ads
ފުޓްބޯޅަ އިވެންޓެއްގައި ވަޒީރު
ފުޓްބޯޅަ ދަތުރުފެށީ މުހިއްމު ފަޅުވެރިން ބާކީކޮށްފައި!
ފުޓްބޯޅަ ފާހަގަ ކުރެވިފައިވަނީ އިޖުތިމާއިގޮތުން އުފެދޭ ވަރަށް ގިނަ މައްސަލަތަކަށް ހައްލުހޯދާއިދީ ގައުމު އެއްބައިވަންތަ ކުރުވާ މުހިންމު ކުޅިވަރެއްގެ ގޮތުގަ އެވެ. އެހެންކަމުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ފާހަގަވެފައި މިއޮންނަނީ ވަރަށް ގިނަ ބައެއްގެ ޝަމާލުކަން އަބަދުވެސް ހުއްޓިފައި އޮންނަ ޖަމިއްޔާއެއްގެ ގޮތުގަ އެވެ.
Advertisement

އެފް.އޭ.އެމްއަށް ކުރިމަތިވި ގިނަ ހައްހާސް މައްސަލަތަކެއްގައި ބައެއް ސިޔާސީ ފަރާތްތަކުން ސީދާކޮށް އަދި ނުސީދާކޮންވެސް ފޯކަސް އެފް.އޭ.އެމްއަށް ހުއްޓިގެން ގޮސްފައިވާ މަންޒަރުވަނީ މަޒީން ފެނިފަ އެވެ.

ރައިސުލްޖުމްހޫރިއްޔާގެ އޮފީހާއި ހިސާބުންވެސް އެފް.އޭ.އެމް އާއި ގުޅުން ހުރި މައްސަލަތަކުގައި ވަކި ކްލަބްތަކެއް ހާޒިރުކޮށް، އެފަދަ މައްސަލަތަކުގައި މަޝްވާރަކޮށް ބައެއް ކަންކަން ތަރުތީބު ކޮށްފައިވާކަމުގެ ކަންބޮޑުވުންތައްވެސް އެއިރު ތިލަވެފައި އެބަހުއްޓެވެ.  

ކުޅިވަރަށް އެއް ސިޔާސަތެއް، ތަންފީޒުކުރުމަށް ދެ ސްޓޭންޑަޑްއެއް

ދާދިފަހުން އާ ކުޅިވަރު ގާނޫނު ވުޖޫދުވުމުން ކުޅިވަރު ވަޒީރު ވިދާޅުވީ، ކުޅިވަރު ގާނޫނު އެއީ ރައްޖޭގެ މުޅި ކުޅިވަރަށް ލިބިގެންދާ އިންގިލާބީ ބަދަލެއްކަމަށެވެ. އެންމެ އިސްކަމެއްގޮތުގައި ފާހަގަ ކުރެއްވީވެސް، މުޅި ރާއްޖެއަށް ކުޅިވަރު ފުޅާކޮށް ހަމަހަމަ ކަމާއިއެކު އެންމެންގެ ބައިވެރިވުން އޮވެގެންދާ ސިޔާސަތެއް ގާނޫނުން އުފެދިގެންދާނެ ވާހަކައެވެ.

ގައުމީ ކުޅިވަރުތައް ލާމަރުކަޒުކޮށް ޒަމާނީ ފެންވަރަށް ހިންގުމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ އުންމީދީ ވާހަކައެވެ. ކޮންފަދަ އުފާވެރި ވާހަކަތަކެއް ތޯއެވެ. އެ ވިދާޅުވާ ފަދަ ލާމަރުކަޒީ ކުޅިވަރު ސިޔާސަތެއް ހިންގުމަށް ވާންޖެހޭ ތައްޔާރިތަކުގެ ސްކޭލް ވަރަށްވެސް ބޮޑެވެ. ހަމައެކަނި ފުޓްބޯޅައަށް ބަލައިލުމުންވެސް އިންފްރާ ސްޓްރަކްޗަރގެ ހާލަތުވެސް މިއީ މުހިންމު ދާއުރެއް އަދާ ކުރާނެ ކަންކަމެވެ.

ފުޓްބޯޅަ މިއީ މިހާރު ވިޔަފާރި އިންޑަސްޓްރީއެއްގެ ދަރަޖައިން މިނާ ކުޅިވަރެއްކަމުން، ފައިސާ ޖެނެރޭޓް ކުރާނެ މަގެއްވެސް އެއީ ވިސްނާލަން ޖެހޭ މުހިންމު ކަމެކެވެ. މިކަންކަމަކީ ކުޅިވަރު ވަޒީރުގެ ވިޝަން ހާސިލްކުރުމަށް މަސައްކަތް ފެއްޓެވިއިރު ސަމާލުވެފައިވާނެ މުހިންމު ނުކުތާތަކެއްކަމަށް ގަބޫލް ކުރެވެ އެވެ.

ނަމަވެސް ހިތާމައަކީ އަދިވެސް އެފް.އޭ.އެމް މައްސަލަ އާއި ކުރިމަތި ލައްވަން ޖެހުނީމާ ގާޔާ ދުރަށް ވަޒީރުވެސް ކުޅުއްވަމުންދާ މައްސަލައެވެ. ވަޒީރުގެ ފުޅާ ވިޝަން ނޫސްތަކުގެ ހެޑްލައިތަކުގައި އާރކައިވް ކުރެވިފައި ހުރިކަމެއް ހަނދުމައެއް ނުހުރެއެވެ. ވަޒީރު އެ ވިދާޅުވާ ފުޓްބޯޅައިގެ ސިޔާސަތާއި އެއްގޮތަށް އެފް.އޭ.އެމްގެ އަސާސީ ގަވާއިދު ލިޔެ ފާސްކޮށް ތައްގަނޑު ޖަހާފައި އޮތް އިރުރުވެސް ތަންފީޒު ކޮށްދެއްވަން ކެރިވަޑައިނުގަންނަވަ އެވެ.

އަދިވެސް ފެނިގެން މިދަނީ އެފް.އޭ.އެމް ލީގަލް އޮފްސައިޑެއްގައި ބާއްވާއިގެން ގޯލް ޖެއްސެވޭތޯ މަސައްކަތް ކުރައްވަމުންދާ މަންޒަރެވެ. އެހާލަތުގައި އޮވެ ޖަހާގޯލެއް ކައުންޓެއް ނުކުރާނެކަން ވަޒީރުއަށް ފަހުވާން އެބަޖެހެއެވެ.

ފުޓްބޯޅަ އަމާޒަށް ކުރާ ދަތުރު ވީ.އޭ.އާރު ފެންނަނީ ތަފާތުކޮށް 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ފުޓްބޯޅައަށް ހައްގު މަގާމް އަނބުރާ ހޯދުމުގެ މަސައްކަތް ވަރަށް ކާމިޔާބުގެ އަމާޒަށް ދަތުރު ކުރަމުންދާ ވާހަކަފުޅެވެ. މިފަދަ އުންމީދީ ވާހަކަފުޅެއް ރައީސް ފުޓްބޯޅަ އާއިލާއާއި ހިއްސާ ކުރައްވާނީ ހަމަގައިމުވެސް، އެމަނިކުފާނަށް ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހާލަތު ސާފުކޮށްދެއްވާފައިވާ މިންވަރެއްގެ މައްޗަށް ބުރަވެ ހުންނަވަ އެވެ. އެފް.އޭ.އެމްއަށް ކުރިމަތިވި މައްސަލަތަކަށް ހައްލު ހޯދައިދެވިފައިވާ ކަންކަމުގެ މައުލޫމާތު ހޯއްދަވައިގެންކަމަށް ބެލެވެ އެވެ.    

ނަމަވެސް މިހާތަނަށް ފުޓްބޯޅާއިގެ ކަންކަން ފުރޮޅިފައިވާ އޮތް ހާލަތުން އަރައިގަތުމަށް ކުރެވިފައިވާ މައްސައްކަތާއި މެދު ވީ.އޭ.އާރު އެޕްލައި ކޮށްފިނަމަ  ނަތީޖާ އޮތީ ރައީސްގެ އެވާހަކަފުޅުގައި ބުރަދަން ދެވޭ މިންވަރާއި ހިލާފަށެވެ. އެއީ ދަތުރުގައި ބައިވެރި ކުރަން ލާޒިމްކުރާ އަތޮޅުތަކުގެ މުހިންމު ފަޅުވެރިންތަކެއް ބާކީކޮށްފައި އޮތަތީ އެވެ.

ފުޓްބޯޅައިގެ ހާލަތު މިވަގުތު އޮތްގޮތަށް ރިއާޔަތްކޮށް، އެއީ ކުޅިވަރު ވަޒީރު ދެއްވި މައުލޫމާތުގެ އަލީގައި ރައިސުލްޖުމްހޫރިއްޔާ ވިދާޅުވި ވާހަކަފުޅެއްނަމަ، ކުޅިވަރު ވަޒީރު ރައީސްއަށް އެދެއްވީ ރަނގަޅު މައުލޫމާތުކަމަށް ބަލައިގަންނަން ހަގީގަތުގައިވެސް އުނދަގުލެވެ. ފުޓްބޯޅައިގެ ކަނޑައެޅިފައިވާ އިދާރީ ގަވަނަންސްއަށް ވަޒީރު ބީރައްޓެހި މިންވަރު ފާހަގަކުރުމުގެ ޖާގާ ފެންނާތީ އެވެ.

ޔައުނީ އެފަހަގަ ކުރައްވާ ފުޓްބޯޅާއިގެ ކާމިޔާބީ ދަތުރު ހަގީގަތުގައި ފެއްޓިފައި އެއޮތީ އިދާރީ ފައުލަކާއި އެއްކޮށްކަމަށް ވާތީއެވެ. އަދި އެފް.އޭ.އެމްއިން ކުޅެން ފާސްކޮށްފައިވާ ޕްލެއިން ފިލޯސަފީއާއި ހިލާފުވާތީވެސްމެއެވެ.

އެ މައުލޫމާތުން ބޮޑަށް ދޭހަކޮށްދެނީ ފުޓްބޯޅާއިގެ ހައްގު މަގާމަށް އެކުރާ ދަތުރުގައި އިތުރު ވަގުތު ކުޅެން ޖެހިދާނެކަމަށް ދެނެގަތުމަށް ވަޒީރު ނުކުޅެދިފައިވާ ހާލަތެވެ.

 

ވީ.އޭ.އާރުގެ އެސެސްމަންޓް

ފިފާގެ އަސާސީ ގަވާއިދުގެ 8 ވަނަ މާއްދާއިން މިއަޅާ ފިޔަވަޅުތެރޭގައި ހިމެނެނީ ދެހާލަތެކެވެ. އެއީ ޓްރާންސިޝަނަލް މަރުހަލާއާއި ނޮމަލައިޒޭޝަން މަރުހަލާއެވެ. މީގެ އަހަރުތަކެއް ކުރިން އެފް.އޭ.އެމް ވަނީ ފީފާގެ ޓްރާސިޝަނަލް މަރުހަލާ ކަޑަތުކޮށް ނިންމާ ޑިމަކްރަޓީކް ހަމައިން ފީފާގެ މިންގަޑަށް ފެތޭ އަސާސީ ގަވާއިދެއް އެކުލަވާލާފައެވެ.

މިވަގުތު އެފް.އޭ.އެމް އެއޮތީ ފީފާގެ ނޮމަލައިޒް ކޮމިޓީގެ ބެލުމުގެ ދަށުގައެވެ. މިމަރުހަލާގައި ކަންހިންގަން ޖެހޭ ގޮތް ތަފާތެވެ. މިހާލަތުގައި މައިގަނޑު ގޮތެއްގައި ކުރަންއޮތީ އަސާސީ ގަވާއިދު ރިވިއުކޮށް ގަވާއިދުގެ ތެރެއިން ހައްލުހޯދައި ވީހާވެސް އަވަހަށް އިންތިހާބަކަށް މަގުކޮށުމެވެ. އެފް.އޭ.އެމްގެ ހައްގުވެރިންނާއި އެފް.އޭ.އެމް ހަވާލުކޮށް ދިނުމެވެ.

ކަންމިހެން އޮތް އިރު، ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެ ދަށުން އެފް.އޭ.އެމް ހިންގާތާ މިހާރު އަހަރެއްވަނީއެވެ. ކުރިމަތިވިވެގެން އުޅޭ މައްސަލައަށް މާބޮޑު ކުރިއެރުމެއް ހޯދައެއް ނުދެވުނެވެ. ރާއްޖޭގައި ބޯޅަ ރަސްމީކޮށް ނުކުޅޭތާ 2 އަހަރު ވެއްޖެއެވެ. ފުޓްބޯޅާއިގެ ނަމުގައި ދައުލަތުގެ ބަޖެޓުން އެތަށް މިލިއަން ރުފިޔާއެއް "ގައުމީ ފުޓްބޯޅަ" މިނަމުގައި މާލެގެ ވަކި ޓީމްތަކަކަށް ވަނީ ހަމަޖައްސާ ދެއްވާފައެވެ. އެފް.އޭ.އެމްގެ ހާލަތަކަށް އަލިމަގެއް ނުފެނި އަދިވެސް އޮތީ ވާނުވާގައެވެ. ބޯޅަނުކުޅެވި ދުވަސްތައް ހޭދަވުމުގެ ކަންބޮޑުވުން ތިލަވުމުން، ދެންފެނުނީ ނުރަސްމީ މުބާރާތެއް ކުޅެންރޭވީ ތަނެވެ. މުބާރާތަށް ޓީމްތައް ހޯދަން ޖެހުނީ އަތްފުނާ އަޅައިގެންނެވެ.

ހަގީގަތަކީ ފުޓްބޯޅާއިގެ ހާލާތު ފުރޮޅިފައި އޮތީ މީއިން ދުވަހުކުވެސް ހަލާކުނުވާހާ ދަށު ހާލަތެއްގައެވެ. މިވަގުތު މިއޮތީ އެފް.އޭ.އެމް ނޮމަލައިޒިންގެ ކޮމިޓީވެސް ނޮމަލައިޒް ކުރަންޖެހިފައި އޮތް ހާލަތެއްގައެވެ. ސަބަބަކީ އެފް.އޭ.އެމްގެ އަސާސީ ޤަވާއިދުން ކަށަވަރުކޮށްދީފައިވާ 9 ޒޯނުގެ ބައިވެރިވުން އެކަހަރިކޮށް ބޮލާލާޖާހާފައިވާތީއެވެ. މިހާލަތުގައި އެފް.އޭ.އެމް ލީގަލް އޮފްސައިޑް މަޤާމެއްގައި ބާއްވައިގެން ފުޓްބޯޅަ ކާމިޔާބުގެ އަމާޒަށް އެކުރާ ދަތުރު ސައްހަވާނެ ގޮތެއް ނުވިސްނެ އެވެ.

ފުޓްބޯޅަ ބަހުރުވައިން ބުނާނަމަ އެފް.އޭ.އެމް އެއޮތީ ލޯސް އޮފް ދަ ގޭމްއާއި ބޮޑު ތަނުން ޚިލާފުވެފެއެވެ. ފުރަތަމަ ކުރަން އޮތީ އެފް.އޭ.އެމް ލީގަލް އޮފްސައިޑުން ފިލުވުގެ މަސައްކަތެވެ. ކިތަންމެވަރަކަށް އަވާމެންދުރު ފަހާ ދުވުނަސް ކާމިޔާބީ ނަތީޖާއެއް ނެރުން އެއީ އުނދަގޫކަމެކެވެ.

އޮފްސައިޑް މަޤާމުން ސަލާމަތްނުކޮށް ދަތުރު ސައްހައެއްނުވާނެ

2016 ވަނަ އަހަރުވަނީ އެފް.އޭ.އެމްގެ އަސާސީ ޤަވާއިދުން ފުޓްބޯޅަ ވަނީ ލާމަރުކަޒުކޮށް ނިންމާފައެވެ. މުޅި ރާއްޖެއަށް ފުޓްބޯޅަ ފުޅާވާނެހެން ފުޓްބޯޅައިގެ ފޯރި އަލުން އާލަކޮށް ފުޓްބޯޅައަށް އާރޯކަން ގެނެސްދެވޭނެ ހަމައަކަށެވެ. އަތޮޅު ތެރޭއަށް ނިސްބަތްވާ ޓީމްތަކަކަށް އެފް.އޭ.އެމްއަށް ބަސްބުނެ އެއިދާރާ ހިނގުމުގައި ވޯޓްލުމުގެ ހައްގުވެސް ދެވިގެންނެވެ.

ރާއްޖޭގެ ކޯޗުންނާއި ކުޅުންތެރިންނަށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް ހޯދައިދެވިގެންނެވެ. އަތޮޅުތެރޭގައި ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ދިރިއުޅުން ބިނާކޮށް އާއިލާއިއެކު ތިބެވޭނެ ސްޓްރަކްޗަރެއްގެ ދަށުންނެވެ.

މިއީ އެފް.އޭ.އެމްގެ އަސާސީ ޤަވާއިދު ތަރިތީބު ކޮށްދީފައިވާ ގޮތެވެ. ނަމަވެސް ހިތާމައަކީ އެފް.އޭމްއިން މިއީންއެއްވެސް ކަމަކަށް އަމަލުކޮށްފައި ނެތްއިރުވެސް، ކަމާއި ގުޅޭ އިދާރާތަކުން މިއަދާ ހަމައަށްވެސް އެކަމަށް އިޖާބަދީފައިނުވާ މައްސަލައެވެ. އަދިވެސް އެބާއްވަނީ އޮފްސައިޑް ޓްރެޕްގަ ޖައްސާފައެވެ.

ފުޓްބޯޅާއި ދޭތެރޭގައި އޮތްފޯރި އަދި ލޯބި ނެތިގެން ގޮސް ފުޓްބޯޅާއިގެ ކްރެޑިބިލިޓީ ގެއްލި ފުޓްބޯޅަ މައި އިދާރާއާއި މެދު ބޮޑެތި މާޔޫސްކަން އުފައްދާފައިވާ ހާލަތެއް އުފަންވެފައި އޮތް އިރުވެސް ފުޓްބޯޅައިގެ ހައްގު މަގާމަށް އެދަތުރު ކުރަމުންދާ މިސްރާބެއް ނޭގުނެވެ. މީއީން އެއްވެސް ކަމެއްގެ ކުޑަވެސް އިހުސާސެއް އަދި ކުޅިވަރު ވަޒީރަށް ކުރެވުނު ހެނެއްވެސް ހިއެއްނުވެ އެވެ.

އެފް.އޭ.އެމްގެ އަސާސީ ގަވާއިދާ ހިލާފަށް ނޯމަލައިޒިންގ ކޮމިޓީންވަނީ އެއް ކޮންގަރެސް ބާއްވާފައެވެ. އެކޮންގްރެސް ޝަރަފުވެރިކޮށްދެއްވީ ކުޅިވަރު ވަޒީރެވެ. ކުރިއަށް އޮތީ އަނެއްކާވެސް އަސާސީ ގަވާއިދު އިސްލާހުކުރުމަށް ބުނެ ބާއްވާ ކޮންގްރެސްއެވެ. މިއީވެސް އަސާސީ ގަވާއިދާއި ހިލާފަށް މަންދޫބުން ބައިވެރިކޮށްގެ ހިންގާނެ ކޮންގްރެސްއެއްކަން ކުޅިވަރު ވަޒީރަށް އަދިވެސް އިހްސާސް ވީހެނެއް ހިއެއްނުވެއެވެ. އޭގެ ބަދަލުގައި ހައްތަހާވެސް ވިދާޅުވަމުން ގެންދަވަނީ ފީފާއާއި ގުޅިގެން އެފް.އޭ.އެމްއަށް ހައްލުހޯދައި ދިނުމަށް ވަރަށް ފުޅާކޮށް މަސައްކަތް ކުރައްވަމުންދާ ވާހަކައެވެ.

އެފް.އޭ.އެމްގެ މައްސަލައަށް ހަގީގީ ހައްލެއް ހޯއްދަވައިދެއްވަން ކުޅިވަރު ވަޒީރު ބޭނުންފުޅުވާނަމަ، މިހާރު އެފް.އޭ.އެމްގެ އަސާސީ ޤަވާއިދު ބައްލަވާނެހާ ވަގުތު ލިބިވަޑައިގެންފި އެވެ. އެގަވާއިދު އެއޮތީ ތަފްސީލްކޮށް ފާސްކޮށް ސިއްކަޖަހާފައެވެ. ފީފައިންވެސް ބަލައިގަނެ ދެ އިންތިހާބުވެސް ބާއްވާފަ އެވެ. އެހެންކަމުން އަސާސީ ގަވާއިދުގެ ވަކިވަކި މާއްދާއިން ކަންކުރަންވީ ގޮތް މިހާރު އޮންނަން ޖެހޭނީ ވަޒީރަށް ފަހުވުމުވެފަ އެވެ.

ނިކަން ތަފްސީލްކޮށް އަދި އެއްފަހަރު މިމާއްދާތައް ބައްލަވާލަދެއްވާށެވެ. ނިކަން ހަރުތަނެއްގައި އިށީދެވަޑައިގެން އިހްލާތެރި ވިސްނުމެއްގައި އެމާއްދާތަކުގައި ބުނެފާއިވާ ހަމައިން ކަންކަން ތަރުތީބުކޮށް ދެއްވުމަށް ކަމާއި ބެހޭ ފަރާތްތަކުގައި ދަންނަވާ ދެއްވާށެވެ. އަދި މިމައްސަލައާއި ގުޅުވާ އެފް.އޭ.އެމްގެ ނޯމަލައިޒިންގ ކޮމިޓީ ނުވަތަ ފީފާގެ ފަރާތުން މަނިކުފާނުގެ މޭޒުދޮށާއި ހަމައަށް އަންނަވަރަށް މައުލޫމާތު މަނިކުފާނު ކިބާގައި ހުރިކަންވެސް ސާބިތުކޮށް ދެއްވާށެވެ.

އެފް.އޭ.އެމްގެ ހިންގާ ގަވާއިދު އިސްލާހު ހުށައެޅި ބަދަލުކުރެވޭނެ ހަމަތައް އެއޮތީ ވަރަށް ސާފުކޮށް ބަޔާންކޮށްފައެވެ. އަސާސީ ޤަވާއިދަށް އިސްލާހެއް ދެންގެނެވޭނީ އަސާސީ ޤަވާއިދުގައި އެބުނާ އަތޮޅު ތެރޭގެ މަންދޫބުންގެ ބައިވެރިވުންވެސް އޮވެގެންކަން ފާޅުގަ ބުނެދެއްވާށެވެ. އެމަންދޫބުންގެ ބައިވެރިވުން ނެތި ހިންގާ އެއްވެސް ކޮންގްރަސްއަކީ ގާނޫނީ ހަސިއްޔަތު ލިބިގެންދާނެ ކޮންގްރެސް ނޫންކަން ހިތްވާރާއި އެކު ވިދާޅުވެ ދެއްވާށެވެ.

އެއިރުން މުޅި ފުޓްބޯޅައަށް މަނިކުފަނު އިންގާލީ ބަދަލެއް ގެނެސްދެވިކަމަށް ދެކޮޅުހަދާނެ އެއްވެސް ފަރާތެއް ނުހުންނާނެ އެވެ. މިހާރު ތިޔަ ހައްދަވާ ހެޑްލައިންތަކަށް އެއީ ބާރުގަދަ ގުގުރިއަކަށް ފަހު ވާރޭ ނުވެހުނީމަ ބުނެ އުޅޭ ބީދައިން ބަސްތައް ރައްދަކުރާނެ ފުރުސަތެއްވެސް އެއްވެސް ފަރާތަކަށް ނުލިބޭނެ އެވެ.  

އެޑިޓަރުގެ ނޯޓު: 

ޝާހު އިސްމާއީލް (ސާޔާ) އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ފޯވާޑެވެ. ގައުމީ ފުޓްބޯޅަ ޓީމަށް 14 އަހަރު ކުޅުނު، ދަނޑުމަތީގައި ސާޔާގެ ނަމުން މަޝްހޫރުވި ޝާހުއަކީ، 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ރާއްޖެއަށް ހޯދައިދިން ފަހުރުވެރި ޓީމުގެ ކެޕްޓަން އެވެ. ޝާހުވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރުތައް ކަމަށްވާ ނިއުރޭޑިއަންޓް، ވިކްޓްރީ އަދި ވެލެންސިޔާއަށް ކުޅެ އެ ކްލަބުތަކާއެކު އެތައް ކާމިޔާބެއް ހޯދާފަ އެވެ. ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާއިން 2000 ވަނަ އަހަރު، އާއްމު ހިދުމަތަށް ހިއްވަރު ދިނުމުގެ އިނާމް ޝާހް ހާސިލްކޮށްފައިވެ އެވެ.

ކުޅުން ހުއްޓާލުމަށް ފަހު ޝާހު ދެން ކުރިއަށް ދިޔައީ ސްޕޯޓްސް އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގަ އެވެ. ފުޓްބޯޅައިގެ އިދާރީ ހިންގުންތެރިއެއްގެ ގޮތުގައި އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީކަން ކުރުމުގެ އިތުރުން، ޝާހްއަކީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަންގެ އެންމެ ސީނިއަރ އެއް މެޗު ކޮމިޝަނަރެވެ. ޝާހުއަކީ ބައިނަލް އަގްވާމީ ފެންވަރުގައި ފުޓްބޯޅަ ހިންގުމުގެ ތަޖުރިބާކާރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް