
ބަންޑާރަ ނައިބްގެ އޮފީހުން ނެރުނު ނޫސް ބަޔާނުގައި ބުނީ އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އދ. އާއި އެހެން ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާ ގުޅިގެން އިޒްރޭލުގެ އިލްތިޒާމްތަކާ ގުޅޭ ގޮތުން އައިސީޖޭގެ އިޝްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލާގައި ރާއްޖެއިން ބައިވެރިވެ، ކޯޓުގައި ބޭއްވި އަޑުއެހުމުގައި މިއަދު މެންދުރު ފަހު ބަޔާންދީފައިވާ ކަމަށެވެ.
އެ އަޑުއެހުމުގައި ރާއްޖެ ތަމްސީލު ކުރެއްވި ބައިނަލްއަގްވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި ވެސް ވަނީ ބޭރުގެ މުއާހަދާތަކުން ރެކުމަށް އިޒްރޭލުން ގައުމީ ސަލާމަތާއި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ދައްކަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ފާހަގަކޮށްފައެވެ. އަދި ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށެއްގެ ގޮތުގައި ކަނޑައެޅުމާއި މިނިވަން މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއް ގާއިމުކުރުން ކަމަށް ދިވެހި ސަރުކާރުން ދެކޭކަމަށް ވެސް ބުނެފައިވެއެވެ.