
އަމާރާގެ ބުނެލުމާއެކު ޝައްޔާންގެ ދެ ލޯ ކުޑަކޮށްލާފައި އަމާރާއަށް ބަލައިލި އެވެ.
"އެހެންވިޔަސް.. ކޮންމެ ގޮތެއްވިޔަސް އެހެން ޑޮކްޓަރެއް ބޭނުން..! ލައިކް- އަ- ޕްރޮޕަރ- ޑޮކްޓަރ..؟؟" އަމާރާގެ ބަސް ގަބޫލުކުރާން ޝައްޔާން ބޭނުން ނޫންކަން އެމަންޒަރު ބަލަންތިބި ކޮންމެ މީހަކަށް ޔަގީންވާނެ އެވެ.
ހިމޭންކަމާއެކު މަންޒަރު ބަލަންހުރި އަމާރާގެ ރުޅިގަނޑު އޭނާގެ ކަންފަތާއި ހަމައަށް ފޯރައިފި އެވެ. ދެ ކަންފަތް ރަތްވެފައިވަނީ ރުޅިގަނޑުގެ ސަބަބުންކަން ޔަގީނެވެ. ދާދި ގާތުގައި ހުރި ސްޓޭންޑް މަތީގައި ބަހަޓާފައި ހުރި ބޭހުގެ އާލާތްތަކުގެ ތެރެއިން ގޯޒް ބޭންޑޭޖްއެއް ނަގާފައި ޝައްޔާންއާއި ދިމާއަށް އަމާރާ އެއްލި އެވެ.
ހުށިޔާރުކަމާއެކު ފަސޭހައިން، ޝައްޔާން ބޭންޑޭޖް ހިފި އެވެ. މަންޒަރު ބަލަންތިބި ނަރުހުންގެ އާހްގެ އަޑު ސިއްރެއް ނުވި އެވެ.
"އެކްސްކިއުޒް މީ..؟ ޑޫ އައި ލުކް ލައިކް އަ ފޭކް ޑޮކްޓަރ ޓު ޔޫ..؟ މިއީ ފޭކް ޑޮކްޓަރެއްހެން ހީވޭތަ..؟" ޝައްޔާންއާއި އަމާރާގެ ކުރިމަތިލުން ހިނގަމުންދިޔައިރު، ބަލަންތިބި ނަރުހުންގެ ސަމާލުކަން ހުއްޓިފައިވަނީ ޝައްޔާންއަށެވެ.
ދުނިޔޭގެ އެތަން މިތަނުން ޒުވާން އަންހެންކުދިންތައް އެ މޫނެއް ދެކިލުމަށް އެދިއެދި ހުރި އެންމެ ހިތްގައިމު ޒުވާނާއާއި ދިމާއަށް ޑޮކްޓަރ އަމާރާ އެ އެއްލީ ބޭންޑޭޖެއް ހެއްޔެވެ؟ ނަރުހުންގެ ދެ ލޯ ބޮޑުވެ، އަނގަހުޅުވިފައިވާއިރު ޝައްޔާންގެ ހާލަތު މުޅިން ތަފާތެވެ.
މިއީ ދުވަހެއްގައިވެސް ޝައްޔާންއަށް ކުރިމަތިވި ޒާތެއްގެ ގޮންޖެހުމެއް ނޫނެވެ. ޝައުގުވެރިކަމާއެކު ބަލައިލީ ކުރިމަތީގައި ހުރި ޑޮކްޓަރަށެވެ. ނަމަވެސް އެއީ ޑޮކްޓަރަކަށްވީތީ ބެލި ބެލުމެއް ނޫނެވެ. ޝައްޔާންއަށްޓަކައި އޭނާގެ ކުރިމަތީގައި ހުރީ 'ޗެލެންޖް' އެކެވެ. ސަމާލުކަމެއް، ޝައުގުވެރިކަމެއް ޝައްޔާންއަށް ނުލިބުނު ތަފާތު ގޮންޖެހުމެކެވެ.
'ޝީ ވޯޒް ފަޔަރ...' ސިކުނޑީގައި އެ ނޫން އެއްޗެއް ނެތެވެ. ބުނެލަން ބޭނުންވިޔަސް އެފަދަ ކޮމެންޓެއް ދެވޭކަށް ނެތެވެ.
"އޯލްރައިޓް، އޯލްރައިޓް.. ހަނގުރާމައަކަށް ދިއުމުގެ ބޭނުމެއް ނެތް، ޑޮކް..!! އަހަރެންނަށް ފަރުވާ ކުރުމުގެ ހުއްދަ ދީފިން.." އެއްމިޔަކަނުން ހިނިއައިސްފައި ފޮނިގޮތަކަށް ޝައްޔާން ބުނެލި އެވެ.
"ހުއްދަ...؟!" ދެ ލޯ ވައްކޮއްލާފައި އަމާރާ އަހައިލި އެވެ.
"ޔެސް..! އެއީ ފަހުރެއް ކަމުގައި ހީކޮށްލާ..!" ޗޮކެއް ކަނޑާލާފައި ގޮނޑީގައި ހަމަޖެހިލަމުން ޝައްޔާން ބުނެލި އެވެ.
ފަރުވާ ހޯދަންއައި މީހެއްގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައި އަތަށް އޮޅާލަން، ހަޔާތުގައި ފުރަތަމަ ފަހަރަށް އަމާރާ ބޭނުންވި އެވެ. ކެތްތެރިކަން ކޮޅުންލާން ފަށައިފި އެވެ. ނަމަވެސް ހޮސްޕިޓަލުގެ އަގު ހިފެހެއްޓުމަކީ އަމިއްލަ އަބުރު ރައްކާތެރިކުރުންފަދަ ކަމަކަށްވާތީ ހިތް މަޖުބޫރުކުރިޔަސް އެފަދަ ކަމެއް ކުރެވޭކަށް ނެތެވެ.
ފުން ނޭވާއެއް ދެތިންފަހަރު ލުމަށްފަހު އަމާރާ ހަމަޔަކަށް އެޅިއްޖެ އެވެ.
"އަޅުގަނޑު މިދަނީ.. އިންޖަރީ ޗެކްކޮށްލަން، އެހެން ޑޮކްޓަރެއް ފޮނުވާނަން.." ލުއިގޮތަކަށް އަމާރާ ބުނެލަމުން އެތަނުން ނިކުތުމަށް ފަސްއެނބުރިއްޖެ އެވެ. ހަމަ އެވަގުތު ކުއްލިޔަކަށް ޝައްޔާން ގޮވާލައިފި އެވެ.
"ޑޮކްޓަރ؟
އެއަޑަށް އަމާރާ ހުއްޓުނެވެ. ނަމަވެސް ފަސްއެނބުރި ބަލައެއް ނުލި އެވެ.
"ވަޓް..؟"
"ދެން ފަހަރަކުން.. ފިލްމެއް ބަލާލަން ބޭނުންވެއްޖިއްޔާ، އަހަރެންގެ ފިލްމެއް ބަލާލާ..! ފަހަރެއްގައި ޑޮކްޓަރުގެ ދިރިއުޅުމަށް ތަފާތު ބަދަލެއް އަތުވެދާނެ..!" އެއްމިޔަކަނުން ހިނިއައިސްފައި ދިމާކުރާ ރާގުގައި ޝައްޔާން ބުންޏެވެ.
އެއްވެސް އެއްޗެއް ނުބުނެ އެތަނުން އަމާރާ ނިކުމެގެން ދިޔައީ ފަސްއެނބުރި ބެލުމެއް ނެތި އެވެ. ބުނާނެ އެއްޗެއް ނޭގިފައި ޝައްޔާންއަށް އިނީ އަމާރާ ދިޔަ ދިމާއަށް ބަލަހައްޓައިގެންނެވެ. ވިސްނާލުމަށް އިރުކޮޅަކު އިނުމަށްފަހު ފެނުނީ ޝައްޔާންގެ މޫނުމަތީން ތަފާތު ހިނިތުންވުމެއް ދަތުރުކޮށްލި މަންޒަރެވެ. ހިތާއިހިތުން ބުނެލިފަދަ އެވެ.
ޝައުގުވެރި އެވެ. ވަރަށް ޝައުގުވެރި އެވެ.
.............
މެންދަމުގެ އަލި ކުޑަދޮރުތަކުން ފެންނަމުންދިޔައީ އުޑުމަތި ސާފު، ހަނދުވަރުގެ އަލި ހިތްގައިމު ރެއަކަށްވާތީ އެވެ. ތަރިތަކުގެ ވިދުން ކާއިނާތުގައި ބަބުޅަމުން ދިޔައީ ހިއްތަކަށް އުއްމީދު ގެނެސްދެމުންނެވެ.
ޕްރައިވެޓް ވޯޑްގައި ޝައްޔާން އޮތީ އެޑްމިޓްކޮށްފަ އެވެ. ނިއްކުރި އާއި ކަނާއަތް އޮތީ ބެންޑޭޖްކޮށްފަ އެވެ. ވާއަތަށް އައިވީ ގުޅާފައި އޮތުމުން ޝައްޔާންގެ މޫޑް ރަގަޅު ނޫންކަން އޭނާ ފެނުނު ކޮންމެ މީހަކަށް އިނގޭނެ އެވެ. ކައިރީގައި ހުރި ސޯފާގައި އިށީންދެގެން ހަށަންބަނދެލައިގެން، ތުން ބައްދައިގެން ތަސްކީން އެ އިންނަނީ ޝައްޔާންގެ މެނޭޖަރުކަމުގައި އޭނާކޮށްފައިވާ ތަޖުރިބާގެ އަލީގަ އެވެ.
ބަސްއަހާ ކުޑަކުއްޖެއްފަދައިން ބައިގަޑީރަށްވުރެން ގިނައިރު ތަސްކީން ހިމޭނުން އިނދެފައި ޖީބުގައި އޮތް ފޯނު ނަގާފައި ޝައްޔާންއަށް ދައްކާލި އެވެ. ލޮލުން ބަދަލުކޮށްލި މެސެޖް ޝައްޔާން ދެނެގަތެވެ. ދުލުން އެންމެ ލަފުޒެއް ބުނުންވެސް އެދެމެދުގައި މުހިއްމެއް ނުވި އެވެ. އެކަކު އަނެކަކު ދަސްވެފައިވަނީ ބަސްމޮށުންތެރިކަމާއި ނުލައިވެސް ކުރެވޭ މުއާމަލާތުތަށް ފަސޭހައިން ދެނެގަނެވޭ މިންވަރަށެވެ. ތަސްކީން އެދުނު ހުއްދަ ޝައްޔާންގެ ލޮލުގެ އިޝާރާތުން ލިބުމާއެކު ފޯނުގެތެރެއަށް މަސްއޫލުވުމަށް ހިނދުކޮޅެއްވެސް ނުނެގި އެވވެ.
"ބްރޯ.. މުޅި އެކްސްގައި މިއޮތީ އެކްސިޑެންޓްގެ ހަބަރު.." ހައިރާންވެފައި ތަސްކީން ބުނެލި އެވެ.
މެންދަމުގެ ހިމޭންކަމުގައި ލޯތަކަށް އަރާމްނިދީގެ އަސަރުކުރަންޖެހޭ ވަގުތުކަމަށްވިޔަސް، ޝައްޔާންގެ ހައްގުގގައި އެކްސްގައި 'ޓްރެންޑް'ކުރުމުގައި ޒުވާނުން އަވަދިނެތި ތިބުމަކީ އާކަމެއް ނޫނެވެ. ފާއިތުވެގެން ދަނީ އާއަހަރު ފެށުމުގެ އުފާވެރި ރޭކަމަށްވާތީ، އެފަދަ ސަމާލުކަމެއް ޝައްޔާންއަށް އެވަގުތު ލިބިދާނެކަމަށް ހީނުކުރެވުނީ އެވެ.
"ފޭންސް އަރ ވޮރިޑް...! ހަފްތާއެއްހައި ދުވަހުގެ ރެސްޓެއް ނެގުމަށް ވަރަށް ގިނަ ފަރާތްތަކުން އެދިފައި އެބަހުރި.."
އެކްސްގައި ޝައްޔާންއަށް ޓެގްކޮށްފައިވާ ގިނަ އަދަދެއްގެ މެސެޖްތަކުގެ ތެރެއިން ކޮންމެވެސް ވަރަކަށް ޓްވީޓްތައް ކިޔާލެވޭތޯ ތަސްކީން ހިއްވަރުކުރި އެވެ. ޝައްޔާންގެ ސަމާލުކަމެއް ނުލިބުމުން ފޯނު ތިރިކޮށްލާފައި ތަސްކީން ބަލައިލި އެވެ.
ދެއްކި އެއްވެސް ވާހަކައެއް ޝައްޔާން އަޑުނާހާކަން ޔަގީނެވެ. އޭނާގެ ހިތާއި ސިކުނޑިވަނީ މުޅިން އެހެން ދުނިޔެއެއްގައިކަން ތަސްކީން ދެނެގަތެވެ.
"ވައި އާރ ޔޫ ސްމައިލިންގ ލައިކް އެން އިޑިއަޓް..؟" ޝައްޔާންއާއި ދިމާއަށް އެއްބުމަ އަރުވާލާފައި ތަސްކީން ސުވާލުކުރި އެވެ.
"އެވަރ މެޓް ސަމްވަން ހޫ ޑަސަންޓް ގިވް އަ ޑޭމްނ އެބައުޓް ޔޫ..؟"
ފިމްލީ ދާއިރާއާއި ގުޅުނީއްސުރެންވެސް މިހާތަނަށް ޝައްޔާން ތަޖުރިބާކުރަން ޖެހިފައި ނުވާ ކަމަކާއި ލައްވާލުމުން އެކަމުގެ ތެރެއިން އޭނާގެ ސިކުނޑި އަދިވެސް މިންޖު ނުކުރެވެ އެވެ. އަމާރާގެ ސަމާލުކަމާއި ޝައުގުވެރިކަން ކުޑަ މިންވަރަކަށްވެސް ޝައްޔާންއަށް ހާސިލެއް ނުވި އެވެ.
"ނޯ" ނިއްކުރިއަށް ރޫ އަރުވާލާފައި ތަސްކީން ބުންޏެވެ.
"އައި ޖަސްޓް ޑިޑް" އެއްމިޔަކަނުން ހިނިއައިސްފައި ޝައްޔާން ބުންޏެވެ.
"ވެއިޓް.. ވެއިޓް.. ތިބުނީ.. އެ ޑޮކްޓަރ..؟" އެސްފިޔަތަށް ހުއްޓުވާލާފައި ތަސްކީން އަހައިލި އެވެ. ޝައްޔާން ޖަވާބުދިނީ ބޮލުގެ ހަރަކާތުންނެވެ.
"އިންޓެރެސްޓިންގ.. ޝައްޔާން ޔޫސުފް ރައިޒާދްގެ މަޝްހޫރުކަމާއި، މަގްބޫލްކަމާއި، ހޭންޑްސަމްކަމުގެ ޖާދޫގައި އަންހެން ކުއްޖަކު ނުޖެހުމަކީ 'ހެޑްލައިން' އެއް..! ތިއީ ވަރަށް 'ރެއަރ'ކަމެއް..!" ތުނބުން ފުމެލަމުން ފޮނިގޮތެއް ދައްކާލާފައި ތަސްކީން ބުނެލި އެވެ.
ޝައްޔާން ތެދުވާން މަސައްކަތްކުރުމުން، އޭނާގެ ބުރަކަށީގައި ބާލީސް ޖައްސާފައި ލެނގިލުމަށް ތަސްކީން އެހީވި އެވެ.
"ރެއަރ، އިންޑީޑް! ޝައްޔާންގެ ދުރުމީގެ ލެންސުން، އެފަދަ މުހިއްމުކަންކަން ފުސްވެގެން ދިއުމަކީ ނާދިރުކަމެއް.." ހިނިއައިސްފައި ޝައްޔާން ބުންޏެވެ.
ތެދެކެވެ. ސަމާލުކަން ހޯދުމާއި ޝައުގުވެރިކަން ދަމައިގަތުމަކީ ޝައްޔާންގެ ހާއްސަ ދެ ސިފަ އެވެ. އޭނާގެ ފިރިހެންވައްތަކާއި މަޝްހޫރުކަމާއި މަގްބޫލުކަން، އަންހެންކުއްޖެއްގެ ލޯކުރިމަތީގައި ފަނޑުވުމަށް ޝައްޔާން ފުރުސަތެއް ނުދޭނެ އެވެ.
ފެންނަ ކޮންމެ ދިމާއަކުން، ގާތްވާ ކޮންމެ މީހަކު ޝައްޔާންގެ ކިބައިން އޮޓޮގްރާފަށް އެދުމާއި ސެލްފީ، ނުވަތަ އެކުގައި ފޮޓޯއެއް ނަގާލަން އެދުމަކީ އޭނާގެ އުފަލެވެ. ކޮންމެ ދިމާއަކުން، ޝައްޔާން ފެނުނަސް، އޭނާގެ ނަމުން ގޮވުމާއި 'ފޭންސް މޯމެންޓް' އެއީ ޝައްޔާންގެ މަޝްހޫރުކަމުގެ ރަމްޒެވެ.
އެކަމަކު މިރޭ ހޮސްޕިޓަލުން ޝައްޔާންއާއި މި ދިމާވީ އޭނާ އުއްމީދުވެސް ކޮށްފައިނުވާފަދަ ކަމެކެވެ. ފިލްމީ ދާއިރާގައި މަޝްހޫރުވުމުގެ ކުރިން، ތައުލީމީ ދުވަސްވަރުވެސް އަންހެންކުދިންގެ ސަމާލުކަން އާދަޔާ ހިލާފަށް ޝައްޔާންއަށް ލިބެ އެވެ. މިރޭ ދިމާވި ކަންތަކުގެ މަންޒަރުތައް ޝައްޔާންގެ ލޮލުން އަދިވެސް ފަނޑު ނުވެ އެވެ. އެހެން އެންމެންނާއި 'އޭނާއާއި' އެވަރުގެ ބޮޑު ތަފާތެއް ހުރުމުގެ ސަބަބަކީ ކޮބާ ހެއްޔެވެ؟ އެއީ ކާކު ހެއްޔެވެ؟
"ޑޮކްޓަރ އަމާރާ އާރިޒް ފަހުމީ" މަޑުމަޑުން ޝައްޔާން އެނަން ކިޔާލި އެވެ.
ވަށައިގެން ތިބި ނަރުހުންނާއި، ބައްދަލުވި ބަލިމީހުންނާއި ޑޮކްޓަރުންވެސް ޝައްޔާން ފެނުމުން އުޅުނު ގޮތް އޭނާ ހަނދާން ނެތޭހައި އިރެއް ނުވެ އެވެ. އެހުރިހައި މަންޒަރެއްގެ ތެރެއިން ސިކުނޑީގެ ކެމެރާއިން ތަކުރާރުކޮށް ފެންނަމުންދިޔައީ ސަމާލުކަމެއް ނުލިބުނު، އެތަނުގައި ހުރި އެންމެ މޫނެކެވެ.
ފާޅުގައި ޝައްޔާންއާއި ދިމާއަށް ބަލައިނުލިތާންގައި ސިއްރުން ނުވަތަ ވައްކަޅިންވެސް ބަލައިނުލަ އެވެ. ނިއްކުރިއާއި އަތުގައި ގިނަ އަދަދަކަށް ހޭކިފައިހުރި ލޭ ސާފްކުރުމުގެ ފަހުރުވެރި ޝަރަފް ލިބުމުންވެސް އެއިން ކަމަކާއި، 'އެކްސައިޓް'ވެގެން ނުވަތަ އެހެން މީހުން އުޅޭހެން ޝައްޔާންގެ ގައިގައި އިތުރަށް އަތްލައި ގާތްވާން ކުޑަވެސް މަސައްކަތެއް ޑޮކްޓަރ އަމާރާ ނުކުރި އެވެ.
މިއީ.. ޝައްޔާންއަށް މުޅިން އައު ކަމެކެވެ. ގަބޫލުކުރަން ފަސޭހަ ކަމަކަށްވެސް ނުވި އެވެ. އެންމެންގެ ތެރޭގައި އެފަދަ ތަފާތު އެންމެ މީހަކު ހުރެދާނެބާ އެވެ؟ (ނުނިމޭ)