
ރަސްފަންނު ސަރަހައްދުން ފެށިގެން މަޖީދީމަގުން އިރަށް ހިނގައި އާޓިފިޝަލް ބީޗަށް ނިންމާލުމަށް ރޭވި މި ހިނގާލުން ހުއްޓުވާލީ ބޮޑުތަކުރުފާނު މަގާއި މަޖީދީމަގު ގުޅޭ ހިސާބުގައި ބެރިކޭޑު ޖަހައިގެންނެވެ.
މި ރެލީގައި ޑްރައިވާސް އެސޯސިއޭޝަން، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އަދި ޕޯޓް ވޯކާސް ޔޫނިއަން ފަދަ އެކި ދާއިރާތަކުގެ ޔޫނިއަންތަކާއި އެސޯސިއޭޝަންތަކުން ބައިވެރިވިއެވެ. ރެލީ ހުއްޓުވާލުމަށްފަހު މަސައްކަތްތެރިން އަޑު އުފުލަމުން ދިޔައީ ރަސްފަންނު ސަރަހައްދުގައެވެ. ޕޯޓް ވޯކާސް ޔޫނިއަނުން އެމްޕީއެލްގައި މަސައްކަތުގެ މާހައުލުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް ގޮވާލިއެވެ.
ރެލީގައި ބައިވެރިވި އެހެން ޖަމިއްޔާތަކުން ވެސް އެކި ކަންކަމަށް އަޑު އުފުލިއެވެ. ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަނުން ރިސޯޓު މަސައްކަތްތެރިންނަށް ތުނބުޅި ބެހެއްޓޭނެ ގަވާއިދު ހެދުމަށް ގޮވާލިއެވެ. ޑްރައިވާސް އެސޯސިއޭޝަނުން ޓެކްސީ ޑްރައިވަރުންގެ މަސައްކަތް މި ސަރުކާރުން ނެތިކޮށްލާފައިވާ ކަމަށް ބުނެ އިހުތިޖާޖުކުރިއެވެ. މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ރެލީގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ގޮވާލިއެވެ.