
މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަށް ކުރިން ލިބެމުންދިޔަ އެލަވަންސްގެ ބަދަލުގައި މިހާރު ރަސްމީ މުސާރައެއް ގާނޫނީގޮތުން ވަނީ ހޯދައިދެއްވާފައި ކަމަށެވެ.
މި ސަރުކާރުން ވަނީ މި އަހަރުގެ ތެރޭގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެމްބަރުންނަށް އެލަވަންސް ދިނުމުގެ ބަދަލުގައި ރަސްމީ މުސާރަ އާއި ރޯދަމަހުގެ އިނާޔަތް ލިބޭގޮތަށް ހަމަޖައްސައި ބިލެއް ފާސްކޮށްފައެވެ. އަދި މި ބިލް ރޯދަ މަހުގެ ކުރިން ރައީސް ތަސްދީގުކުރައްވާފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އޭގެ އިތުރުން، ޑަބްލިއުޑީސީ މެމްބަރުންނަށް އިންސްޓޯލްމެންޓް ސްކީމްތަކުން ތަކެތި ނެގުމުގެ މަގުވެސް ވަނީ ތަނަވަސްކޮށްދެއްވާފައި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ފާސްކުރެވުނު ބިލުގައި ޑަބްލިއުޑީސީ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްސީލުކުރުމާއިއެކު ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސްފައިވެއެވެ. އަދި ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމުގެ އުސޫލުތައްވެސް މި ބިލުގައި ހިމެނެއެވެ. އެގޮތުން، އެހެން ގާނޫނެއްގެ ދަށުން ރަމަޟާންމަހުގެ ޢިނާޔަތް ލިބިނުދެވޭ ކޮންމެ މެންބަރަކަށް، ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރޯދަ މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.