
ޕޯޗުގީޒް ވަގު ޕާސްޕޯޓްތައް ބޭނުންކޮށްގެން ދަތުރުކުރި ތިން މީހުން ރާއްޖެއަށް އައިސް މަޑުކޮށްފައިވެއެވެ. ނަމަވެސް އެމީހުން ވަނީ ޑީޕޯޓުކޮށްލައިފައެވެ. ޕާކިސްތާނަށް ދިޔުމަށްފަހު ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަން އޭޖެންސީ (އެފްއައިއޭ) ފައިސަލްއާބާދު ޒޯނުން އެމީހުންވަނީ ހައްޔަރުކޮށްފަ އެވެ.
ހައްޔަރުކުރެވުނު މީހުންނަކީ އުމަރު ފަރޫޤް، ނައިލާ އަދި އަޝްރަފް މަހުމޫދުއެވެ. މި ތިން މީހުން ރާއްޖޭގައި ތިއްބައި ވަގު ލިޔެކިޔުންތައް ބޭނުންކުރިކަން ހާމަވުމާ ގުޅިގެން ޑީޕޯޓުކޮށްފައިވާކަމަށް ތަހުގީގުން ހާމަވިއެވެ. މި މީހުން ބައިނަލްއަގުވާމީ ދަތުރުތައް ސިއްރުން ކުރުމަށް ޔޫކޭގައި ދިރިއުޅޭ އަރުޝަދު ނަމަކަށް ކިޔާ އޭޖެންޓަކަށް 600,000 ޕާކިސްތާނީ ރުޕީސް ދީފައިވާ ކަމަށް ތަހުގީގުން ހާމަވިއެވެ. މި ދަތުރުތަކުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ވަގު ޕާސްޕޯޓުތަކާއި ބޯޑިން ޕާސްތައް ހޯދައިދިނީ ފައިސަލްއާބާދުގެ މުހައްމަދު އުމައިރެވެ.
ފަހަކަށްއައިސް މި ގޭންގުން 5 އަންހެނުން އުމްރާ ވިސާގެ ނަމުގައި ސައުދީ އަރަބިއްޔާއަށް ގެންގޮސް މަގުމަތީގައި ސަލާންޖަހަން މަޖުބޫރުކޮށްފައިވާކަމަށް ވެސް ތަހުގީގުން ހާމަވިއެވެ.