
"އޮޕަރޭޝަން ރައިސިން ލަޔަން" ގެ ނަމުގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ ތެރެއިން 90 ޕަސަންޓަކީ އާންމު ރައްޔިތުންނެވެ.
މި ހަނގުރާމައިގައި އިސްރާއީލުން 200 އަށް ވުރެ ގިނަ ތަންތަނަށް ހަމަލާދީފައިވާއިރު، ނަތަންޒް އަދި ފޯޑޯ ނިއުކްލިއާ ފެކްޓީތަކާއި، ޓެހުރާނުގައި ހުރި ޑިފެންސް މިނިސްޓްރީގެ މައި އޮފީހާއި، މިސައިލު އުފެއްދުމުގެ މަރުކަޒުތައް އެމެރިކާގެ އެހީތެރިކަމާއެކު ނިޝާނަކޮށްފައިވެއެވެ. އެމެރިކާގެ ރައީސް ޓްރަމްޕްގެ އިދާރާއިން ޔޫއެސްއެސް ނިމިޓްޒް އެއާކްރާފްޓް ކެރިއާ އާއި ސިފައިން، މެދުއިރުމަތީ ސަރަހައްދަށް ފޮނުވައި، އިސްރާއީލަށް އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.
އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން އީރާނުން 8 ވަނަ ފަހަރަށް މިސައިލު އަދި ޑްރޯން ހަމަލާތައް އިސްރާއީލަށް ދީފައިވާއިރު، ޓެލް އަވީވް، ޖެރޫސަލަމް، ހައިފާ އަދި ބަޓް ޔަމް ފަދަ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި އިސްރާއީލްގެ 24 ރައްޔިތުން މަރުވެފައިވެއެވެ. އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އެމެރިކާ މި ހަނގުރާމައިގައި ބައިވެރިވެއްޖެނަމަ، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށްވެސް ހަމަލާދޭނެކަމަށް ވަނީ އިންޒާރުދީފައެވެ.