
މާލޭގައި ސިލްސިލާކޮށް މިހާރު ހިނގަމުންދާ މުޒާހަރާއަކީ މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަމުން ގެންދާ މުޒާހަރާއެކެވެ.
މި މުޒާހަރާގެ ތެރެއިން ފުލުހުންވަނީ މިރޭ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައި، ދެ މީހަކު ހައްޔަރުކޮށްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އައިޝަތު ޝިމަން އަހުމަދު އަދި އަބްދުﷲ މަހްޒޫމް މާޖިދު އެވެ. މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެ ގަތީ އެއްވެސް އިންޒާރެ ދިނުމަކާ ނުލައި އެވެ.
މުޒާހަރާ ރޫޅާލުމުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ހިނގި އެވެ. އަދި މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން ޕެޕާސްޕްރޭ ވެސް ބޭނުންކުރި އެވެ.
ފުލުހުންގެ ތަހުގީގު ސެކްޝަން ހުންނަ އިމާރާތް، ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގު ކައިރީ މަޖީދީ މަގުގައި، "ދުލެއް ނުކުރާނަން" ނަމުގައި ކޮންމެ ރެއަކު ޒުވާނުން ކުރަމުން ގެންދާ މުޒާހަރާ މިރޭ ހޫނުވީ އެ ސަރަހައްދުގެ މަގު ބަންދުކޮށް ޓޭބަލް ޓެނިސް އާއި ކެރަމް ކުޅެން މުޒާހަރާގެ ބައިވެރިން މަގު މެދުގައި އިށީނުމުން ފުލުހުން އެކަން ހުއްޓުވަން އުޅުމުންނެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަމުން އަންނަ މުޒާހަރާތަކަށް ފުލުހުން ކުރިން ފުރުސަތު ދިން ނަމަވެސް މިރޭ 12 ޖަހަން އުޅެނިކޮށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލާފައެވެ. އަދި މުޒާހަރާ ލީޑު ކުރާ ދެ ޒުވާނަކު ވަރަށް އަނިޔާވެރިކޮށް ފުލުހުން ގެންދިޔަ މަންޒަރުވަނީ ފެނިފައެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވިއިރު، އެ މައްސަލަ ރައީސް އުފެއްދެވި ކޮމިޝަނަކުން އަންނަނީ ބަލަމުންނެވެ.