ads
ހަމީދާއި ސަލީމް މަގާމުގެ ހުވާކުރައްވަނީ. - ފޮޓޯ/ރައީސް އޮފީސް)
ހަމީދާއި ސަލީމް ސުޕްރީމް ކޯޓު ފަނޑިޔާރުކަމުގެ ހުވާކުރައްވައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މުހައްމަދު ސަލީމް އާއި އަބްދުﷲ ހަމީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދިނުމާއެކު، އެބޭފުޅުން މަގާމުގެ ހުވާކުރައްވައިފި އެވެ.
Advertisement

ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ހަމީދު އައްޔަންކުރަން ރައްޔިތުން މަޖިލީހުން ރުހުން ދިނީ މިއަދުގެ ޖަލްސާގައެވެ. 

ސަލީމާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަންކުރަން މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރު ހަމީދަށް ރުހުން ލިބުނީ 60 ވޯޓުންނެވެ. އަދި، ފަނޑިޔާރު ސަލީމަށް ރުހުން ލިބުނީ 61 ވޯޓުންނެވެ. މި ދެ ވޯޓުގައިވެސް އެމްޑީޕީގެ އެއްވެސް މެމްބަރަކު ބައިވެރިވެފައެއް ނުވެއެވެ.

ސަލީމާއި ހަމީދު ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ ރައީސް އޮފީހުގަ އެވެ. އެބޭފުޅުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓް ފަނޑިޔާރު އައިޝާ ސުޖޫން މުހައްމަދު އެވެ.  

ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން މި އައްޔަންކުރީ އެކޯޓްގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ރައްޔިތުން މަޖިލީހުން ވަކިކުރުމަށް ފަހު އެވެ. 

ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން، އަޒްމިރާލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކިކުރީ، އެ ދެ ބޭފުޅުންގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ސަރުކާރު ކޮންޓްރޯލް އޮންނަ ޖޭއެސްސީން ނިންމުމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސުޕްރީމް ކޯޓަށް ސަލީމް އައްޔަންކުރަން ނިންމީ އޭނާގެ ޝަރުތު ހަމަވާކަމާ މެދު ސުވާލު އުފައްދާފައިވަނިކޮށެވެ. ޖޭއެސްސީން ލިސްޓްގެ އެންމެ ކުރިއަށް ލާފައިވާ ފަނޑިޔާރު ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.  ސަލީމް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރު އެވެ.

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ހަމީދަކީ އެ ކޯޓުގައި ވަރަށް ގިނަ އަހަރު ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން 2007 ވަނަ އަހަރުން 2022 ވަނަ އަހަރާ ދެމެދު ފަނޑިޔާރުކަން ކުރެއްވި އެވެ. ހައި ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް