
ސިވިލް ކޯޓުން ބުދަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ އެ ފައިސާއަކީ ނާޒިމް ދޭންޖެހޭ ފައިސާއެއް ކަމަށް ސާބިތުނުވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާފަންނު އުތުރު ދާއިރާގެ މިހާރުގެ މަޖިލިސް މެންބަރު ނާޒިމް ހައްޔަރުކުރީ 2015 ވަނަ އަހަރުގެ ފެބުރުއަރީ 10 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި ނާޒިމް 11 އަހަރަށް ޖަލަށް ލާން ކުރި ހުކުމް އިސްތިއުނާފުކުރަން ހައިކޯޓަށް ހުށަހެޅުމަށް ޕްރިމިއާ ޗެމްބާސްއިން މަސައްކަތްކުރިއެވެ. ޕްރިމިއާ ޗެމްބާސްއިން ހައި ކޯޓަށް އެ މައްސަލަ ހުށަހެޅި ނަމަވެސް، ނާޒިމް ވަނީ އެ ލޯ ފާމު ދޫކޮށްލައްވާފައެވެ. އަދި ނާޒިމްގެ ހުކުމް ދެމެހެއްޓުމަށް ސުޕްރީމް ކޯޓުގައި 2016 ވަނަ އަހަރު އިސްތިއުނާފުކުރި ނަމަވެސް، ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައެއް ނުގަތެވެ. ޔާމީންގެ ވެރިކަން ބަދަލުވުމަށްފަހު 2018 ވަނަ އަހަރުގެ ޑިސެމްބަރު 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ ޖަލު ހުކުމް ބާތިލްކޮށްފައެވެ.
ޕްރިމިއާ ޗެމްބާސްއިން 2020 ވަނަ އަހަރުގެ މާޗު މަހު ހުށަހެޅި މައްސަލައިގައި ގާނޫނީ ހިދުމަތްތަކަށް 977,353 ރުފިޔާ އަދި ޖޫރިމަނާއާ އެކު 1.3 މިލިއަން ރުފިޔާ ހޯދަން ބޭނުންވިއެވެ. މި މައްސަލައިގައި ނާޒިމްގެ ފަރާތުން ބުނެފައިވަނީ ޕްރިމިއާ ޗެމްބާސްއިން އިސްތިއުނާފުގެ މަސައްކަތް ކޮށްދިނުމަށް ނާޒިމް އެދިވަޑައިގެންފައި ނުވާ ކަމަށާއި އަގާ ގުޅޭ ގޮތުން އެއްބަސްވުމެއް ވެސް ވެފައިނުވާ ކަމަށެވެ. ގާޒީ ފައްޔާޒް ޝާޠިރު ކުރެއްވި ހުކުމުގައި ވިދާޅުވެފައިވަނީ ނާޒިމާއި ޕްރިމިއާ ޗެމްބާސްއާ ދެމެދު ގާނޫނީ ހިދުމަތުގެ އަގާ ގުޅޭ އެއްބަސްވުމެއް ނެތުމުން، އެއީ ދައްކަންޖެހޭ ފައިސާއެއް ކަމަށް ސާބިތުވާން ނެތް ކަމަށެވެ.