
ސިޔާސީ ފިކުރަށް ބަލައި ތަފާތުނުކުރާނެކަމަށާއި، ވަޒީފާދީ، ވަކިނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ތަކުރާރުކޮށް އެކި ޕޯޑިއަމްތަކުގައި ވަނީ ވިދާޅުވެފައެވެ. އެހެންނަމެސް އިދިކޮޅު އެމްޑީޕީގެ ހަރަކާތެއްގައި ބައިވެރިވި ވެމްކޯގެ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން އެތައް ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ އޭގެތެރޭގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތައްވެސް ހިމެނެއެވެ.
ވެމްކޯއިން ދެ މުވައްޒަފުން ވަކިކުރުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ ޤާނޫނު އަސާސީގެ ދަށުން ސިޔާސީ ޕާޓީތަކުގައި ބައިވެރިވެ ހަރަކާތްތެރި ވުމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިދީފައިވާ ހައްގަކަށް ވާއިރު އެމްޑީޕީގެ ހަރަކާތެއްގައި ބައިވެރިވުމާ ގުޅިގެން ދެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ކުރުން ކުއްވެރިކުރައްވާކަމަށެވެ. އަދި މި ފެށެނީ ސިޔާސީ ފިކުރާ ހެދި ވަޒީފާ ގެއްލުމުގެ ސަގާފަތެއްކަމަށް ސާލިހް ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީގެ ހަރަކާތެއްގައި ބައިވެރިވެގެން ވަޒީފާއިން ވަކިކޮށްފައިވަނީ ވެމްކޯގެ ހިތަދޫ ބްރާންޗުގެ މެނޭޖަރުކަމުގައި ހުރި މޫސާ މުހައްމަދާއި އެތަނުގެ އެހެން މުވައްޒަފެއްކަމަށްވާ މުހައްމަދު އަފްޒަލްއެވެ. މި ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުން ސަރުކާރު ހިންގާ ޕީއެންސީ މެމްބަރު އައްޑޫ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާންވެސް އެކަން ކުށްވެރި ކުރައްވާފައެވެ.