
"ދެ ހަފުތާ ފިޒާ... ދެ ހަފްތާވަންދެން އެއްވެސް މީހަކާއި އަނގައިންވެސް ނުބުނެ އަހަރެން ކޮޓަރީގައި ކަނުއަނދިރީގައި ހޭދަކުރިން.. އެއްވެސް މީހެއްގެ އާދޭހެއް، ރުއިމެއް، އެމީހުން ދިން ނަސޭހަތެއް އަހަރެންގެ ކުރިމަތީގައި އެކައްޗަކަށްވެސް ނުވި... ކަންފަތަށް އަޑުއިވުނުކަމުގެ އިހްސާސެއްވެސް ނުކުރެވޭ.. ހަށިގަނޑާއި ހިތާއި ސިކުނޑި އައްސިވެފައި ހުރީ އަހަރެންގެ ނޭވާހޮޅިއާއި ލޭނާރުތައްވެސް ހުއްޓިފައިހުރީމައި.. ފުރާނަ ހުއްޓަސް ދިރިހުރީއެއް ނޫން..! ފާހާނާކޮށްލައި ނަމާދުކޮށްލުމަށް ނޫނީ އަހަރެންގެ ހަށިގަނޑަށް ދިރުމެއް ނާދޭ.. އަހަރެންގެ ހާލަތު އަހަރެން އަމިއްލައަށް އަންދާޒާކުރަން ނޭގުނުއިރު އެހެން މީހަކަށް ކުރެވޭނީ ކޮންކަމެއް..؟" އިސްޖަހައިގެން އިނދެ ތާބިޝް ރުއި އެވެ.
ކުރިމަތިވެ ތަހަންމަލްކުރާންޖެހުނު ހާލަތަށް އެތައް ތުހުމަތެއް އަމިއްލަ ބޮލުގައި އަޅުވަމުންދިޔަ އެވެ. ފުރާނައިގެ ލޯބި، ފިޒާ ބީވެގެން ދިއުމާއި ތާބިޝްއާއި މަންމައާއި ދެމެދު އޮތް ގުޅުމާއި ބައްޕަގެ ވިޔަފާރިއަށް ލިބެމުންދިޔަ ގެއްލުމުގެ ހުރިހައި ޒިންމާއެއް ތާބިޝް އަޅުވަމުންދިޔައީ އޭނާގެ ބޮލުގަ އެވެ.
"ދެހަފްތާ ފަހުން އެއްދުވަހަކު ޔަކާންއާއި ސަވާނާއައިސް ގަދަކަމުން އަހަރެން ކޮޓަރީތެރެއިން ދަމާފައި ނެރިގެން ގެންދިޔައީ އެނޫން އެހެން ގޮތެއް އެމީހުންނަށްވެސް ނެތީމައި.." ގަދަ ރިހުމުގެ ތެރެއިން ހީލުމަށް މަސައްކަތްކުރަމުން ތާބިޝް ބަލައިލީ ކަޔާންއާއި ސަވާނާއަށެވެ.
"މި ދެ މީހުން ނެތްނަމަ އަހަރެން ދިރިހުރީސްކަމެއް ނުވަތަ ނޫންކަމެއް އަންދާޒާކޮށްލާންވެސް އަހަންނަކަށް ނޭގެ.." ދުވެފައި އައިސް ކަޔާން ތާބިޝްގެ ގައިގައި ބައްދާލާފައި ރޯންފެށީ ބޭބެގެ ހާލަތު ދެކެން އޭނާއަށް ކެތް ނުވާތީ އެވެ.
"ނޫން.. ނޫން.. އަހަރެން ދިރިހުއްޓައި ތިފަދަ ކަމެއްވިޔަކަ ނުދޭނަން.." ކަޔާން ރޯންފަށައިފި އެވެ.
ސަވާނާގެ މޫނު ބަލާލާފައި ތާބިޝް އެވަގުތު ހިންދިރުވާލީ އެ ދެ ލޮލަށް ބަލަންވެސް ބިރުހީވީމަ އެވެ. ކަންފަތުގެ ފޫޅުގައި ހިފާލާފައި 'ސޮރީ'އޭ ބުނެލިގޮތުން ފިޒާވެސް ކަރުނަ ފޮހެލާފައި ހިނިތުންވެވޭތޯ މަސައްކަތްކުރި އެވެ. ތިންމީހުންގެ ބާރުގަދަ ގުޅުމުގެ ސަބަބުން ފިޒާގެ ހިތުގައި، ގޮތް ނޭގޭ އުފާވެރިކަމެއް އުފެދުނެވެ. އެ ގުޅުން އެގޮތުގައި ލަހައްޓަވާތޯ ދުއާކުރި އެވެ.
ޝުކުރުވެރިވުމުގެ ގޮތުން ކަޔާން އަދި ސަވާނާއަށް ބަލައިލާފައި ފިޒާގެ އެސްފިޔަތަކުން ކޮށްލި އިޝާރާތް އެދެމީހުން ދެނެގަތެވެ. ކަޔާންއާއި ސަވާނާގެ މޫނަށް ބަލައިލާފައި ތާބިޝް މިސްރާބުޖެހީ ފިޒާއާއި ދިމާއަށެވެ. ލަދުވެތިކަމާއެކު ފިޒާ އިސްޖަހައިލުމުން ސަވާނާގެ އަތުގައި ހިފައިގެން ކަޔާން އެތަނުން ނިކުތުމަށް ހިނގައިގަތީ، ތާބިޝްއަށް ލޮލުން އިޝާރާތެއް ކޮށްފައި އެވެ.
ކޮޓަރިތެރޭގެ ހިމޭންކަމާއި 'ޓެންޝަން' ދެމީހުންގެ ހިތުގައި ވިންދުޖަހުވަމުންދިޔަ އެވެ. ދައްކަން ބޭނުންވި ކިތަންމެ ވާހަކައެއް ފަޒާގެ ތެރޭ ވިހުރާލަންޖެހުނީ އެ އިބާރާތްތަކަށް ބަސްމޮށުންތެރިކަމެއް ލިބިފައި ނެތުމުންނެވެ.
ފިޒާގެ ކުރިމަތީގައި ހުއްޓި، ފުންނޭވާއެއްލާފައި ނުހަނު ލޯތްބާއެކު ފިޒާގެ ދެއަތުގައި ތާބިޝް ހިފަހައްޓާލީ ލޯބިން ފުރިގެންވާ ޖަޒްބާތުތަކަކާއެކު އެވެ.
"އަހަރެން ދިރިހުންނާން ނިންމީ އެހިސާބުން.. އެކަމަކު ހަގީގަތަކީ އެންމެންގެ ލޯތަކަށް އަހަރެންގެ ހިނިތުންވުން ފެނުނަސް، ހަގީގަތުގައި އަހަރެންގެ ފުރާނައިގައި ވިންދެއް ނެތްކަން..! އަހަންނަކީ ދިރުމެއް ނެތް ކަށިގަނޑެއް..! އަދިވެސް، މިއަދާ ހަމައަށްވެސް އަހަރެން މިއަންނަނީ އަހަރެންގެ އިހްސާސްތަކާއި ހަނގުރާމަކުރަމުން.. ދުވަހަކުވެސް މި ހަނގުރާމައިގައި ކާމިޔާބު ނުލިބުނަސް އަހަރެން ހަތިޔާރު ބަހައްޓާކަށް ގަސްދެއް ނުކުރަން..!"
ފިޒާގެ ކަނާއަތުގެ ހުރިހައި އިނގިއްޔެއްގައި ނުހަނު ލޯތްބާއެކު ފިރުމާލަމުން ލޯ މަރާލާފައި އެއަތް ގެނެސް ތާބިޝްގެ ހިތާއި ދިމާލުގައި ބާއްވާލާފައި އެއަތުގެ މަތީގައި ތާބިޝްގެ އަތް ބާއްވާލާފައި ކުރިއަށްވުރެން ގާތްވެލި އެވެ. ދެމީހުންގެ ނިއްކުރި ޖައްސާލާފައި، ދެ ލޯ މަރައިލިގޮތުން ފިޒާގެ މައިބަދައިން ހީބިހި ނެގި އެވެ.
"އެއްދުވަހަކު އޮފީހުންއައިސް ގޭތެރޭގެ އެކި ދިމާލުގައި ވަކި މިސްރާބެއްނެތި އަހަރެން ހިނގަމުންދަނިކޮށް ލޮލުގައި އަޅައިގަތީ މަންމަ..! ދިގު ނިޔަފަތިތަކުން މަންމަގެ މޫނާއި ކަނދުރާގައި ވަކިއަޅަމުން ދިޔައީ ބިރުވެރި ފިލްމެއްގެ މަންޒަރެއް ފަދައިން.. މަންމަގެ މޫނާއި ކަނދުރާއާއި ލައިގެން ހުރި ހެދުން އޮތީ ލެއިން ތަތްތެޅިފައި.. މަންމައާއި އަހަރެންނާއި ދެމެދު ލެވިފައިވަނީ ރުޅިއާއި ނަފްރަތުގެ ކޮންކްރީޓް ފާރެއް..! މަންމައަށް އަހަރެން ނަފްރަތުކުރީ ދުރުހިލޭ ދުޝްމިނަކުވެސް އަނެއް އިންސާނާއަށް އެފަދަ މޭރުމަކުން ނުދެކޭނެ މިންވަރަށް..! އެކަމަކު މަންމަގެ އެވަގުތުގެ ހާލަތު، އަހަރެންގެ އެ ހުރިހައި އިހްސާސެއް ވިއްސިވިހާލިކޮށްލީ ކުޑަވެސް އިޝާރާތެއް މި ނަފްސަން ނުދީ..! އަހަރެން ދުވެފައި ގޮސް މަންމަގައިގައި ބައްދައިގަތީން... ހަމަ އެބާރުމިނުގައި މަންމައާއި ދުރަށް، މަންމަ އަހަރެނން ކޮއްޕާލީ ދެފައި މައްޗަށް ކޮޅަށްހުންނާނެ ސިކުންތެއްވެސް ނުދީ..! ފާރުގައި އަހަރެންގެ ފުށްކިބަ ޖެހިފައި ލޭއަންނަމުންދިޔަކަމެއްވެސް އެވަގުތު އިހްސާސެއްނުވި.. އެކަމަކު ބާރުގަދަ ރިހުމަކުން ބޮލަށް ބަރުވިކަން އެނގުނު..!"
ފުންނޭވާއެއްލަމުން ފިޒާގެ ދެ ލޮލަށް ތާބިޝް ބަލައިލީ އެތައް ޖަޒްބާތަކާއެކު އެވެ. ރިހުމުގެ ތެރެއިން ހިނިތުންވަމުން ފިޒާގެ އަނެއް އަތް ގެނެސް ތާބިޝްގެ އަތުގައި ލޯތްބާއެކު ފިރުމާލީ ހިތްވަރު ދިނުމަށެވެ.
"ދުނިޔެއިން މޮޔަވެ، ހަމަބުއްދި ފިލާގޮސްފައިވާ މީހަކު ފަދައިން ގަދައަޑުން މަންމަ އަހަންނާއި ދިމާއަށް ހަޅޭއްލަވަމުން ދިޔައީ ބިރުވެރި އަޑަކުން..! ހުރިހައި އިލްޒާމެއް މަންމަ އަޅުވަމުންދިޔައީ އަހަރެންގެ ފިޒާގެ ބޮލުގައި.. ދުލަށް އައިހައި ހުތުރު އިބާރާތެއް ފިޒާއާއި ދިމާއަށް ކިޔަމުން، ބަދު ދުއާކުރަމުންދިޔައީ އަހަރެންގެ ހިތް ކުދިކުދިކުރަމުން.. ރަހުމުގެ ކަންފުޅެއްވެސް މަންމަ ކިބައިގައި ނެތް..! އެކަމަކު އެކަން ހުއްޓުވާނެ ހިތްވަރެއް އަހަރެންގެ ނެތް..! މަންމަ ހަމަޔަކަށް އެޅުވޭތޯ އަހަރެން މަސައްކަތްކުރިން.. އެކަމަކު ފިޒާގެ ދިފާއުގައި އަހަރެން 'ޗުއްޕުވެސް ނުބުނަން'..! މަންމަ ނޫން އެހެން އެއްވެސް އިންސާނަކު އެވަގުތު އަހަރެންގެ ވިސްނުމާއި ފިކުރުގައި ނުވެސް ނެތް.. އަހަރެންގެ މަންމަ އަހަންނަށް ވަރަށް މުހިއްމު.. އަހަރެންގެ އަނބިމީހާއަކީ އަހަރެންގެ ފުރާނައިގެ ދިރުންކަމަށްވިޔަސް، އެވަގުތު މަންމަ ނޫން އެހެން އެއްވެސް އިހްތިޔާރެއް އަހަރެންގެ ހިތުގައި ނެތް..! އެތައް މަސައްކަތަކުން މަންމަ މައިތިރިކުރެވުނިއިރު ކިތަންމެ ހާނީއްކައެއް އަހަންނަށް ލިބިއްޖެ! މަންމަ މައިތިރިކޮށް އަހަރެންގެ ދެއަތުގެ ތެރޭގައި މަންމައަށް ހިމާޔަތް ދެވުނު ވަގުތު ވަރަށް ބާރަށް މަންމަ ރޯންފެށި..! ލިބުނު ހައިރާންކަމުގައި މަންމަ ދުރަށްޖައްސާލާއި މޫނަށް ބަލައިލި ވަގުތު އަހަރެންގެ ކުރިމަތީގައި މަންމަ ދެއަތް ޖޯޑްކޮށްފައި، ދެން ފެށީ މައާފަށް އެދެން.. މަންމަ ފިޒާއާއި ދެކޮޅަށް ކޮށްފައިހުރި ހުރިހައި ކަމެއް ކިޔަންފެށީ އެވަގުތު.. އަހަރެންނާއި ފިޒާގެ ގުޅުން ހީނަރުކޮށް އަހަރުމެން ދެމީހުން ދުރުކުރަން މަންމަކުރި ހުރިހައި ކަމެއް މަންމަގެ ދުލުން ކިޔަމުންދިޔައިރު އަހަރެންގެ މިހިތަށް ވާނެވަރު ފިޒާއަށް އިހްސާސްކުރެވޭތަ..؟ މަންމަގެ ކުއްލި އެހަރަކާތާއިމެދު ވިސްނާނެ އެއްޗެއް އަހަރެންގެ ސިކުނޑިއަކަށް ނުވެސް އައި..! ކުއްލިޔަކަށް މަންމައަށް އައި ބަދަލުގައި އަހަންނަށް ލިބުނީ ބޮޑު ޝޮކެއް..! އާދަޔާހިލާފަށް ރުޅިގަދަވުމާއި ކުއްލިޔަކަށް ޖަޒްބާތީވެ ރޯންފެށުމާއި ކުރި އެތައް ކުށަކާއި ބޮޑެތި ފާފަތަކެއްގެ ވާހަކަ ފަރުދާގެ ތެރެއިން ފާޅުކޮށް، އަހަރެން ކުރިމަތީގައި މަންމަ މައާފަށްއެދި ރޮއެ އާދޭސްކުރަމުންދިޔުމަކީ އަހަންނަށް ލިބުނު ބޮޑު، ބޮޑު ޝޮކެއް..! ހަދާނެ ނުހަދާނެ ގޮތެއް ނޭގުމުން އަހަރެން މަންމަ ގޮވައިގެން ދިޔައީ ނަފްސާނީ ޑޮކްޓަރެއްގެ ކައިރިއަށް..! ޑޮކްޓަރބުނީ.." ފިޒާގެ ލޮލަށް ބަލާލިއިރު ތާބިޝްގެ ދެ ލޯ އިހުނަށްވުރެން އެތައް ގުނައެއް ރަތްވެއްޖެ އެވެ.
"ޑޮކްޓަރބުނީ މަންމައަށް ކުއްލިޔަކަށް ލިބުނު ޝޮކް ތަހަންމަލްނުކުރެވި، ހަމަބުއްދި ފިލައިދިޔައީކކަމަށް..! ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މަންމައަށް ފަރުވާކުރުން ނޫން އެހެން ގޮތެއް އެވަގުތު ނެތް.. ސަބަބަކީ ކޮންމެ ވަގުތެއްގައި ކޮންމެ މީހަކަށްވެސް މަންމަ ހަމަލާދީފާނެ ކަމުގެ ނުރައްކާ އޮތުން..! އެހެން މީހަކަށް ހަމަލާނުދެވިއްޖެނަމަ މަންމަ އަމިއްލައަށް މަންމަގެ ނަފުސަށްވެސް އަނިޔާދޭނެކަމަށް ޑޮކްޓަރ ބުނި..! އެކަމަކު ޑޮކްޓަރގެ އެ ނިންމުން ގަބޫލުކުރަން އަހަންނަށް ފަސޭހައެއް ނުވި.. ދެން ބައްޕަ ނިންމީ، ކިތަންމެ ބޮޑު ހަރަދެއްކުރާންޖެހުނަސް، މަންމައަށް ހާއްސަ ހުރިހާ ވަސީލަތަކާއެކު ގޭގައި ފަރުވާދެވޭނެ ގޮތް ގާއިމްކުރަން.. ބައްޕަގެ ނިންމުމަކީ އަދި ބައްޕަ ގަބޫލުކުރީ، އެންމެންގެ އޯގާތެރިކަމާއި އަޅާލުމާއި ލޯބިން މަންމަ ރަގަޅުކުރެވޭނީ ގޭގައި އެންމެންގެ ހާޒިރުގައި ފަރުވާދީގެންކަމަށް..! އެހެންވީމަ އެ ގޮތަށް އެއްބަސްވެ، ގެއަށް ބަދަލުކުރާން ނިންމީ..! އެކަމަކު.."
ތާބިޝްގެ ދެ ލޯ ފޮހެލާފައި އަސަރާއި ރިހުމުން ފުރިގެންވީ ބެލުމަކުން ބަލައިލި އެވެ. ފިޒާގެ ލޮލާއި ނިއްކުރީގައި ތިންހަތަރުފަހަރު ކިސްކޮށްލުމަށް އެދި ހިތާއި ނަފުސު މަޖުބޫރުކުރިޔަސް، އެކަން ކުރާނެ ހިއްވަރެއް ތާބިޝްއަކަށް ނުލިބުނެވެ. ހިންދިރުވާލާފައި ދެ ލޯ މަރައިލީ އަދިވެސް ހިއްވަރު ލިބިގަތުމަށެވެ.
"ދެހަފްތާއެއްހައި ދުވަހު ގޭގައި ފަރުވާދިންފަހުން އެއްދުވަހަކު މަންމަވަނީ އަހަރުމެންގެ ކޮޓަރިއަށް.. މަންމައަށް ފެނުނީ ފިޒާއާއި އަހަރެންގެ ފޮޓޯ..! ހަމައެވަގުތު އަނެއްކާވެސް މަންމަގެ ހާލަތު، އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިން ގޯސްވެއްޖެ! އަހަންނަށް އެދުވަހު ވަރަށް އަނިޔާވި.. ފޮޓޯ ފްރޭމް ތަޅާލާފައި އޭގެ ބިއްލޫރިގަނޑަކުން އަހަރެންގެ އެތަން މިތަނަށް މަންމަ ޒަހަމްދިން.. މަންމަގެ އަމިއްލަ ހަށިގަނޑަށްވެސް ކިތަންމެ އަނިޔާއެއް ދިން.. އެދުވަހަށްފަހު ޑޮކްޓަރ ނިންމީ މަންމަ ވަކިން ކޮޓަރިއެއްގައި ބާއްވައިގެން ފަރުވާކުރަން..! މަންމަގެ ދެ އަތާއި ދެފައި އައްސައިގެން ކާންދޭންޖެހޭ ކިތަންމެ ފަހަރެއް އާދޭ.. ހިތަށް ކިތަންމެ އުނދަގޫވިޔަސް އެނޫން ގޮތެއް އަހަރުމެންނަކަށް ނެތް..!" ދެ ލޯ މަރައިލަމުން ތާބިޝް ބުންޏެވެ.
ފިޒާގެ އަތުން ދޫކޮށްލުމަށްފަހު ތާބިޝް އަނެއްކާވެސް ހުއްޓުނީ ކުޑަދޮރުކައިރީގަ އެވެ. ކިޔައިދިން ވާހަކަތަކާއި ތާބިޝް ކުރިމަތިލާފައިވާ ހާދިސާތަކާއި އެ ހާލަތްތަކަކީ ތާބިޝްއަށް ކިހައިވަރެއްގެ ތަކުލީފެއްކަން ފިޒާއަށް ވިސްނެ އެވެ.
ދުނިޔޭގައި މަންމައަށްވުރެން މުހިއްމު ދެވަނަ އިންސާނަކު ތާބިޝްއަށް ނެތްދުވަސް އެއީ މިހާރު މާޒީ އެވެ. ނަމަވެސް އޭނާގެ ސިކުނޑިއަށް އެކަން ވިސްނައިދިނުމަކީ ދިރިހުރި ފުރާނަޔަކަށް ކުޅަދާނަކަމެއް ނޫންކަން އެންމެ ރަގަޅަށް އިނގޭނެ މީހަކީވެސް ފިޒާ އެވެ.
ތާބިޝްގެ ހުވަފެނެއްގައިވެސް، މަންމައާއި ދެކޮޅަށް ފިޔަވަޅެއް ނެގުމަކީ އޭނާ ބޭނުންވާނެ ގޮތެއްނޫންކަން ފިޒޒާއަށް އެގެ އެވެ. އެކަމަކު ފިޒާއާއި ޖެހުމުން އެހުރިހައި ކަމެއް ތާބިޝް ބަދަލުކުރީ އޭނާގެ ހިތުގެ ލޯތްބަށްޓަކާ އެވެ. އަމިއްލަ އުފަލާއި ހަމަޖެހުމަށްޓަކަ އެވެ.
މަންމައަށް އޮތް އިހްތިރާމާއި އަނބިމީހާގެ ލޯތްބާއި ދެމެދުގައި ބެދުނީ ތާބިޝް އެވެ. ނިންމާނެ ކޮޅެއް ނޭގި، ފުރަތަމަ ފަހަރަށް އަނބިމީހާގެ ކޮޅަށް ތާބިޝް އެރީ މިފަދަ ހާދިސާއެއް ކުރިމަތިވެދާނެކަމަކަށް ނޫނެވެ. ތާބިޝް އެދުވަހު ކަންކުރީ އެވަގުތަށް އެއީ އެންމެ ރަގަޅު ނިންމުންކަން ވިސްނާފަ އެވެ. މަންމަ ކަންކުރީ މަންމައަށް ވިސްނުނު ގޮތަށެވެ. ފިޒާ ކަންކުރީ ފިޒާއަށް ފެނުނު މަންޒަރާއި އިވުނު އަޑުގެ ރޫހަށް ބަލާފަ އެވެ.
ނަމަވެސް އެންމެ ހާދިސާއެއްގެ ތާބިޝްގެ ނިންމުމުން އޭނާގެ މުޅި ދުނިޔެ ބަދަލުވެގެން ދިޔައީ ރިހުމާއި ކެކުޅުމާއި ސަޒާގެ އަނދަވަޅަކަށެވެ. ލޯބިވާ މަންމައާއި ލޮބުވެތި އަނބިމީހާ ގެއްލި، ތާބިޝް ދުނިޔޭގައި އެކަނިވެރިވީ އެވެ. މަންމަގެ ކުރިމަތީގައިވެސް ކުއްވެރިޔަކީ ތާބިޝް އެވެ. ފިޒާގެ ކުރިމަތީގައިވެސް ކުއްވެރިޔަކީ ތާބިޝް އެވެ. ދުނިޔޭގެ ކުރިމަތީގައި ތާބިޝް ތަހަންމަލްކުރަމުން އެދަނީ އޭނާ ކޮށްފައި ނުވާ ކުށެއްގެ ސަޒާ އެވެ. ހުރިހައި ކަމެއްގެ ހަގީގަތް ހާމަވުމުން މިއަދު ފިޒާގެ ނިންމުމަކަށްވާނީ ކޮންގޮތެއްކަމާމެދު ތާބިޝް ނުވިސްނާނެކަމަށް ފިޒާ ހީކޮށްގެން ނުވާނެ އެވެ.
އަޑުއިވެމުންދިޔައީ ރިހުމާއި ހިތްދަތިކަމާއި ކެކުޅުންތަކުގެ ހަގީގަތެވެ. އިންސާނަކު ތަހަންމަލްކޮށްފައިވާ ހިތްދަތި ދުވަސްތަކުގެ ހާދިސާތަކެވެ. ފުރަގަސްދީގެންހުރި ތާބިޝްއާއި ދިމާއަށް ފިޒާ ކުދިފިޔަވަޅުނަގަމުން ގާތްވި އެވެ. ދާދި ގާތުގައި ހުއްޓި ބުރަކަށީގައއި ފިރުމާލި އެވެ. (ނުނިމޭ)