ads
ކަނާތުން ވާތަށް: ޝިބާއު، އަލީ އުމަރު، ބައްސާމް، ޖަވާޒު، ޖައުޝަން
ބައްސާމް ވ ފީފާ : ސަސްޕެންޑް ކުރީ ރަނގަޅަށް!
ފީފާ އެތިކްސް ކޮމިޓީން އެފްއޭއެމްގެ ރައީސް ސަސްޕެންޑް ކުރީ ރަނގަޅަށް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ސީއޭއެސް ނުވަތަ "ކާސް") އިން 14 ފެބްރުއަރީ 2025 ގައި ވަނީ ހުކުމްކޮށްފަ އެވެ. ބައްސާމް ކޯޓަށް ދިޔައީ ފީފާގެ އެތިކްސް ކޮމިޓީން އޭނާ ސަސްޕެންޑް ކުރީ ރަނގަޅަށް ނޫން ކަމުގައި ބުނެ ފީފާ އާ ދެކޮޅަށެވެ.
Advertisement

ބައްސާމް ސަސްޕެންޑްކުރީ ރަނގަޅަށް ކަމަށް ކުރި މި ހުކުމަކީ، ކްލަބްތަކާއި، ނޯމަލައިޒޭޝަން ކޮމިޓީއާއި، އެފްއޭއެމްގެ އޮފިޝަލުންނާއި، އޮލިމްޕިކް ކޮމިޓީއާއި ސްޕޯޓްސްމިނިސްޓްރީގެ އޮފިޝަލުން ސަމާލުކަން ދޭންޖެހޭ އެތައް އިބްރަތްތަކެއް އެކުލެވޭ ހުކުމެކެވެ. 42 ސަފްހާގެ މި ހުކުމަކީ ރާއްޖޭގެ ކުޅިވަރު ތާރީހްގައި ލަދުވެތިކަމާއި އެކު ފާހަގަކުރާނެ ހުކުމަކަށް ވާނެއެވެ. އަދި އޭޝިއާ ސަރަހައްދުގެ ފުޓުބޯޅަ އެސޯސިއޭޝަން ތަކުގެ ތާރީހަށް ވެސް ވަންނާނެ ހުކުމަކަށް ވާނެއެވެ.

އެތިކްސް ކޮމިޓީއަކީ ކޮބާ؟

އެތިކްސް ކޮމިޓީއަކީ ފީފާގެ އަސާސީގަވާއިދުން މެމްބަރު ގައުމީ އެސޯސިއޭޝަންތަކުގައި ހަރަކާތްތެރިވާން މަޖުބޫރުކޮށްފައި އޮންނަ ބާރުގަދަ ޝަރުއީ ކޮމިޓީއެކެވެ. އެތިކްސް ކޮމިޓީގެ މެންޑޭޓަކީ ފީފާގެ ޑިސިޕްލިނަރީ ކޯޑް އާއި ކޯޑްއޮފް އެތިކްސް ތަމްފީޒުކުރުމުވެނެ. އެއީ، އެސޯސިއޭޝަންގެ އޮފިޝަލުންނާއި، ކުޅުންތެރިންނާއި، އޭޖެންޓުންގެ އަމަލުކުރަނީ ހަވާލާދީފައި އެވާ ކޯޑް (ގަވާއިދު) ތަކާ އެއްގޮތަށްތޯ ނުވަތަ ނޫންތޯކަނަޑައެޅުމެވެ. ރަނަގަޅާއި ގޯސް ވަކިކުރުމެވެ. އެތިކްސް ކޮމިޓީގެ މެންޑޭޓް އެވަނީ އެފްއޭއެމްގެ އަސާސީގަވާއިދުގެ އާޓިކަލް، 58 އާއި 60 ގައި ތަފްސީލްކޮށްދީފައެވެ.

އެސޯސިއޭޝަންގެ ރައީސް ބައްސާމް ނަމަވެސް، ވައްކަންކުރާނަމަ، އެތިކްސް ކޮމިޓީން އެކަމަށް ގޮތެއްނިންމަންޖެހެއެވެ. އެހެންނަމަވެސް އެފްއޭއެމްގެ އެތިކްސް ކޮމިޓީން އަބަދުވެސް ބަލަނީ ވާދަވެރި ކެންޓިޑޭޓުންގެ މައްސަލައެކަނިއެވެ. އެވަގުތެއްގައި ހުންނެވި ރައީސްއެއް މިކޯޑާ ހިލާފަށް ކިތަންމެ ގިނަ އަމަލުތަކެއް ހިންގިނަމަވެސް ނުބަލައެވެ. މިހެން މިކަން އޮންނަތާ ޒަމާންތަކެއްވީފަހުން، ރައީސް ބައްސާމް ގެ މައްސަލަ ބަލަން ނިންމީ ފީފާ އިންނެވެ. ފީފާގެ އެތިކްސް ކޮމިޓީންނެވެ.

އިންޓަރނޭޝަނަލް ކޯޓުން މިހާރު އެވަނީ، ފީފާގެ އެތިކްސް ކޮމިޓީން ބައްސާމް ސަސްޕެންޑްކުރަން ނިންމީ ރަނގަޅަށް ކަމަށް ހުކުމްކޮށްފައެވެ.

ސްޕޯޓްސްގެ ބައިނަލްއަގުވާމީ ކޯޓަކީ ކޮބާ؟

އިންޓަރނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (1984 ން) އަކީ އޮލިމްޕިކް ހުރިހާކުޅިވަރުތަކުން ބަލައިގަންނަ ކޯޓެވެ. ގައުމީ ފެންވަރުގައިނަމަ، އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނަނީ އެކޯޓަށް ހުށަހެޅޭ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލަންވާނީ އެސޯސިއޭޝަންގެ އެތިކްސް ކޮމިޓީންކަމަށެވެ. އެފަދަ މައްސަލަތަކަކީ ޑިސިޕްލިނަރީ ކޯޑާއި، ކޯޑްއޮފް އެތިކްސްއާ ހިލާފުވާ މައްސަލަތަކެވެ. މިސާލަކަށް ވައްކަމުގެ މައްސަލަތައް!

މިފަދަ މައްސަލަތައް ދެވަނަ މަރުހަލާގައި ބަލާނީ ފީފާގެ އެތިކްސް ކޮމިޓީންނެވެ. އިންޓަރނޭޝަނަލް ކޯޓަކީ ތިންވަނަ އަދި އެންމެ ފަހުގެ މަރުހަލާއެވެ. އެހެން އިބާރާތަކުން ދަންނަވަނީނަމަ، ސްޕޯޓްސް ގެ ސުޕްރީމް ކޯޓް މަރުހަލާއެވެ. ބައްސާމްގެ ސަސްޕެންޝަން ރަނަގަޅުކަމަށް ނިންމި ނިންމުމަކީ ކުޅިވަރުގެ ސުޕްރީމް ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމެކެވެ.

ބައިނަލްއަގުވާމީ ކޯޓުގައި ދިވެހިން

ބައްސާމާއި އިދިކޮޅަށް ކުރިހުކުމަކީ މިކޯޓުގައި ދިވެހި ރައްޔިތެއްގެ މައްސަލަ ބެލި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ހަތަރު އަހަރު ކުރީން 2021 ގައި، ދިވެހި ރަށްޔިތެއްގެ ކަމުގައިވާ މަރިޔަމް މާޔަން މުހަންމަދު އިންޓަރނޭޝަނަލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވެއެވެ. ރާއްޖޭގެ އަންހެން ފުޓުބޯޅަ އޮފިޝަލެއްކަމުގައިވާ މާޔަން މައްސަލައެއް ހުށަހެޅީ އޭއެފްސީ އާއި ދެކޮޅަށެވެ. އެއީ، 2019 ގައި އޭނާ ވާދަކުރި އޭއެފްސީގެ އިންތިހާބެއްގައި ކަރަޕްޝަނާއި، ތަފާތުކުރުން (ޑިސްކްރިމިނިޝޭޝަން) ހުރިކަމަށް ހުށަހެޅި މައްސައެވެ. މިމައްސަލަ ކޯޓުން ނިންމާފައިވަނީ މާޔަންއާ އެއްކޮޅަށެވެ.

your imageއަންހެން ފުޓުބޯޅަ އޮފިޝަލް މަރިޔަމް މާޔަން މުހަންމަދު (ފީފާ ރައީސް އާއިއެކު)، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް (ވ)

ކުޅިވަރުގެ ތާރީހްގެނަޒަރުން ބަލާނަމަ، މާޔަން މުހަންމަދަކީ އިންޓަރނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަންފޯސްޕޯޓް އަށް މައްސަލައެއް ހުށަހެޅި ފުރަތަމަ ދިވެހި ރައްޔިތު ކަމަށް ވާނެ އެވެ. އަދި އޭނާ ހުށަހެޅި މައްސަލަ، އޭނާޢާ އެއްކޮޅަށް ނިމުމަކީ ދިވެހިން ފަހުރުވެރިވާންޖެހޭނެކަކަމެކެވެ. އެއިރުގެ ސަރުކާރުން އެކަން ފާހަގަކޮށްފައި ނުވުމަކީ އެސަރުކާރުގެ އުނި ސިފައެއްކަމުގައި ކުޅިވަރު ތާރީހް ހެކިދޭނެ އެވެ.

މިއާ ހިލާފަށް، ބައްސާމް އަދީލް ޖަލީލް 28 ޖޫން 2024 ގައި ހުށަހެޅި މައްސަލައަކީ ދިވެހިން ލަދުގަންނަންޖެހޭނެ މައްސަލައެކެވެ. އަދި އެމައްސަލައިގެ ހުކުމް ކިޔާލުމުން، ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ ހަމަ ކޮންމެ މީހަކަށްވެސް، އަދި މިވަގުތުގެ އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުންނާއި، ކުރީގެ ދެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުންވެސް ހިމަނައި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް މިނިސްޓްރީގެ ހުރިހާ މުވައްޒޮފުންނަށްވެސް އިބުރަތްތެރި ފިލާވަޅުތަކެއް ހުރި ހުކުމަކަށް ވާނެ އެވެ.

ބައްސާމް ވ ފީފާ

ކޯޓަށް ދިޔައީ ބައްސާމެވެ. ބައްސާމް ކޯޓަށް ދިޔައީ ފީފާގެ އެތިކްސް ކޮމިޓީން 20 ޖޫން 2024 ގައި 9 މަސްދުވަހަށް އޭނާ ސަސްޕެންޑްކުރުމުންނެވެ. އޭގެ ހަތަރުދުވަސް ފަހުން 28 ޖޫން 2024 ގައި ސްވިޓްޒަލެންޑްގެ ލުޒާން ގައި ހުންނަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް އަށް ބައްސާމް ދިޔައީ އޭނާގެ ސަސްޕެންޝަނާ އިދިކޮޅަށް އިޖްރާއީ މައްސަލަތަކެއް ނަގާ އެތިކްސްކޮމިޓީން ކުރި ސަސްޕެންޝަން އުވާލުމަށް ހުށަހަޅައެވެ. ފީފާގެ އެތިކްސް ކޮމިޓީގެ ހުކުން އިސްތިއުނާފު ކުރުމަށެވެ.

ވީމާ ކޯޓުން މައްސަލަ ބަޔާންކޮށްފައިވަނީ "ބައްސާމް އަދީލް ޖަލީލް ވ ފީފާ" ކަމަށެވެ. (CAS 2024/A/10701)އެއީ ބައްސާމް އަދީލް ޖަލީލް ފީފާ އާ ދެކޮޅަށް ކޯޓަށް ވެއްދި މައްސަލައެއް ގޮތުގައެވެ. 7 މަސްދުވަސްފަހުން، 14 ޖެނުއަރީ 2025 ގައި އިންޓަރނޭޝަނަލް ކޯޓްގެ ހުކުމް އައީ ބައްސާމާ ދެކޮޅަށެވެ. ފީފާ އިން ބައްސާމް ސަސްޕެންޑްކުރަން ނިންމި ނިންމުން ރަނގަޅުކަމަށެވެ.

ފަސްމަންޒަރު

މައްސަލައަކީ ވައްކަމުގެ މައްސަލައެކެވެ. ވައްކަމުގެ މައްސަލައެއްގައި ދިވެހި ކުޅިވަރު އެސޯސިއޭޝަނެއްގެ ރައީސްއެއް އެކުޅިވަރުގެ އިންޓަރނޭޝަނަލް ފެޑެރޭޝަނަކުން ސަސްޕެންޑް ކުރި މައްސަލަ އެވެ. އެފްއޭއެމްގެ ރައީސްކަމުގައި ހުންނަވަނިކޮށް ފީފާގެ އެތިކްސްކޮމިޓީން އޭނާ ސަސްޕެންޑްކުރީ އެވެ. މިއީ ރާއްޖޭގެ ކުޅިވަރުދާއިރާގެ އޮފިޝަލެއްގެ ކަރަޕްޥަންގެ މައްސަލައެއް ދުނިޔޭގެ އެންމްމަތީ ކޯޓުގައި ބެލި ފުރަތަމަ ފަހަރަށް ވާނެ އެވެ. މިއީ ރާއްޖެއަށް އިންޓަރނޭޝަނަލް ޓޫރިޒަމަށް މަޝްހޫރު ދިވެހިރާއްޖެއަށް ހުތުރު ނަން ލިބޭނެ މައްސަލައެކެވެ.

ވައްކަމުގެ މައްސަލަ ފެށިފައިވަނީ 20 މާޗް 2018 ގައި މާފަންނު ދަނޑުގައި ސްޕޯޓްސް އެރިނާއެއް އަޅަން ފީފާ އިން 1،480،000 ޔޫއެސްޑޮލަރު ދޫކުރަން އެއްބަސްވުމެއްގައި ސޮއިކުރިތާ 5 އަހަރު ފަހުންނެވެ. 20 މޭ 2023 ގައި ޕްރޮޖްކްޓް ނިމިއްޖެކަމަށް އެންގުމުން، އޭގެ 4 މަސްދުވަސްފަހުން 24 ން 26 ސެޕްޓެމްބަރ 2023 އަށް ފީފާ ޑިވެލޮޕްމެންޓް އޮފީހުން ކުރި ސައިޓް ވިޒިޓަކަށްފަހު އުފަންވި މައްސަލައެކެވެ. އެ ސައިޓަށްފަހު ފީފާއަށް ފޮނިވި ފޮޓޯތަކުގައި ވަނީ ފީފާއިން ފަންޑުކުރި ސްޕޯޓްސް އެރީނާއެއް ނޫނެވެ. ކުއްޔަށްދޭ ގުދަންތަކެކެވެ.

އެފްއޭއެމުން ސްޕޯޓްސް އެރީނާ ކޮންޓްރެކްޓް "ޓީބަރޯ ކޮސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑް" ކިޔާ ކުންފުންޏަކަށް 16 ސެޕްޓެމްބަރ 2019 ގައި އެވޯޑްކުރިތާ 4 މަސްދުވަސްފަހުން، އެކުންފުންޏަށް 444،000 ޔޫއެސްޑޮލަރު ދޫކުރިތާ 2 މަސްދުވަސްފަހުން 31 މާޗް 2020 ގައި ޓިބަރޯ އިން ކުރިކަމަކީ، "އެޕޯލޯ ހޯލްޑިންގްސް" އަށް މި ޕްރޮޖެކްޓް ސަބްކޮންޓްރެކްޓް ކުރުމެވެ. އަދި މި ކޮންޓްރެކްޓްގެ 7.a.)) ގައި ބުނެފައިވަނީ އެޕޯލޯއަށް ފައިސާދޭނީ ސީދާ އެފްއޭއެމުން ކަމަށެވެ. އެހެންނަމަވެސް އެފްއޭއެމުން އެޕޯލޯއަށް ފައިސާ ދީފައި ނުވާކަމަށް ފީފާއިން ކޯޓުގައި ސާބިތުކޮށްދީފައިވެ އެވެ.

ފީފާއިން ބުނީ އެޕޯލޯއަށް ފައިސާދީފައެއް ނުވާކަމަށެވެ. އަދި ފައިސާގެ ބަދަލުގައި އެޕޯލޯއަށް ދޫކުރީ ބިމެއްކަމަށެވެ. 23 ޑިސެމްބަރ 2021 ގައި އެފްއޭއެމުން އެޕޯލޯ އާއި އެކު "ސެޓްލްމަންޓް އެގްރީމެންޓް" އެއްގައި ސޮއިކުރިއެވެ. އެއީ ސަރުކާރުން އެފްއޭއެމް އަށް ދޫކޮށްފައިވާ ބިމުން ބައެއް 13،000،000 ރުފިޔާ އަށް އަގުކޮށް (845،000 ޔޫއެސްޑޮލަރު) އެޕޯލޯ އަށް ދިނުންކަމުގައި ފީފާއިން ކޯޓުގައި ބުނެފައިވެ އެވެ. ސްޕޯޓްސް އެރީނާ އިމާރާތްކުރުމަށް ފީފާއިން އެފްއޭއެމަށް ދޫކުރި ފައިސާގެތެރެއިން ޔޫއެސްޑޮލަރު 1،036،000 ވަނީ ގެއްލިފަ އެވެ!

މައްސަލަ ބެލުން 

ފީފާއިން އެފްއޭއެމްގެ ކަރަޕްޝަންގެ މައްސަލަތައް ބަލަންފެށިކަން އެފްއޭއެމަށް އަންގާފައިވަނީ 17 މޭ 2024 ގައެވެ. މި މައްސަލަތައް ބެލުމުގައި، ބައްސާމްގެއިތުރުން، އެއެސޯސިއޭޝަންގެ އެހެން އޮފިޝަލުންނާއިވެސް ފީފާއިން ސުވާލުކޮށްފައިވެއެވެ. މިގޮތުން ފުރަތަމަ ފަހަރަށް ބައްސާމާއި، ކުރީގެ ސެކްޓްރީޖެނެރަލް ހުސެންޖަވާޒާއި 25 އޮކްޓޯބަރ 2023 ގައި ސުވާލުކޮށްފައިވެއެވެ. އެއަށް ފަހުގެ ސެކްޓްރީ ޖެނަރަލް ޖެނެރަލް ޖައުޝަންޝަރީފް އާއި 22 މޭ 2024 ގައި، ނައިބުރައީސް އަލީއުމަރާ، 23 މޭ 2024 ގައި، އަދި ބައްސާމްގެ ދިފާއުގާ ހެއްކިބަސްދިނުމަށް އެގްޒެކެޓިވްކޮމިޓީ މެމްބަރު އަބްދުއްލާ ޝިބާއު އާއި 21 ނޮވެމްބަރ 2024 ގައި ސުވާލުކުރިއެވެ.

އެތިކްސް ކޮމިޓީން މިމައްސަލަ ބަލަންފެށުމެގެ 7 މަސްދުވަސް ކުރިން، 25 އޮކްޓޯބަރ 2023 ގައި ޕެރރިސް، ފްރާންސް ގައި، ފީފާގެ މެމްބަރ އެސޯސިއޭޝަންގެ ފަރާތުން (ފީފާ މުވައްޒުފުގެނަން ހުކުމުގައި ނުހިމަނާ) ބައްސާމްއަދީލް ޖަލީލާއި، ހުސެއިން ޖަވާޒްއާ ބައްދަލުކޮށް ސްޕޯޓްސް އެރީނާގެ ކޮންޓްރްކްޓް ފީފާއާއި މަޝްވަރާނުކޮށް ބަދަލުގެނައީ ކީއްވެތޯ ސުވާލުކުރިއެވެ. ބައްސާމް ބުނެފައިވަނީ ސްޕޯޓްސް އެރީނާ ގުދަންތަކަކަށް ބަދަލުކުރީ އެފްއޭއެމް ދަރާފައިވާތީ، ދަރަނި ފިލުވަން ފައިސާ ހޯދަންކަމަށެވެ. ބައްސާމްއާއި ޖަވާޒު ދެއްކި މިވާހަކަތައް މިހުކުމުގައި ވަރަށް ތަފްސީލްކޮށް ލިޔެފައިވެއެވެ.

މިމައްސަލައިގައި ނައިބުރައީސް އަލީއުމަރު ބުނެފައިވަނީ، ސްޕޯޓްސް އެރީނާ ގުދަންތަކަކަށް ބަދަލުކުރަން ނިންމި ނިންމުމަކީ އޭނާ ދެނަހުރިކަމެއްނޫންކަމަށާއި، މިފަދަ މަޝްވަރާއެއްވެސް އުގްޒެކެޓިވްކޮމިޓީގައި ކޮށްފައި ނުވާކަމަށެވެ. އޭނާބުނީ ގުދަނަށް ބަދަލުކުރުމުގެހިޔާލަކީ ބައްސާމާއި، ޖަވާޒުގެ ހިޔާލެއްކަމަށެވެ.

your imageއަލީ އުމަރު

ޕެރިސް، ޕްރާންސްގައި އޮތްމިބައްދަލުވުމުގައި މެމްބަރ އެސޯސިއޭޝަންގެ އޮފިޝަލް ބައްސާމަށް އިތުރަށް ހަދާންކޮށްދިނީ، އެވަގުތުވެސް 2022 ގެ ސެޕްޓެމްބަރުންފެށިގެން އެފްއޭއެމްއޮތީ "ރެސްޓްރިކްޓަޑް ފަންޑިންގް" ގައިކަމަށާއި، ފައިސާދޫކުރުން ދަތިކޮށްފައިވަނީ، އެއިރުވެސް 575،000 ޔޫއެސްޑޮލަރު "އެހެންކަންކަމަށް" ހަރަދުކޮށްފައިވާތީކަމަށެވެ. ވީމާ މިހުކުމުން އެނގެނީ އެފްއޭއެމްގެ އެތެރޭގެ ކަރަޕްޝަންގެ ކަންކަން ކޯވިޑް ކޮންގްރެސްގެ އެއްއަހަރުފަހުން ފީފާ އާއި ހަމައަށް ތިލަވެފައިވާކަމެވެ.   

އެތިކްސްކޮމިޓީން ފީފާގެ ފައިސާއިން ވައްކަމުގެ މައްސަލަ ތަހުގީގްކުރަން ހަވާލުކުރީ އަންކުރާ ކޮންސަލްޓިންގް (ޔޫރޮޕް) އަށެވެ. މިކުންފުނިން 2 ން 12 ޖެނުއަރީ 2024 ގައި ރާއްޖެއައިސް ހޯދިހޯދުންތަކުން އިތުރު ވައްކަންތައްވެސް ފަޅާއެރިއެވެ. މިގޮތުން ފީފާއިން ދޫކުރި ކޮވިޑް އެހީގެ ފައިސާއިން ބައްސާމް ޕެންޓަހައުސް ގަންނަން އަމީންކޮންސްޓްރަކްޝަނަށް ދޫކުރި 1،000،000 ޔޫއެސްޑޮލަރުގެ ޗެކުގެ ކޮޕީއެއް ހޯދިއެވެ. ޕްރޮސެކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަލާފައިވާ 10،000 ޔޫއެސްޑުލަރުގެ ވައްކަންވެސް މިހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ބައްސާމް ސްސްޕެންޑްކުރުން.

އެފްއޭއެމްގެ ރައީސްކަމުގެ ފުރަތަމަ ޓާމް 2016 ގައި ބައްސާމްފެށީ، އެގްޒެކެޓިވް ކޮމިޓީ އިންތިހާބުކުރާނީ ރައީސްކަމަށް ކުރިމަތިލާ ކެންޑިޑޭޓުން ހުށަހަޅާ "ލިސްޓް" އަށް ވޯޓްލާއުސޫލުންކަމަށް އަސާސީގަވާއިދު އިސްލާހްކުރުމަށްފަހުއެވެ (އާޓިކަލް 26 އިލެކްޝަންސް). ވީމާ ބައްސާމްގެ ދެޓާމްގައިވެސް އެގްޒެކެޓިވްކޮމިޓީގައި ތިބީ ހުދު ބައްސާމް ބޭނުންވި މެމްބަރުންނެވެ. މިއީ އެންމެ ޒޯނެއްގެ 18 ކްލަބުން ބޭނުންވިގޮތެވެ.

your imageއެފްއޭއެމްގެ މާލޭ މެމްބަރުންގެ އެގްޒެކެޓިވް ކޮމިޓީ

ވީމާ 7 ޖޫން 2024 ގައި ވައްކަމާއި، އޮޅުވާލުމުގެ ބޮޑެތި މައްސަލަތަކުގެސަބަބުން ބައްސާމް ސަސްޕެންޑްކޮށް، އެގްޒެކެޓިވް ކޮމިޓީ އުވާލިއިރު، އެކޮމިޓީގައި ވެއަތުވެދިޔަ ދެޓާމްގައިވެސް ތިބީ ބައްސާމްގެ މެމްބަރުންނެވެ. ފީފާގެ ސަސްޕެންޝަން އިސްތިއުނާފުކުރުމަށް އިންޓަރނޭޝަނަލް ކޯޓަށް ދިއުމުން އެކޯޓުން ނިންމީ ފީފާއިން ބައްސާމް ސަސްޕެންޑްކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ. ކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ، ދާދި އެހަކަށްދުވަހު، 14 ފެބްރުއަރީ 2025 ގެ ތާރީހްގައެވެ. ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީއެއް ގާއިމްކުރިތާ 7 މަސްދުވަސް ފަހުންނެވެ.

މިވަގުތު ބައްސާމްގެ މައްސަލަ އެއޮތީ ރާއްޖޭގެ ކޯޓުމަރުހަލާގަ އެވެ. ރާއްޖޭގެ ކޯޓުގައިވެސް އެފްއޭއެމްގެ ނައިބުރައީސް އަލީ އުމަރާއި، ސެކްޓްރީޖެނެރަލް ހުސެންޖަވާޒު އާ ސުވާލުކޮށްފައިވާކަމަށް ރާއްޖޭގެ މީޑިއާތަކުން ބުނެފައިވެ އެވެ. އެރިޕޯޓްތަކުން ހަބަރު ލިބެނީ އަލީ އުމަރުވެސް، އަދި ހުސެއިން ޖަވާޒުވެސް ބުނަމުންގެންދަނީ ބައްސާމްގެ ނިންމުންތަކުގައި އެއިން އެކަކުވެސް ހިއްސާ ނުވާކަމަށެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގެ އާޓިކަލް 20 ގެ 6 ގައި ބުނަނީ އެފްއޭއެމްއާއި ގުޅޭ ޖިނާއީމައްސަލައެއް ސާބިތުވެފައިވާ މީހަކު އެފްއޭއެމްގެ މަގާމަކަށް ކުރިމަތި ނުލެވޭނެކަމަށެވެ.     

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލް ޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލް ޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލް ކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް