި، ބައެއް ހާލަތުގައި ސިއްހީ ހާލަތު ގޯސްވެ ނުރައްކާތެރި ކަންކަން ވެސް ދިމާވާން މެދުވެރިވެފައި އެބަހުއްޓެވެ. އަދި އެޕޮއިންޓްމަންޓް ލިބޭނެ ދުވަސް ނޭނގުމުން ސިއްހީ ހިދުމަތް ހޯދަން ރަށްރަށުން މާލެ އަންނަ މީހުންނަށް އިތުރު ތަކުލީފުތަކެއް ކުރިމަތިވެ އެވެ.
މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމްތަކަކީ މި މައްސަލައަށް ހައްލު ހޯދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.