
މިއަދު ފާހަގަ ކުރާ މަސައްކަތްތެރިންގެ ދުވަހުގައި ރައީސް މުހައްމަދު މުއިއްޒު އެކްސްގައި ވިދާޅުވީ، ދޮޅު ލައްކަ ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާން ވެސް މިހާރުު ހަމަކޮށްފައިވާ ކަމަށެވެ.
އެ މަނިކުފާނު މިކަން ފާހަގަ ކުރެއްވީ، ސަރުކާރުގެ ކާމިޔާބީއަށް އިތުރުވި އާ ބޮޅެއްގެ ގޮތުގަ އެވެ.
ރައީސް ވަނީ މިއަހަރުގެ މަސައްކަތްތެރިންގެ ދުވަސް މިއަދު ފާހަގަކުރަމުން ދާއިރު ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާމެދު ވިސްނާލަންޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސެޕްޓެމްބަރު، 2019 ގައި ވެސް ވަރުގަދަ ކެމްޕެއިނެއް ފެށި އެވެ. އެ ހަރަކާތުގައި 40،000 އަށް ވުރެ ގިނަ ބިދޭސީން ރަޖިސްޓަރީ ކުރި އެވެ. އެކަމަކު، އެ ސަރުކާރުގެ މުއްދަތު ހަމަވިއިރު ވެސް ބިދޭސީންގެ މައްސަލަ ހައްލު ކޮށް ނުދެވުނެވެ. ފަހުން ބިދޭސީންގެ ރަޖިސްޓްރޭޝަންގެ ކަންކަން ވެސް ހުއްޓުނީ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ވެސް ހުއްޓުވުމަށް ވެސް ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންގައި ހިފެހެއްޓި ބިދޭސީންގެ ގަވާއިދާ ހިލާފަށް ރާއްޖޭގެ އުޅުނު 4،000 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓްކޮށްފަ އެވެ.