
މި ޖަރާސީމަކީ ހޮސްޕިޓަލްތަކުގެ ކްރިޓިކަލް ކެއާ ޔުނިޓްތަކުގައި އާންމުކޮށް ފެންނަ، އަދި ހާއްސަކޮށް ބަލިހާލު ދެރަ މީހުންނަށް ނުރައްކާތެރި އެއްޗެއްކަމަށް ހެލްތު މިނިސްޓްރީން ކުރިން ވެސް އަންގާފައިވެއެވެ.
އައިޖީއެމްއެޗުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، މި ޖަރާސީމު ފެނުމާއެކު ވަގުތުން އިންފެކްޝަން ކޮންޓްރޯލް ފިޔަވަޅުތައް އަޅައި، ހާލަތު ކޮންޓްރޯލްކުރެވިފައިވާ ކަމަށެވެ. އަދި މިހާތަނަށް އިތުރަށް މި ޖަރާސީމު ފެނިފައިނުވާކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ. މީގެ އިތުރުން، އެންމެހާ ބަލިމީހުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ.
މި ހާލަތާ ގުޅޭ އިތުރު މައުލޫމާތު އަވަހަށް ހާމަކުރާނެކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.
ޑރ. ހައިފާ އަހުމަދު ވަނީ މި މައުލޫމާތު އަވަހަށް އާންމުކޮށްފައިވާތީ ޝުކުރު އަދާކުރައްވާފައެވެ.
މަލްޓި-ޑްރަގް ރެސިސްޓަންޓް ޖަރާސީމަކީ ގިނަ ބާވަތްތަކުގެ އެންޓިބަޔޮޓިކްތަކަށް ދެކޮޅުހަދާ ޖަރާސީމުތަކެއް ކަމަށްވާތީ، މިފަދަ ހާލަތްތަކުގައި ހާއްސަ ފަރުވާއާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއްކަމަށް ސިއްހީ މާހިރުން ބުނެއެވެ.