
މުލީ އެއާޕޯޓަށް މިމަހުގެ 25ގައި ވަނީ ޓެސްޓް ފްލައިްޓް ޖައްސާފައެވެ.
މުލީ އެއާޕޯޓް މިދިޔަމަހުގެ 30ގައި ނުވަތަ މިމަހުގެ އެކެއްގައި ހުޅުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެޑައިގަތުމަށް އޮތީ ނިންމާފައެވެ.
މުލީ ރައްޔިތުން ބުނީ އެއާޕޯޓް ހުޅުވުން ފަސްކޮށްފައިވަނީ އެ ރަސްމިއްޔާތެއް ބޮޑެތި ހޭދަތަކެއް ކުރުމަށްފަހުއެވެ. އެގޮތުން ރަސްމިއްޔާތު ބާއްވަން ބޭނުންވާ ތަންތަން ހަދާ އެނޫންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ރައްޔިތުން ފާހަގަކުރުއެވެ.
މީގެއިތުރުން އެ ރަސްމިއްޔާތު ލައިވްކުރުމަށާއި ތަން ތައްޔާރުކުރުމަށް މީގެ ހަފްތާއެއްހާ ދުވަސްކުރިން ޓީމްތައް އައިސް މަސައްކަތްކޮށްފައިވާކަމަށްވެސް ރަށު ރައްޔިތުން ބުނިއެވެ. އަދި ރަސްމިއްޔާތު ލައިވްކުރުމަށް ޕީއެސްއެމްގެ ގިނަ އަދަދެއްގެ މުވައްޒަފުންވެސް ހަފްތާއެއްގެ ކުރިން ރަށަށް އައިސް ތިބިކަމަށާއި ރަސްމިއްޔާތު ކެންސަލްވުމުން އިއްޔެ އެމީހުން ފުރާފައިވާކަމަށް ރަށު ރައްޔިތުން ބުނެއެވެ.
މުލީ ކައިންސިލުން ބުނީ އެއާޕޯޓް ހުޅުވުން ކެންސަލްކުރިކަން އަންގާފައިވަނީ އިއްޔެ ރޭގައި ކަމަށެވެ. ސަބަބެއް ނާނގާކަމަށް ކައުންސިލްގެ އޮފިޝަލަކު ބުންޏެވެ.
މުލީގައި ތަރައްގީކޮށްފައިވާ އެއާޕޯޓް
މ މުލީގައި އެއާޕޯޓް ތަރައްގީކުރަން ނިންމާ އެ މަސައްކަތް ފެށީ މިދިޔަ ވެރިކަމުގައި 2021 ވަނައަހަރުއެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫއުގެ އަގަކީ 221.7 މިލިއަން ރުފިޔާއެވެ.
މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. އަދި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަން ގާއިމުކޮށްފައިވެއެވެ.