ads
ވަކިކުރީ ބޮޓްލިން ޕްލާންޓުގައި މަސައްކަތެއް ނެތް މުވައްޒަފުން: ފެނަކަ
ހއ. ހޯރަފުށީގައި ފެނަކައިން ތަރައްގީކުރާ ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައި ނުލާކަމަށާއި، ވަޒީފާއިން ވަކިކުރީ މަސައްކަތެއް ނެތް މުވައްޒަފުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
Advertisement

ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ބޮޓްލިން ޕްލާންޓުގެ މަސައްކަތަކީ، އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިނިއުޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ހޯރަފުށީ ކައުންސިލުން ހުށަހެޅި ޕްރޮޕޯޒަލް ކާމިޔާބުކޮށް، އެ ކައުންސިލާއި ފެނަކައާ ގުޅިގެން ހިންގުމަށް އެއްބަސްވެފައިވާ މަޝްރޫއެކެވެ.

މި މައްސަލަ އާއި ގުޅޭ ގޮތުން ހޯރަފުށީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހޯރަފުށީ ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބުކޮށް، ބޮޓްލިންގް ޕްލާންޓުގެ މަސައްކަތް ޖޮއިންޓް ވެންޗަރ އުސޫލުން ގާއިމްކޮށް ހިންގުމަށް ހޯރަފުށީ ކައުންސިލާއި ފެނަކައާއި ދެމެދު ފަހުމުނާމާ އެއް އެކުލަވާލާފައިވާ ކަމަށެވެ.

ހޯރަފުށީ ބޮޓްލިން ޕްލާންޓަކީ އެ ރަށު ކައުންސިލްގެ 40 ޕަސެންޓު ހިއްސާ އޮންނަ މަޝްރޫއެކެވެ. އަދި އެ މަޝްރޫއު ކުރިއެރުވުމަށް ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމަށާއި، ފެންވަރު ރަނގަޅުކޮށް، އިތުރަށް ތަރައްގީ ކުރުމަށް ފެނަކައާއެކު އެއްބަސްވެފައިވާއިރު، ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނެތި، އެ ޕްރޮޖެކްޓުގެ މަަސައްކަތް ހުއްޓުމަކަށް ގެނައުމަށް ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުން ނިންމިނިންމުން މުރާޖައާ ކުރުމަށް ހޯރަފުށީ ކައުންސިލުން ވަނީ ގޮވާލައިފަ އެވެ. އަދި ވަކިކުރި މުވައްޒަފުންގެ ވަޒީފާތައް އިއާދަކޮށްދިނުމަށް ވެސް ފެނަކައިގެ އެމްޑީއަށާއި ޑިރެކްޓަރުންނަށް ގޮވައިލި އެވެ.

މިއީ އެ ކައުންސިލުން ފެނަކައާއެކުވީ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ ކަމަކަށްވާތީ، އެ ކަމުގައި އިންސާފު ހޯދާނީ ޝަރީއަތަށް މައްސަލަ ހުށަހަޅައިގެން ކަމަށް އެ ބަޔާނުގައިވެ އެވެ.

ރައްދުގައި ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ އެހީއާ އެކު އެ ކުންފުންޏާއި ހޯރަފުށީ ކައުންސިލާ ދެމެދުގައި 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ރަށުގައި ހަދަން ފަށާފައިވާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައިލި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އެ ކުންފުނީގެ މާލީ ހާލަތަށް ރިއާޔަތްކޮށް، މަސައްކަތެއް ނެތް ގޮތުގައި ތިބި މުވައްޒަފުންނަށް މުސާރަ ދެމުންދިއުމަކީ މި ވަގުތު ކުންފުންޏަށް ކުރެވެން އޮތް ކަމެއް ނޫން ކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.

އެހެންކަމުން އެ މުވައްޒަފުން ވަކިކުރީ ކަމަށާއި، މަސައްކަތް ނިމުމާއެކި އާ މުވައްޒަފުން ނަގާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"ފެނަކައިގެ ޓެކްނިކަލް ޓީމެއް ހޯރަފުށްޓަށް ގޮސް، މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް ޓަކައި ކުރަންޖެހޭ ކަންކަން ބެލުމަށްފަހު، ޖުލައިމަހު މަޝްރޫއުގެ މަސައްކަތް ފަށައި ވަރަށް އަވަހަށް ނިންމައިލެވޭނެ" އެ ކުންފުނިން ބުންޏެވެ.

ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ އެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި އެ ތަނުން މުވައްޒަފުން ވަކިކުރާތީ އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.


0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް