
ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓުގެ ގޮތުގައި މިއަދާހަމައަށް އޮތީ 16 އިންސައްތައެވެ. އެކަމަކު މިއަދުން ފެށިގެން ދެން އޮންނާނީ 17 އިންސައްތަ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިންވަނީ ބުނެފައެވެ.
ޓޫރިއަޒް ދާއިރާގެ ޖީއެސްޓީއަށް މި ބަދަލު ގެނައީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި ހަތް ވަނަ އިސްލާހުގެ ދަށުންނެވެ. މީރާއިން ބުނި ގޮތުގައި، މިއަދުން ފެށިގެން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ލާޒިމުވާ ހުރިހާ މުއާމަލާތްތަކަކުން ޖީއެސްޓީ ނަގާނީ 17 އިންސައްތައިގެ ރޭޓުގައެވެ.
މި ބަދަލާ ގުޅިގެން، މީރާއިން ވިޔަފާރިތަކަށް ދިން އިރުޝާދުގައި ބުނެފައިވަނީ 24 ގަޑިއިރު އުސޫލުން ވިޔަފާރިކުރާ ފަރާތްތަކުން މިރޭ 00:00 ގެ ކުރިން ފޯރުވައިދޭ ހިދުމަތްތަކުން ޖީއެސްޓީ ނަގަންވާނީ 16 އިންސައްތައިގެ ރޭޓުންކަމަށާއި އަދި އޭގެ ފަހުން ދޭ ހިދުމަތްތަކުން ޖީއެސްޓީ ނަގަންވާނީ 17 އިންސައްތައިގެ ރޭޓުން ކަމަށެވެ.
އަދި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ އެހެނިހެން ފަރާތްތަކުން އައު ރޭޓުގައި ޖީއެސްޓީ ނަގަން ފަށާނީ އެ ފަރާތެއްގެ ވިޔަފާރި ފަށާ ވަގުތުން ފެށިގެންކަން ވެސް މީރާއިން ފާހަގަކޮށްފައިވެއެވެ.
ޓީޖީއެސްޓީ މިއަދުން ފެށިގެން ބޮޑުވާއިރު، ވިއްކާ މުދަލަށް ނުވަތަ ދޭ ހިދުމަތަކަށްވާ ފައިސާ ނުލިބެނީސް، ވިޔަފާރިތަކުން ދައުލަތަށް ޖީއެސްޓީ ދައްކަން ޖެހޭތީ ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މި ފަހުންވަނީ ގަރާރެއް ހުށަހަޅާފައެވެ. އެކަމަކު، ވެރިކަން ކުރާ ޕީއެންސީގެ ބޮޑު މެޖޯރިޓީ އޮންނަ މަޖިލީހުން އެ ގަރާރު ބަލައެއް ނުގަތެވެ.