
ގުދުސް އަދި އެ ސަރަހައްދުގެ ރަށްތަކަށް ނުރައްކާވާ ފަދަ މިންވަރަށް ފެތުރެމުންދާ މި އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ވަނީ އެ ސަރަހައްދުތަކުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހިފައެވެ. އަދި ގުދުސް އާއި ޓެލް އަވީވް ގުޅުވާލާ މައި މަގު ވަގުތީގޮތުން ބަންދުކުރަން ވެސް ޖެހުނެވެ.
ނަތަންޔާހޫ ބުނީ މިހާރު އެ ގައުމުގައި ކުރިމަތިވެފައިވަނީ ގައުމީ ފެންވަރުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށެވެ. އަދި ހޫނު އަދި ގަދަ ވައިގެ ސަބަބުން އަލިފާން ގުދުސްގެ ބައެއް ސަރަހައްދުތަކަށް ފޯރާފާނެ ކަމުގެ ބިރު އޮތް ކަމަށް ބުންޏެވެ. އިޒްރޭލުން ވަނީ ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދި، އިޓަލީ އަދި ކްރޮއޭޝިއާއިން އަލިފާން ނިއްވުމަށް ބޭނުންކުރާ މަތިންދާބޯޓުތައް ފޮނުވަން ފަށާފައެވެ.
މަގެން ޑޭވިޑް އަޑޯމް ރެސްކިއު ސަރވިސްއިން ބުނީ މި ހާދިސާގައި މިހާތަނަށް 23 މީހުންނަށް އަނިޔާވެފައިވާ ކަމަށާއި، އޭގެ ތެރެއިން 13 މީހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަނިޔާވި މީހުންގެ ތެރޭގައި މާބަނޑު އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ. ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވިރު ބުނީ މި އަލިފާނުގެ ހާދިސާތަކަކީ ގަސްތުގައި ރޯކުރި އަލިފާނެއް ކަމަށް ބެލެވޭ ކަމަށާއި، މިކަމާ ގުޅިގެން ބައެއް މީހުން ހައްޔަރުކުރެވިފައިވާ ކަމަށެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި 100 އަށްވުރެ ގިނަ ގްރައުންޑް ކުރޫއާއި ގިނަ އަދަދެއްގެ މަތިންދާ ބޯޓުތައް ބައިވެރިވެއެވެ.