
އެމެރިކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ޓްރަމްޕުގެ ކެމްޕެއިނަށް 300 މިލިއަން ޑޮލަރު ހޭދަކުރި މަސްކް އާއި ޓްރަމްޕްއާ ދެމެދު މައްސަލަ ޖެހުނީ މިދިޔަ މެއި މަހު ފަހުކޮޅު އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސް އިން ފާސްކުރި ޓްރަމްޕްގެ ބަޖެޓު ބިލާއި ގުޅިގެންނެވެ.
މަސްކް ބުނީ ބަޖެޓް ބިލާއި ގުޅިގެން އެމެރިކާގެ ބަޖެޓް ޑެފިސިޓް 2.5 ޓްރިލިއަން ޑޮލަރަށް އަރައިގެންދާނެ ކަމަށާއި އެ ބިލަަށް ވޯޓުދިން އެންމެންނަށް ވެސް ކުރެވުނީ ގޯސް ކަމެއްކަން އެނގޭނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ޒިންމާގެ ދަށުން އެމެރިކާ ސަރުކާރުގެ ޑިޕާޓްމެންޓް އޮފް ގަވަމެންޓް އެފިކަސީ (ޑޯޖް) ހަވާލުކޮށްފައިހުރި ބިލިއަނަރު މަސްކު ދައުރު ހަމަވުމާ އެކު މިހާރު ވަނީ ޓްރަމްޕް ސަރުކާރުން ވެސް ވަކިވިކަން އިއުލާނުކޮށްފަ އެވެ.
މަސްކް ސަރުކާރާ ވަކިވުމުގެ ކުރިން އޭނާ ވަނީ ޑޯގް އިން ކުރި މަސައްކަތުގެ ބޭނުން ކެނޑޭ ގޮތަށް ސަރުކާރުގެ ހަރަދާއި ދަރަނި ވެސް ބޮޑުވާ ގޮތަށް ސަރުކާރުން ގާނޫނެއް ފާސްކުރާތީ އެކަމާ ނުރުހުންވެ އާންމުކޮށް ވާހަކަ ދައްކައިފަ އެވެ.
ޓްރަމްޕަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވަމުން މަސްކް ވަނީ އޭނާއާ ނުލައި މިދިޔަ ނޮވެމްބަރު މަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބުން ޓްރަމްޕް ބަލިވީސް ކަމަށާއި އަދި އެމެރިކާގެ ކޮންގްރެސް އާއި ސެނެޓްގެ ކޮންޓްރޯލް ވެސް ޑިމޮކްރެޓުން ހޯދީސް ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން މަސްކް ވަނީ އެކްސްގައި އާ ސިޔާސީ ޕާޓީއެއް ގާއިމުކުރުމާމެދު އާންމުން ދެކޭގޮތް ބެލުމަށް ވޯޓަކަށް ހުޅުވާލާ، އެމެރިކާގައި އާ ސިޔާސީ ޕާޓީއެއް ގާއިމުކުރުމާމެދު އާންމުން ދެކޭގޮތް ބެލުމަށް އެކްސްގައި ވޯޓަކަށް ވެސް ހުޅުވާލައިފަ އެވެ.
މަސްކް ވަނީ އެމެރިކާގައި މިހާރުވެސް ކުރިއަށްދާ މަޝްހޫރު ތަހުގީގެއް ކަމަށްވާ ޖެފްރީ އެޕްސްޓީންގެ މައްސަލައާއި ޓްރަމްޕާ ގުޅުވާ ވާހަކަދައްކަވާފަ އެވެ.
މަސްކްގެ ތުހުމަތާ ގުޅިގެން ޓްރަމްޕް ވަނީ މަސްކް "ބުއްދިފިލައި ހިނގައްޖެ" ކަމަށް ވިދާޅުވެ މަސްކް ސަރުކާރުން ވަކިކުރެވުނީތީ ހިތްހަމަޖެހުން ފާޅުކުރައްވާފަ އެވެ. އަދި މަސްކްގެ ކުންފުނިތަކާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ބާތިލްކުރައްވާނެ ކަމުގެ އިންޒާރުވެސް ދެއްވެވި އެވެ.
ޓްރަމްޕްގެ އިންޒާރާ ގުޅިގެން މަސްކްގެ ކުންފުނި -- ޓެސްލާގެ ހިއްސާގެ އަގު ވަނީ 14 އިންސައްތަ ދަށަށް ގޮސް، ކުންފުނީގެ އަގު އެއް ޓްރިލިއަން ޑޮލަރަށް ވުރެވެސް ދަށަށް ގޮސްފަ އެވެ.
ރައްދުގައި މަސްކް ބުނެފައި ވަނީ، ނާސާގެ އެސްޓްރޯނަޓުންނަށް ބޭނުންވާ ސާމާނު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ގެންގޮސް ގެނެސް ހަދާ ހަމައެކަނި ކާގޯ އުޅަނދު ކަމުގައިވާ "ކާގޯ ޑްރެގަން" އެއްބަސްވުން ރޫޅާލަން ޖެހިދާނެ ކަމަށެވެ.
މަސްކުގެ ސްޕޭސްއެކްސްގެ ޖައްވީ އުޅަނޑު ޑްރެގަން އަކީ 4.9 ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއްގެ ދަށުން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް އެސްޓްރޯނެޓުން ގެންދިއުމަށާއި ބިމަށް އަނބުރާ ގެނައުމަށް ނާސާއިން ބަރޯސާވެފައި އޮންނަ އުޅަނދެވެ.
އެ ކެޕްސޫލަކީ އޯބިޓްގައި އިންސާނުން އުދުހުމުގެ ގާބިލުކަން ހުރި އެމެރިކާގެ ހަމައެކަނި ޖައްވީ އުޅަނދެވެ.
ޑްރެގަން އަތުލައިފިނަމަ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބައިނަލްއަގުވާމީ އެއްބަސްވުމެއްގެ ދަށުން އެތައް ގައުމެއް ބައިވެރިވާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ޕްރޮގްރާމަށް ބުރޫ އަރާނެއެވެ.
ޓެސްލާ ކުންފުންޏާއި އެކްސް ޕްލެޓްފޯމްގެ އިތުރުން އެހެން ގިނަ ކުންފުނިތަކެއް ވެސް ހިންގާ މަސްކަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 386 ބިލިއަން ޑޮލަރަށް އަރައެވެ.