
މިހާތަނަށް ޓެގު އަޅުވައިގެން ދޫކޮށްލާފައިވަނީ ޖުމުލަ ފަސް މީހެކެވެ. މިގޮތުން ބަންދުން އެންމެ ފަހުން ދޫކޮށްލެވުނީ ށ. ނޫމަރާ، ހަވީރީގެ އަބްދުﷲ ފަސީހު (24އ) އަދި ސ. ހިތަދޫ، ހަދުވަރުމަތީގެ ހުސައިން އަބްދުލް މަޖީދު (41އ) އެވެ.
ވާނުވާ ބަންދަކީ ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ބޭނުންވާ ތަނެއްގައި އެމީހަކު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލްކޯޓުން ކުރާ އަމުރަން ދިވެހިންގެ ތެރެގައި މިހާރު އާންމުކޮށް ކިޔާނަމެކެވެ. ވާނުވާ ބަންދު ކިޔަންފެށީ ޖަލުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ވާނުވާއެއް ނޭގި ބަޔަކު ބަންދުގައި ތިބެންޖެހުމުނެންެވެ.
މި ދެމީހުންނަކީ ވެސް ޑައިމޯފިން ޓްރެފިކްކުރި ކަމުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބި ދެމީހެކެވެ. 100 ދުވަހުގެ މުއްދަތަށް މި ދެމީހުން ދޫކޮށްލީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ. ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ ދައުލަތުން އެދުނު ޝަރުތުތަކަށް މި ދެމީހުން އެއްބަސްވެފައިވާ ކަމަށެވެ.
ސަރުކާރުން މިހާރު ފަށާފައިވާ މި ނިޒާމުގެ ދަށުން، ބަންދަށް ލުއިދެވޭނީ ޓެގު އެޅުވުމުން، އެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށެވެ.
ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަކަށް ހަމަޖެހިފައެއް ނުވެއެވެ.