
އުރީދޫ މޯލްޑިވްސްއިން ބުނީ މި ކެމްޕޭނަކީ ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭ ގޮތަށް ރޭވިފައިވާ ކެމްޕޭނެއް ކަމަށާއި އެމް-ފައިސާގައި މަދު ޓެޕްތަކަކުން މި ހަދިޔާ ދެވޭނެކަމަށެވެ.
އުރީދޫ އިން ބުނީ އެމް- ފައިސާ މެދުވެރިކޮށް 162ރ. ސަދަގާތްކޮށްގެން ކޯންޑް ބީފް ދަޅެއް ގާޒާގެ ރައްޔިތުންނަށް ހަދިޔާ ކުރެވޭނެ ކަމަށެވެ. އެމް-ފައިސާ އެކައުންޓް ނަންބަރަކީ 9306501 އެވެ.
މި ކެމްޕޭންގެ ބޭނުމަކީ ސަދަގާއެއްގެ ގޮތުން ބޮޑު އީދުގައި ހަނގުރާމައިގެ ތެރޭގައި ދުވަސް ހޭދަކުރަމުންދާ ފަލަސްތީނުގެ އާއިލާތަކަށް އެހީވުމެވެ. ކާނާގެ ދަތިކަން ކުރިމަތިވެފައިވާ ގައްޒާގެ ރައްޔިތުންނަށް މި ހަދިޔާއިން ވަރަށް ބޮޑު ތަފާތެއް ގެނެސްދޭނެ ކަމަށް އުރީދޫން ދެކެ އެވެ.
އުރީދޫގެ ޑިޖިޓަލް ވޮލެޓު އެމް-ފައިސާ ވެސް އުރީދޫގެ ސުޕާ އެޕް މެދުވެރިކޮށް ބޭނުން ކުރެވެ އެވެ. އެމް-ފައިސާ އަކީ ޓަޗް އައިޑީ އާއި ފޭސް އައިޑީ ފަދަ ނޭޓިވް އޮތެންޓިކޭޝަން މެތަޑްތައް ބޭނުންކޮށްގެން ފައިސާ ދެއްކޭ ވޮލެޓެކެވެ.
މި ވޮލެޓުން އުރީދޫގެ ބިލްތަކާއި ޔުޓިލިޓީ ބިލްތަކާއި އެކި ރެސްޓޯރެންޓްތަކާއި ކެފޭ އަދި ކްލިނިކްތަކާއި ސްކޫލްތަކާއި ޖިމް ފެސިލިޓީތަކާއި ފިހާރަތަކަށް ފައިސާ ދެއްކޭނެ އެވެ. އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާގެ އެކައުންޓެއް ހުޅުވޭނެ އެވެ.
އދގެ އިދާރާތަކުން ބުނީ، ގާޒާގެ ކޮންމެ ފަސް މީހަކުން އެކަކަށް މި ވަގުތު ބަނޑުފުރާނަ މުއްތިކުރެވޭ މިންވަރަށް ކާބޯތަކެތި ލިބޭނެ ގޮތެއް ނެތް ކަމުގަ އެވެ. އަދި، ގާޒާގެ އާބާދީގެ %100 މީހުން ހައިހޫނު ކަން ތަހައްމަލު ކުރަން މަޖުބޫރު ކުރުވާފައިވާ ކަމުގަ އެވެ.
ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔުއެފްޕީ)ން ބުނީ، ގާޒާގެ ރައްޔިތުންނަށް ދެ މަސް ދުވަހަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އެ ސަހަރުގެ ސަރަޙައްދީ ރޮނގުގެ ބޭރުގައި ޔަހޫދީން ހިފަހައްޓާފައިވާ ކަމުގަ އެވެ. އަދި، އެ ތަކެތި ގާޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހުރަސް އަޅާފައި ވަނީ ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކޮށްލުމަށް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެ އެވެ.
ނިމުނު ކުޑަ އީދު ފަދައިން މި އަހަރުގެ ބޮޑު އީދު ވެސް ފަލަސްތީނުގެ ގާޒާގައި ދިރިއުޅޭ ރައްޔިތުންނަށް އޮތީ ވޭނާ ކެކުޅުމެވެ. އީދުގެ އެއް ވެސް އުފަލެއް ނުލިބޭ ތަނުގައި ބޯނެ ފެންފޮދެއްވެސް ގާޒާގައި ނެތެވެ. ބޭހެއް ކާނާއެއް ނެތެވެ.