
ރިޕޯޓްތައް ބުނާ ގޮތުގައި އީރާންގެ ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަކަށް ވަނީ ހަމަލާ އަމާޒުކޮށްފަ އެވެ. އަދި ފުރަތަމަ ދިން ހަމަލާތަކަށް ފަހު ދެ ވަނަ ފަހަރަށް ވެސް ހަމަލާތަކެއް ދިން ކަމުގެ ރިޕޯޓްތަކެއް ވެސް އާންމުވެފައިވެ އެވެ.
އީރާންގެ ދައުލަތުގެ މީޑިއާއިން ބުނީ އާންމުންގެ އިމާރާތަކަށް ހަމަލާ ދިނުމުގެ ސަބަބުން ބަޔަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
އީރާނުން ބުނީ ފަތިހު ދިން ހަމަލާތަކުން ދިފާއުވާން ވައިގެ ދިފާއީ ނިޒާމު "100 ޕަސެންޓް ކެޕޭސިޓީގައި މަސައްކަތްކުރި" ކަމަށެވެ.
އީރާންގެ ވެރިރަށް ތެހެރާންގައި ހުންނަ އީރާން އަސްކަރިއްޔާގެ ކޮމާންޑް ސައިޓަކަށް ވެސް ހަމަލާ ދީފައި ވާއިރު އެތަނުގައި ވަނީ ރޯވެފަ އެވެ.
އިސްރާއީލުގެ އުދުވާނަށް އީރާނުން އަދި ރައްދު ދީފައިނުވިނަމަވެސް އިސްރާއީލުވަނީ އީރާނުން ރައްދު ދޭނެކަމަށް ބަލައި އިސްރާއީލުގެ ވައިގެ ސަރަހައްދާއި އެއާޕޯޓްތައް އެއްކޮށް ބަންދު ކުރިކަން އިއުލާންކޮށްފަ އެވެ. އަދި އިސްރާއީލުގެ ގައުމީ އެއާލައިންސްގެ ފަސިންޖަރު މަތިންދާބޯޓުތައްވެސްވަނީ ގައުމުން ބޭރަށް ގެންދަން ފަށާފަ އެވެ.
އިޒްރޭލާއި އީރާނުން މިދިޔަ އަހަރެއްހާ ދުވަސް ދެ ފަހަރެއްގެ މަތިން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދީފަ އެވެ. އެކަމަކު އެއިން އެއްވެސް ހަމަލާއެއްގައި ނިސްބަތުން ބޮޑު ގެއްލުމެއް އެއްވެސް ބަޔަކަށް ނުވެ އެވެ. މިފަހަރު ހަމަލާ ދީފައި މި ވަނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުމަކަށް ގެންނަން އެމެރިކާ އާއި އީރާނުން މަޝްވަރާތައް ވެސް ކުރިއަށް ގެންދަނިކޮށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ "ރައިސިން ލަޔަން"ގެ ނަމުގައި އީރާނާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފެށިކަމާއި މި އޮޕަރޭޝަން ވަރަށް ކާމިޔާބުކަމަށް ބުނެފައެވެ. މީގެ އެތައް ހަމަލާތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އީރާނަށް ދޭނެކަމުގެ އިންޒާރުވެސް ނަތަންޔާހޫ ދީފައިވެއެވެ.