ads
ކުށުގެ ސަޒާ - 21 ވަނަ ބައި
އެޕިސޯޑް 21
Advertisement

ލިބުނު ޝޮކުގައި ފިޒާގެ މުޅި ހަށިގަނޑުން އޮއްދާހިއްލަން ފަށައިފި އެވެ. ދެއަތް މުއްކަވާލާފައި އޭނާ ލޯ މަރައިލި އެވެ. އަނގައިގައި ހުރިއްޔާ ހުރި ކުޅުކޮޅެއްގެ އެހީގައި ކަރުތެރެ ތެތްކޮށްލި އެވެ. އެއަށްފަހު ބަތްޝަބާއާއި ދިމާއަށް ފިޒާ ބަލައިލީ ތަފާތު ނަޒަރަކުންނެވެ. 

އާދަޔާހިލާފަށް ބަތްޝަބާ ހިމޭންވެފައިވާތީ އެވެ.  ލިބުނީ ހައިރާންކަމެވެ. ނިއްކުރިމައްޗަށް ރޫ ބަރިއެއް އަރުވާލާފައި ބަތްޝަބާއާއި ދިމާއަށް ފިޒާ ބަލައިލީ ފުން ނަޒަރަކުންނެވެ. ރުޅިއައިސް ރަތްވެފައިވާ ސިންގާއެއް ވަށްވަށް ޖައްސާފަދައިން ދާދިދެންވެ ވަރުއެރުވި އިންސާނާ މިހާރު މުޅިން މައިތިރިވެއްޖެ އެވެ. ހިނިތުންވެގެން ބަލަހައްޓައިގެން އެއޮތީ ފިޒާއާއި ދިމާއަށެވެ. ވާނުވާ ނޭގުމުން އަނެއްކާވެސް މޫނުގެ ކުލަވަރު ބަދަލުވެ، ދެލޮލާއި ނިއްކުރިއަށް ފިޒާ ރޫ އަރުވާލި އެވެ.

ހަމަކުއްލިޔަކަށް ގަދަ އަޑުން ބަތްޝަބާ ރޯންފަށައިފި އެވެ. ހަމަ އެހިނދުގައި ތުއްތުކުއްޖަކު ފަދައިން އޭނާގެ އަޑު ބަދަލުކޮށްފައި ރޯންފަށައިފި އެވެ. އައިސްގަނޑެއްގެ މަތީގައި ދެފައި ތަތްލާފައިވާ ފަދައިން ފިޒާ ހުއްޓުނީ ގަތް ބިރުންނެވެ.

"އަހަންނަކީ ވަރަށް ވަރަށް ނުލަފާ، ވަރަށް ވަރަށް ގޯސް މަންމައެއް.. އަހަރެންގެ އެންމެ ލޯބިވާ ދަރިފުޅުގެ މުޅި ދިރިއުޅުން ބަރުބާދުކުރީ އަހަރެން.. ފިޒާ... ދަރިފުޅާ..! ވަރަށް ބޮޑަށް ޝުކުރިއްޔާ..! އަލުން މިގެއަށް ތިޔައައީ އަހަރެންގެ ދަރިފުޅު ސަލާމަތްކުރަން ދޯ..؟ މި މަންމަގެ ހިތުގެ އެންމެ އަޑިން ދަރިފުޅަށް ޝުކުރުއަދާކުރަން.. އަހަރެންގެ ދަރިފުޅު ފިޒާދެކެ ވަރަށް ލޯބިވޭ..! އޭނނާ ވަރަށް ވަރަށް ބޮޑަށް ފިޒާދެކެ ލޯބިވޭ.. އަހަރެންގެ ދަރިފުޅަށްޓަކައި ތިޔަށްވުރެން ފުރިހަމަ އިންސާނަކު މި އުޑުދަށުން ނުލިބޭނެ.. ތި ދެކުދިން އެކުގައި އުފަލުގައި އުޅުމަށް މަންމަ އަބަދުވެސް އެދޭނަން.. އަހަރެންގެ ތާބިޝްއަށް އެންމެ އެކަށީގެންވަނީވެސް ހަމަ ފިޒާ..! މަންމައަށް ކުރެވުނު ހުރިހައި ކުށަކަށް މައާފްކޮށްދީ..!! އާދޭސްކޮށްފައި ބުނަން، މަންމައަށް މައާފްކޮށްދީ.. މަންމަގެ ތާބިޝް އަބަދަށްޓަކައި އުފަލުގައި ބަހައްޓައިދީ.. ޕްލިޒް ފިޒާ..!" ހިނިތުންވެފައި ބަތްޝަބާ މައާފަށް އެދުނުއިރު އޭނާގެ ދެލޮލުން ހިފެހެއްޓުމެއް ނެތް ކަރުނައިގެ ކޯރު ދެމެމުން ދިޔަ އެވެ.

އަދި އޭނާގެ ލޯބިވާ ދަރިފުޅުގެ އުފާވެރި ހަޔާތަށް، ފިޒާގެ ކިބައިން  އެހީއަށް އެދުނެވެ. 

ފިޒާއަށް ހުރެވުނީ ޝޮކެއްގެ ތެރޭގައެވެ. އެއަށްވުރެން ބޮޑަށް އޭނާގެ ސިކުނޑި ހަލަބޮލިވެ، ފެންނަމުންދިޔަ މަންޒަރާއި އިވެމުންދިޔަ އަޑުތަކުން ވާނުވާ ނޭގިފައި ހުރިކަން ކަށަވަރެވެ.

ބަތްޝަބާއަށް މިފަދަ ބަދަލެއް އައީ ކީއްވެގެންތޯ، ފިޒާގެ ސިކުނޑީގައި ސުވާލުތައް އެނބުރެން ފެށި އެވެ. ފުރަތަމަ ފެނުނީ ނުބައި ނުލަފާ، އަނިޔާވެރި، ބިރުވެރި ސިފައެކެވެ.  ހަމަކުއްލިޔަކަށް މުޅި މީހާ ބަދަލުވީ މައުސޫމް މަންމައަކަށެވެ. އަޑަށް ނެގައި ބަދަލުތަކާއި ދެއްކި ވާހަކަތައް ފިޒާގެ ނިއްކުރިއަށް ބާރުކުރަންފެށި އެވެ.

"ތާބިޝްގެ މަންމަ މިހާލުގައި މިގޭގައި އޮންނައިރު އަހަރެން ގާތުގައި މިވާހަކަ އެކަކުވެސް ނުބުނީ ކީއްވެބާ؟" ހިޔާލަށް ގެއްލިފައިހުރެ ފިޒާގެ އަމިއްލަ ސިކުނޑިއަށް އިވޭވަރަށް އޭނާ ބުނެލި އެވެ.

"ގޮތްކުޑަ، ލަދުކުޑަ އަންހެނާ، އަނެއްކާވެސް އަހަރެންގެ ގެއަށް ވެރިވެގަންނާން ތިޔައައީ އަހަރެންގެ ތާބިޝްގެ ހިތް ފަތަހަކުރެވޭނެކަމަށްތަ؟" ހުރި ފިޔަވަޅުމަތީން ފިޒާއަށް ފުންމައިގަނެވުނެވެ. އިވުނު އަޑަށް ތެޅެގަނެވުނެވެ.

"އަހަރެންގެ ދަރިފުޅު ބަރުބާދުކުރުމަށް ކަލެއަށް ކުޑަވެސް ފުރުސަތެއް ދޭނެކަމަށް ހީނުކުރާތި..! އަހަރެންގެ ދަރިފުޅަށް އެންމެ އެކަށީގެންވަނީ ހަމައެކަނި ލަވާންޔާ..! އެއީ އަހަރުމެންނާއި އެއް ފެންވަރެއްގެ ގަދަރުވެރި، ފައިސާވެރި އަދި ތަހުޒީބުގެ ގޮތުން ކުރިއަރާފައި ހުރި ޒަމާނީ ކުއްޖެއް.. ތާބިޝްގެ ހަޔާތަށް ބޭނުމީ، ކަލޭ ކަހަލަ އަތުގައި މުކޮށްވެސް ނެތް، ފަގީރު ޔަތީމެއް ނޫން..! ލަވާންޔާއާއި ތާބިޝްގެ ކައިވެނި ކުރުވުމަށްޓަކައި އަހަރެން ނުކުރަނީ ކޮންކަމެއް..؟ އެހުރިހައިކަމެއް ހަރާބުކޮށްލީ ހަމަކަލޭ..! އަހަރެންގެ ތާބިޝްއަކީ އަހަރެން ބުނިއްޔާ ބުނިކަމެއް އަހަރެން ބޭނުންވި ކޮންމެ ގޮތަކަށް ކުރާނެ ކުއްޖެއް.. އެކަމަކު ކަލޭ.." ބަތްޝަބާ ބުނަން އުޅުނު އެއްޗެއް އޭނާ ހަނދާން ނެތުނުހެން ހީވިކަހަލަ ގޮތެއް މޫނުމަތީން ފެނުނެވެ. 

ވިސްނާލުމަށްފަހު، ރުޅިއައިސް ރަތްވެފައި ފިޒާއަށް ބަލައިލާފައި އަނެއްކާވެސް ހަރުކަށި ބަސްތަކުން ފެށި އެވެ.

"އެކަމަކު ކަލޭ އެ ހުރިހައިކަމެއް ބަދަލުކުރީ.. އަހަރެންނާއި އަހަރެންގެ ލޯބިވާ ދަރިފުޅުގެ ގުޅުން ކަފުންކުރީ ކަލޭ..! ކަލެއާއި ކައިވެނިކުރުމަށް އަހަރެންގެ ލޮލުން ބޮލުން ދެކޮޅުހެދިން.. އެކަމަށް ދެކޮޅުހެދުމަށް އަހަންނަށް ކުރެވުނު ހުރިހައި ކަމެއް ކުރީން.. އެދުވަހު ނާކާމިޔާބުވީ އަހަންނަށް..! އަހަންނަށް ނޭގި ކަލޭމެން  ކައިވެނިކުރީ އަހަރެންގެ ނިންމުމަށް ގޮންޖަހަންވެގެން.. އެކަމަކު އަހަރެން ބޭނުންވާ ގޮތަށް ކަލޭ މިގެއިން ނެރި ބޭރުކޮށްލިން..! އަހަރެންގެ އާރާއި ބާރު ކަލެއަށް ހުންނާނީ ފެނިފައި..!" މަކަރުވެރި ފާޑަކަށް ހިނިއައިސްފައި ފިޒާއާއި ދިމާއަށް ބަލައިލި އެވެ. ފިޒާ އެއްޗެއް ނުބުނުމުން އަނެއްކާވެސް ފެށީ ބަތްޝަބާ އެވެ.

"އަހަރެން ގަބޫލުކުރަން، އަހަރެންގެ ކިތަންމެ ރޭވުމެއް ނާކާމިޔާބުވި..! އެކިގޮތްގޮތުން ތާބިޝްއާއި ލަވާންޔާ އެކަކު އަނެކަކާއި ގާތްކުރުމަށް އަހަރެން އެތައް މަސައްކަތެއް ކުރިން.. އެކަމަކު ކަލޭގެ ލޯބީގައި އަހަރެންގެ ދަރިފުޅުހުރީ ދީވާނާވެފައި.. އަހަރެންގެ ހުރިހައި ރޭވުމެއް ބޭކާރުވަމުންގޮސް، ކާމިޔާބުކުރެވުނީ، ރައުދު ޒިލާލްގެ ކަންތައްގަނޑު...! އެދުވަހު އަހަރެންވީ އުފާ ބުނެދޭނީވެސް ކޮން ދުލަކުން... ހައްހައްހައްހައްހާ...! ބަލިކަށި ބުޅާގަނޑެއް ނެރި އެއްލާލާހެން، މިގެއިން ކަލޭ ބޭރުކޮށްލީ އަހަރެންގެ ލޯބިވާ ދަރިފުޅު..! އެދަރިފުޅަށް ހައްގު މިންވަރު ހޯދައިދޭން އަހަރެން ވީ ގުރުބާނީ ކަލެއަށް އަންދާޒާވެސް ނުކުރެވޭނެ.. ކަލޭ ޖެހުނީ ނާށިގަނޑު ހިފައިގެން ސަލާންޖަހަން ... އަދިވެސް ހަމަ އެހެން ހަދާލާނަން..! ހައްހައްހައްހާ..." ކަރުބުޑުން އަޑު ނެރިގެން ބަތްޝަބާ ހޭންފެށީ ބިރުވެރިގޮތަކަށެވެ.

"އަހަރެންގެ ދަރިފުޅުގެ ދިރިއުޅުމުން ކަލޭ ނެރި ބޭރުކުރާނަން...! ބޭރުކުރާނަން...! ވާރޭއާއި ތެމިފައި އޮންނަ ހިކަނދިގަނޑެއް ފަދައިން ކަލޭ ނެރި ހޫރުވާލާނަން..! ހައްހައްހާ...!" ބަތްޝަބާ ކިޔަން ބޭނުން ހުރިހައި އެއްޗެއް ކިޔުމަށް ފިޒާ ފުރުސަތު ދިނެވެ. 

ބަތްޝަބާ ހެމުންދިޔައީ ކަރުބުޑުން ބިރުވެރި އަޑެއް ނެރިގެންނެވެ. ފިޒާގެ ސިކުނޑިއާއި ހިތުގައި ހިނގަމުންދިޔޔަ އިހްސާސްތައް އޭނާގެ ހަރަކާތްތަކުން ފެންނަމުންދިޔަ އެވެ. ދަތްކުނޑިވިކި، ލޭ ނާރުތައް ފެންނަވަރަށް ބާރަށް އަތުގެ އިނގިލިތައް މުށްކަވާލާފައިވޭ އެވެ. ފަހަރަކު ފިޔަވަޅެއް ނަގަމުން ބަތްޝަބާއާއި ފިޒާ ގާތްވަމުންދިޔައީ ޖެހިލުމެއް ނެތި އެވެ. އޮށޯވެ އޮތް ބަތުޝަބާގެ ދެކޮނޑުގައއި ހިފާފައި ފިޒާ ތަޅުވައިގަތެވެ.

"އަހަރެންނާއިމެދު ތިވަރަށް ނަފްރަތުކުރީ ކޮންސަބަބަކާހުރެ..؟ އަހަރެންގެ ކުށަކީ ކޮބާ..؟ އަހަރެންނާއި ތާބިޝްގެ ކުށަކީ ކޮބާ..؟ އަހަރުމެން ދެމީހުންގެ ދިރިއުޅުން ހަލާކުކޮށްގެން ލިބުނީ ކޯއްޗެއް..؟ ކީއްވެ އަހަރުމެންނަށް އެހެން ހެދީ..؟ ބުނޭ ކީއްވެގެން އެހެން ހެދީ..؟" ފިޒާގެ ގައިގައި ހުރި ބާރެއްލާފައި ބަތްޝަބާގެ ހަށިގަނޑު ތަޅުވަމުންދިޔީ އެތައް ޖަވާބަކަށް އެދެމުންނެވެ.

ފިޒާގެ މައްޗަށް މިފަހަރުވެސް ކާމިޔާބު ހޯދީ ބަތްޝަބާ އެވެ. އަތުގެ ނާރުތަކުން ލޭހިނގުން ހުއްޓުވާލާފަދަ ބާރރުގަދަ ހިފުމަކުން ފިޒާގެ އަތުގައި ބަތްޝަބާ ހިފި އެވެ. އަލިފާން އަނގުރު ފަދައިން ރަތްވެފައިވާ ދެލޮލުން ފިޒާއާއި ހަތަރުކަޅި ހަމަކުރި އެވެ. 

"ސަބަބަކީ ކަލެއަކީ ހައިބަތުހުރި އާއިލާއެއްގެ ނަމެއް ނެތް، ތަނަވަސްކަމެއްގެ ޒައްރެއްގެ މިންވަރެއްވެސް ނެތތް، ފަގީރު ނިކަމެތި ޔަތީމަކަށްވާތީ..! މިހުރިހައި ކަމަކަށްވުރެން ބޮޑަށް އަހަރެން ކަލެއަށް ނަފްރަތުކުރަނީ، އަހަރެންގެ ދެ ދަރިން ކަލެއަށްޓަކައި ގުދަށް އޮންނާންޖެހުނަސް ތަބާވާނެ މިންވަރަށް، ކިޔަމަންވާތީ..! އަހަރެންގެ ބާރު ކަނޑުވާލާ އަހަރެންގެ ގެއަށް ކަލޭ އަތްގަދދަކުރާނެތީ..! ކަލެއަކީ ނާސިގެތަކުގައި ނީލަންކިޔަންވެސް ކަމުނުދާ ވަރުގެ ބަލިކަށި ބުޅާގަނޑެއް..!" ފިޒާގެ ލޮލަށް ބަލަމުން ބަތްޝަބާ ބުނެލި ވިހަ ޖުމުލަތަކަކީ ފިޒާގެ ހުވަފެނެއްގައިވެސް އޭނާގެ ސިކުނޑިއާއި ހިތާ ހަމައަށް ވާސިލްނުކުރެވޭނެ ހިތްދަތި އިލްޒާމްތަކެކެވެ.

ލޭހިނގަމުންދިޔަ ނާރުތަކުގައި ލޭ ދައުރުވުން ހުއްޓިއްޖެ އެވެ. ފިޒާގެ މުޅި ހަށިގަނޑުން އޮކްސިޖަން ހުސްވެއްޖެ އެވެ. ލޯކުރިމަތީން ސިފަވަނީ ގޮތް ނޭގޭ އާލަމެއްގެ ބާރުގަދަ ތޫފާނެކެވެ. އިނގިއްޔެއްގެ މިންވަރުވެސް ގުޑުވާލަން ފިޒާއަށް ނޭގުނެވެ. 

"އިތުރަށް އަޑުއަހަން ކެތްވާނެތަ؟" ފިޒާއަށް ތެޅިގަނެވުނީ އޭނާގެ ކަރުގައި ބަތްޝަބާ ހިފުމުންނެވެ. ސަލާމަތްވުމަށް ކުރެވޭނެ މާބޮޑުކަމެއް ނެތަސް، ފިޒާގެ ހިމަހިމަ އިނިގިލިތަކުން، ބަތްޝަބާގެ އަތް ދުރުކުރެވޭތޯ މަސައްކަތްކުރި އެވެ.

"އެއީ އަހަރެންގެ ބާރުގެ ދަށުން އަހަރެންގެ ތާބިޝް ފޭރިގަތީމައި.." ކަރުބުޑުން ބުނެލި ޖުމުލައާއެކު ފިޒާގެ މޫނުގައި ނުހަނު ބާރަށް ބަތްޝަބާ ޖަހައިފި އެވެ. ހަރަކާތެއް ގެންނާން ނޭގުނީ ނޭވާއަކަށް އެދި ތެޅިފޮޅެމުންދިޔަ ފިޒާއަށެވެ.

"އެއީ އަހަރެންގެ ލޯބިވާ ދަރިފުޅަށް އަހަރެންގެ ބާރެއް ނުފޯރުވުނީތީވެ..! އަހަރެންގެ ދަރިފުޅު އަހަރެން ކިބބައިން ފޭރިގަތީ ކަލޭ..! އަހަރެން ކަލެއަށް ނަފްރަތުކުރަން..." އަތުގައި ހުރި ހުރިހައި ބާރެއް ލާފައި ބަތްޝަބާގެ ހަމަލާތަށް ފިޒާގެ މޫނަށް އަމާޒުކުރަމުންދިޔަ އެވެ.

ކަރުނައާއި ގިސްލުމުގެ އަޑެއް ނޫނީ ފިޒާގެ ދިފާއުގައި ނުފެނުނެވެ. ނޭވާ ހުސްވެ، ގައިން ވާގިދޫވަމުންދިޔައިރުވެސް ބަތްޝަބާގެ އަނިޔާއަށް ބަދަލެއް ނާދެ އެވެ.

"ކަލޭގެ ދުވަސް އަހަރެން ދުއްވާލާނަން.. ކަލެއަކީ.."

"މަންމާ.."

ރުޅިއާއި ނަފްރަތުން ފުރިގެންވީ އަޑުން ވަށައިގެންވީ ފާރުތައްވެސް ގުޑުވާލި އެވެ. ފުރާނައިގައި ކިރިޔަ ކިރިޔާ ވިންދެއް އިން ފިޒާވެސް އެއަޑަށް އެސްފިޔަ ތަޅުވާލި އެވެ.

އޭރުވެސް ބަތްޝަބާގެ ދެއަތުން އޮތީ ފިޒާގެ ކަރުގައި ހިފާފަ އެވެ. ދޮރުމަތީގައި ހުރި ތާބިޝް ދުވެފައި އައިސް ބަތްޝަބާގެ ވަކިތަކުގެ ތެރެއިން ފިޒާ ސަލާމަތްކޮށް، ހަމަ އެވަގުތުގައި ތާބިޝްގެ ދެއަތުގެ ތެރޭގައި ފިޒާ ބޮނޑިކޮށްލި އެވެ.

"ހުރިހައި ކަމެއް އެނގިހުރެވެސް، އަނެއްކާ ދެވަނަ ފަހަރަށްވެސް ތިޔަ މަކަރުވެރި އަންހެނާގެ މަޅީގައި ބެދެނީތަ..؟ މަށަށްވުރެން މިއަދުވެސް މުހިއްމުވަނީ ކުނިވެފައި އޮތް ނިކަމެތި މީދާގަނޑެއްތަ..؟" ހުތުރު އަޑަކުން ބަތްޝަބާ ހަޅޭއްލަވަން ފެށި އެވެ. 

"މަންމާ.. ޕްލީޒް، ޕްލީޒް، ޕްލީޒް.. ތިހެން ނޫޅެބަލަ..! ތިކަހަލަ ކަންކަން ނުކޮށްބަލަ! ހަމަހޭގައި ހުރެވޭތޯ ބަލާބަލަ.. މަންމަ ކީއްވެތަ ތިހެން ތިއުޅެނީ..؟ މަންމަގެ ރުޅި ކޮންޓްރޯލްކޮށްބަލަ..!" ފެންކަޅިވެފައި ހުރެ ތާބިޝް އާދޭސްކުރީ އަދަބުވެރިކަމާއެކު އެވެ. 

"ތާބިޝް..!" ދެލޮލުން ކަރުނަގަނޑު ބާލަމުން ބަތްޝަބާ ބަލައިލީ ތާބިޝްއަށެވެ. އަމިއްލަ ނަފުސު ކުއްވެރިކުރެވިފައިވާ މީހަކު ފަދައިން ތާބިޝްއަށް ގޮވާލި އެވެ.

"ޕްލީޒް ކިލް މީ ތާބިޝް...! އަހަރެން މިއީ ވަރަށް ނުބައި ނުލަފާ މަންމައެއް.. މިދުނިޔޭގައި އަހަރެން އުޅުމުގެ އެއްވެސް ހައްގެއް މިހާރަކު ނެތް.. އަހަރެން މިހެން އޮންނަން ވެއްޖެނަމަ، ދުވަހަކަށްވުރެން ދުވަހެއް ތިކުދިންނަށް މި މަންމަގެ ނުރައްކާތެރިކަން ބޮޑުވާނެ.. ކޮންމެ ދުވަހަކު ކޮންމެވެސް އެކަކަށް މިފަދަ އަނިޔާތަށް ދިނުމަކީ މަންމައަށްވެސް ކެއްވާވަރުކަމެއް ނޫން.." ތާބިޝްގެ އަތުގެތެރޭގައި ބޮނޑިކޮށްލާފައި އޮތް ފިޒާއަށް ބަތްޝަބާ ބަލައިލި އެވެ. އޭނާގެ ކޯތާފަތް ހުރަސްކޮށް ކަރުނާ ފައިބައިގަތެވެ. 

"ޔާ ﷲ... އަނެއްކާވެސް މިއަޅާއަށް މިކުރެވުނީ ކޮންފަދަ ބޮޑު ކުށެށް.. އަހަރެންގެ ފިޒާއަށް މިދެވުނީ ކޮންފަދަ ހަރުކަށި އަނިޔާއެއް..! އަނެއްކާވެސް އަހަރެންގެ މި ދެއަތުން ފިޒާއަށް މިދެވުނީ، މައާފުލިބުން ނެތް އަނިޔާއެއް.. ޔާ ﷲ.. މިއަޅާއަށް އަމާންކަން ދެއްވާން ދޭވެ..! މިއަޅާއަށް ހިމޭން މަރަކުން، ނިމުން ދެއްވާން ދޭވެ..! އެންމެ ދުވަހަކުވެސް ދިރިހުންނާކަށް ބޭނުމެއް ނޫން.. އަހަރެން ދިރިހުރުމަކީ އެތައް ބަޔަކަށް އޮތް ނުރައްކަލެއް..! ދިރިހުންނާކަށް އަހަރެން ބޭނުމެއް ނޫން... މި މަންމައަށް މައާފްކުރޭ... ފިޒާ، މި މމަންމައަށް މައާފްކުރޭ..! މަންމައަށް މައާފްކޮށްދީ ފިޒާ... މައާފްކޮށްދީ.. މައާފްކޮށްދީ ފިޒާ...!" ބަތްޝަބާ ރޯންފަށައިފި އެވެ.

ހަމައެވަގުތު ބާރަށް ދުވެފައި އައިސް ކޮޓަރިއަށްވަނީ ސަވާނާ އެވެ. ފްރިޖްގެ ތެރެއިން އިންޖެކްޝަނެއް ނަގާފައި ތައްޔާރުކޮށްލައިގެން އައިސް، ފަރުވާތެރިކަމާއެކު ބަތްޝަބާއަށް ފަރުވާ ދީފި އެވެ. ހިމޭން ނިންޖަކުން ބަތްޝަބާގެ ދެ ލޯ މެރިގެންދިޔަ ވަގުތު އޭނާގެ ދެލޮލުގެ ހިމަކޮޅުން ފޭބީ ހޫނު ކަރުނަ އެވެ. ނިދެމުން ދިޔައިރުވެސް ބަތްޝަބާ މައާފަށް އެދެމުންދިޔައީ ފިޒާގެ ކިބައިންނެވެ.

"ތާބިޝް...؟ މިއީ ކޮންކަމެއް..؟" ހައިރާންވެ، ބިރުގަތްފައި ފިޒާ ސުވާލުކޮށްލީ ނުހަނު ހިތްވަރުކޮށްފަ އެވެ.

"އައި ވިލް އެކްސްޕްލެއިން އެވްރިތިންގ ޓު ޔޫ ފިޒާ..! އާދޭސްކޮށްފައި ބުނަން، އަހަރެންގެ މަންމައަށް މައާފްކޮށްދީ..!" ފިޒާގެ ކުރިމަތީގައި ދެއަތް ޖޯޑުކޮށްލާފައި ތާބިޝް ބުންޏެވެ.

އޭނާގެ ދެ ކޯތާފަތުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެރެމުންދިޔަ އެވެ. (ނުނިމޭ)

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް