
ފުލުހުން ވަނީ ޒުވާނުން ކުރަމުން އައި މުޒާހަރާ ބާރުގެ ބޭނުންކޮށް ރޭ ރުޅާލާފައެވެ. އަދި މުޒާހަރާގެ ތެރެއިން އުމުރުން 19 އަހަރުގެ އައިޝަތު ޝިމަން އަހުމަދާއި އުމުރުން 28 އަހަރުގެ އަބްދުﷲ މަހްޒޫމް މާޖިދު ވަނީ ހައްޔަރުކޮށްފައެވެ. މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެ ގަތީ އެއްވެސް އިންޒާރެ ދިނުމަކާ ނުލައިއެވެ.
ރޭގެ މުޒާހަރާގައި ބަޔަކު ހައްޔަރުކުރުމުން އެކަމާއި ގުޅިގެން ރައީސް މުއިއްޒުގެ ދަރިކަނބަލުން ޔަސްމިން މުހައްމަދު މުއިއްޒު ދެއްކިކަމަށް ބުނާ ވާހަކަތަކަށް އަންނަނީ ސޯޝަލް ދައުރުވަމުންނެވެ. އެވާހަކަތަކުގައި ވަނީ ރޭގެ މުޒާހަރާ ފުލުހުން ރޫޅާލީ ރަނގަޅަށްކަމަށާއި މުޒާހަރާއިން ހައްޔަރުކުރި ޒުވާނަކަށް މަލާމަތް ރައްދުވާ ގޮތަށް ދައްކާފައިވާ ވާހަކަތަކެކެވެ.
މިކަމާއި ގުޅިގެން ރައީސް މުއިއްޒުގެ އާއިލީ ވަކީލް އާޒިމާ ޝަކޫރް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭ މުޒާހަރާގެ ބައިވެރިއަކު ހައްޔަރުކުރުމާ ގުޅޭ ގޮތުން ޔަސްމިން މުހައްމަދު މުއިއްޒުގެ އިންސްޓަގްރާމްގައި ވާ ޕޯސްޓެެއްކަމަށް ބުނެ ދައުރުވަމުންދާ ސްކްރީން ޝޮޓަކީ ފޭކް ސްކްރީން ޝޮޓެއްކަމަށެވެ. އަދި ދޮގު ހަބަރުތައް ނުފެތުރުމަށް ރައީސްގެ އާއިލާއިން އެދޭކަމަށް އާޒިމާ ވިދާޅުވިއެވެ.
މާލޭގައި ޒުވާނުން ކުރަމުން ގެންދިޔަ މުޒާހަރާ ބާރުގެ ބޭނުންކޮށްގެން ރުޅާލީ މިއަދު ގިނަ އަދަދެއްގެ ދަރިވަރުން އޯލެވެލް އިމްތިހާނު ހަދަން ދާންޖެހޭތީކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ.